Roadha Mihaaru
އެއްވަރު ވިޔަސް ޓީމު ޕްރެޝަރަކަށް ނުދޭ: މިލާން ކޯޗު

އެއްވަރު ވިޔަސް ޓީމު ޕްރެޝަރަކަށް ނުދޭ: އޭސީ މިލާން ކޯޗު

05 އެޕްރީލް 2022

މިލާން (އޭޕްރީލް 4) - އިޓާލިއަން ލީގުގެ އެއްވަނައިގައި އޮތް އޭސީ މިލާނަށް ރޭ އަމިއްލަ ދަނޑުގައި ބޮލޯނިއާ އަތުން ލަނޑެއް ނުޖެހި އެއްވަރުވިޔަސް، ޓީމު ޕްރެޝަރަށް ނުދާކަން އޭސީ މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިލާން (އޭޕްރީލް 4) - އިޓާލިއަން ލީގުގެ އެއްވަނައިގައި އޮތް އޭސީ މިލާނަށް ރޭ އަމިއްލަ ދަނޑުގައި ބޮލޯނިއާ އަތުން ލަނޑެއް ނުޖެހި އެއްވަރުވިޔަސް، ޓީމު ޕްރެޝަރަށް ނުދާކަން އޭސީ މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނެފި އެވެ.

ބޮލޯނިއާ އަތުން މޮޅު ނުވެވި، އޭސީ މިލާނަށް ވަނީ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ. ރޭގެ ނަތީޖާއާ އެކު އޭސީ މިލާން ކުޅުނު 31 މެޗުން 67 ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތީ އެއް ޕޮއިންޓުގެ ތަފާތުންނެވެ. ދެވަނައިގައި އޮތީ ނަޕޯލީ އެވެ. ނަޕޯލީ ވެސް 31 މެޗު ކުޅެފައިވާ އިރު އެ ޓީމަށް ލިބިފައި ވަނީ 66 ޕޮއިންޓެވެ.

އެއް މެޗު މަދުން، 30 މެޗު ކުޅެގެން 63 ޕޮއިންޓާ އެކު ތިންވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނެވެ. އަދި، 2011 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކުރި ފަހުން އޭސީ މިލާން ފުރަތަމަ ފަހަރަށް ލީގު ކަމިޔާބުކުރަން ކުރާ މަސައްކަތަށް މިވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

"އަހަރެން ގަބޫލުކުރަން މިފަދަ ދަނޑިވަޅެއް ވެސް އަތުވެދާނެ ކަމަށް. މި ދަތިތައް އަދި ކޮންމެ ޓީމަކަށް ވެސް ކުރިމަތި ވެދާނެ. ދޮގެއް ނުހަދާ ބުނާނަމަ، (އެއްވަރު ވިޔަސް) ހަފްތާ ބަންދު ނިމިގެން މި ދިޔައީ ޓީމަށް ވަރަށް މުނާސަބުކޮށް. އެކަމަކު އެޑްވާންޓޭޖް ނުނެގި މި ދިޔައީ،" ޕިއޯލީ ބުންޏެވެ.

ރޭގެ މެޗުގައި އޭސީ މިލާނުގެ ކޯޗު ޕިއޯލީ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގައި އޭސީ މިލާނުގެ ކޯޗު ޕިއޯލީ.-- ފޮޓޯ: އޭއެފްޕީ

އޭސީ މިލާނުން ވަނީ ރޭގެ މެޗުގައި ބޮލޯނިއާގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ނަމަވެސް ހަމަލާތަކުގެ ހުރަހަކަށްވީ ބޮލޯނިއާގެ ގޯލްކީޕަރު ލޫކަސް ސްކޮރުޕްސްކީ އެވެ. އޮލިވިއޭ ޖިރޫ އާއި ރަފައެލް ލެއާއޯ ފޮނުވާލި ހަމަލާތައް ސްކޮރުޕްސްކީ ވަނީ ދިފާއު ކޮށްފަ އެވެ. އަދި ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި އޭސީ މިލާން ނެގި ކޯނަރަކުން އަންޓޭ ރެބިޗް ބޮލުން ފޮނުވާލި ބޯޅަ ވެސް އޭނާ ދިފާއު ކުރި އެވެ.

"މިއީ (ޕްރެޝަރުގެ ސަބަބުން) ދިމާވި ސައިކޮލޮޖިކަލް މައްސަލައެއް ކަމަށް ވެސް ގަބޫލެއް ނުކުރަން. އެއީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޓީމު ކުޅުނީ އެންމެ ރަނގަޅު ކޮލިޓީގައި. ކުޅުންތެރިން ވަރަށް ރަނގަޅު ފުރުސަތުތައް އެބަ ހޯދާ، އެކަމަކު ނިންމާލަން އުނދަގޫ ވަނީ،" ޓީމު އޮތީ ޕްރެޝަރުގައި ނޫން ކަމަށް ބުނަމުން ޕިއޯލީ ބުންޏެވެ.

"ޓީމާ މެދު އެއްވެސް ޝަކުވާއެއް ނެތް. އެކަމު އޭރިއާ ތެރޭގައި ތަންކޮޅެއް ސަމާލުވާން އެބަ ޖެހޭ. ކޮންމެ މެޗެއް ވެސް މި ކުޅެނީ މޮޅުވާން. ނަމަވެސް ގެއްލިގެން މިދިޔައީ ވަރަށް ބޮޑު ފުރުސަތެއް ހަގީގަތުގައި، ހާއްސަކޮށް ސަޕޯޓަރުންގެ ކުރިމަތީގައި."