Roadha Mihaaru
ރާއްޖޭގެ އެކްސްޗޭންޖް ރޭޓް ފްލޯޓް ކޮށްލަން ވީތަ؟

ރާއްޖޭގެ އެކްސްޗޭންޖް ރޭޓް ފްލޯޓް ކޮށްލަން ވީތަ؟

06 އެޕްރީލް 2022

ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ކުއްލިއަކަށް ވަރަށް ބޮޑަށް ވެއްޓުމާ ގުޅިގެން، ދެން އިވެން ފެށި ވާހަކައަކީ އެމްއެމްއޭ އިން ކަނޑައަޅާފައިވާ ފިކްސްޑް ރޭޓް ދޫކޮށްލައި، އެ ރޭޓް ފްލޯޓް ކޮށްލުމުގެ މުހިންމު ވާހަކަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ކުއްލިއަކަށް ވަރަށް ބޮޑަށް ވެއްޓުމާ ގުޅިގެން، ދެން އިވެން ފެށި ވާހަކައަކީ އެމްއެމްއޭ އިން ކަނޑައަޅާފައިވާ ފިކްސްޑް ރޭޓް ދޫކޮށްލައި، އެ ރޭޓް ފްލޯޓް ކޮށްލުމުގެ މުހިންމު ވާހަކަ އެވެ.

މިއީ ވަރަށް ބޮޑު ތާރީހެއް އޮތް ވާހަކައެކެވެ؛ ރާއްޖޭގެ އެކްސްޗޭންޖް ރޭޓުގެ ތާރީހަށް ބަލާ އިރު، ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ފްލޯޓިން ރޭޓަކަށް މީގެ ކުރިން ވެސް ވަނީ ބަދަލުކޮށްފަ އެވެ. އެކަމަކު، ތަޖުރިބާ އޭރު އެހާ ރަނގަޅު ކަމަކަށް ނުދެއްކި އެވެ.

އެކްސްޗޭންޖެ ރޭޓުގެ މުހިންމު ތާރީހުތައް

އެމްއެމްއޭ އިން 1987-1994 އާ ހަމައަށް އެކްސްޗޭންޖް ރޭޓް ފްލޯޓިން ރޭޓަކަށް ބަދަލު ކުރި އެވެ. އެ ބަދަލާ އެކު އެކްސްޗޭންޖް ރޭޓް 8.50 އިން 12ރ. އަށް އަރައިގެންދިޔަ އެވެ. އަނެއްކާ ވެސް ޕެގް ރޭޓަކަށް ނުވަތަ ކޮންޓްރޯލް އަގަކަށް ބަދަލު ގެނައީ ޑޮލަރުގެ އަގު މާކެޓްގައި އިންތިހާ އަށް އުފުލި އެކަން ކޮންޓްރޯލު ކުރާނެ ގޮތް ހުސްވެގެންނެވެ. އޭގެ ފަހުން 2011 ވަނަ އަހަރު އެކްސްޗޭންޖް ރޭޓް ވަނީ 10.28ރ. އާއި 15.42ރ. އާ ދެމެދުގެ ޕެގް ރޭޓަކަށް ބަދަލުކޮށްފަ އެވެ. ބަދަލު ކުރި ތަނާހެން ޕެގް ކުރި އެންމެ ބޮޑު ރޭޓަށް އެކްސްޗޭންޖް ރޭޓު ގޮސް ހަރުލި އެވެ.

ރާއްޖޭގެ މާލީ ތާރީހުގައި އަބަދުވެސް ފެންނަނީ ކޮންޓްރޯލް ރޭޓުގައި އޮންނަ އިރު ވެސް އެންމެ މަތީ ރޭޓުގައި ޑޮލަރުގެ އަގު ހުއްޓަ އެވެ. އެ އަދަދު އެންމެ ތިރީގައި ދުވަހަކު ވެސް ލައްވައެއް ނުލަ އެވެ.

ފްލޯޓް ކޮށްލަން އެންމެ ރަނގަޅު ވަގުތުތަ؟

ޑޮލަރުގެ އަގު ވަރަށް ބޮޑަށް ވެއްޓުނު ހަބަރާ އެކު، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި، މިއީ ފްރީ ފްލޯޓިން ރޭޓެއް ގެންނަން ޖެހޭ ހާލަތު ކަމަށް ވިދާޅުވި އެވެ. އޭރުން ކަޅު ބާޒާރު އެއްކޮށް ނައްތާލެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކޮވިޑާ ގުޅިގެން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާ އަށް ބޮޑުވެ، ޑޮލަރުގެ ދަތިކަން އިންތިހާ އަށް ފޯރި ދުވަސްކޮޅެއް ކުރިމަތިވުމަށް ފަހު އެވެ.

އެ ވާހަކަފުޅަށް ވަރަށް ބޭފުޅުން ތާއީދު ވެސް ކުރައްވަ އެވެ. ބައެއް ބޭފުޅުން ދެކޮޅު ވެސް ހައްދަވަ އެވެ. ތާއީދުކުރައްވާ ބޭފުޅުން ތާއީދުކުރައްވާ މައިގަނޑު ސަބަބަކީ ކޮންޓްރޯލް ނިޒާމެއްގައި އެ އަގުގައި ދުވަހަކު ވެސް ޑޮލަރު ލިބެން ނުހުންނާތީ އެވެ. ދެކޮޅު ހައްދަވާ ބޭފުޅުން ވިދާޅުވަނީ، އެގޮތަށް ދޫކޮށްލައިފި ނަމަ، އިގްތިސާދީ ގޮތުން ގައުމު ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓުމުގެ ބިރު ވެސް އޮތުމެވެ. ކޮންޓްރޯލް އަގެއް އޮތުުން މިހާރު ވެސް ދައުލަތުގެ ރަސްމީ އަގެއްގެ ގޮތުގައި ކޮންޓްރޯލް އަގު ގަބޫލުކުރާތީ، އެއީ ވަރަށް ބޮޑު ލުޔެއް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

މެޝިން ބޭނުން ކޮށްގެން ޑޮލަރުތަކެއް ގުނަނީ: ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ޑޮލަރު ބޭރުކުރޭ-- ފޮޓޯ: ނިޝާން އަލީ/މިހާރު

މެޝިން ބޭނުން ކޮށްގެން ޑޮލަރުތަކެއް ގުނަނީ: ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ޑޮލަރު ބޭރުކުރޭ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ސުވާލަކީ މި އެވެ؛ ޑޮލަރުގެ ކޮންޓްރޯލް އަގު އެމްއެމްއޭ އިން ދޫކޮށްލަންވީ ހެއްޔެވެ؟

މި ސުވާލަށް އެކި ބޭފުޅުން ދެއްވާ ޖަވާބު ތަފާތެވެ. ކުރީގެ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ، ފްރީ ފްލޯޓިން އެކްސްޗޭންޖް ރޭޓެއް ގެނައުމަކީ ދިގު މުއްދަތަށް ބަލާ އިރު އެކަމުން ފައިދާތަކެއް ހޯދިދާނެ ކަމެއް ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު މި ވަގުތު އޮތް ގޮތުން އެއީ މިހާރުން މިހާރަށް ކުރުން އެންމެ ރަނގަޅު ކަމަކަށް ނުވެ ހިނގައިދާނެ ކަމެއް ކަމަށެވެ.

ކޮންމެ ނިޒާމެއްގައި ވެސް ރަނގަޅާއި ގޯސް ހުންނަ ފަދައިން ފްރީ ފްލޯޓިން އެކްސްޗޭންޖް ރޭޓުގައި ވެސް ޕޮޒިޓިވް/ނެގެޓިވް ކަންކަން އެބަ ހުއްޓެވެ. ފްލޯޓިން ރޭޓެއްގެ ސަބަބުން ގައުމުގެ އިގްތިސާދުގެ ހަގީގީ މަންޒަރު ފެންނާނެ އެވެ. އަދި އިގްތިސާދު ހަމައަކަށް އަޅުވަން ސަރުކާރުން ކުރަން ޖެހޭ މަސައްކަތްތައް އިތުރުވާނެ އެވެ. ހަމަ އެއާއެކު، ޑޮލަރަށް އޮތް ހަގީގީ ޑިމާންޑު ފެނި ދިވެހި ފައިސާގެ އަގު މާ ބޮޑަށް ސާފުވާނެ އެވެ. މިހާރު މި އޮންނަ "އާޓިފިޝަލް ރޭޓުން" ރާއްޖޭގެ ހަގީގީ އެކްސްޗޭންޖް ރޭޓު މިފެންނަނީ ކަޅު ބާޒާރުގެ އަގުތަކުންނެވެ.

"ރާއްޖޭގައި އެކްސްޗޭންޖް ރޭޓް ހަމައަކަށް އެޅުވޭނެ ވަރުގަދަ ރިޒާވެއް އޮންނަންވާނެ. މި ވަގުތު ރާއްޖޭގެ ހާލަތު އޮތް ގޮތުން އެކަން ކުރެވޭނެ ހެނެއް ހިޔެއް ނުވޭ،"

"ފްރީ ފްލޯޓިން ރޭޓަކަށް ހިނގައްޖެ ނަމަ ސަރުކާރަށް ވެސް މަޖުބޫރުވާނެ ހަރަދުތައް ކުޑަކޮށް ޑޮލަރުގެ އަގު ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އަޅަން،" ނަސީރު ވިދާޅުވި އެވެ.

އެމްއެމްއޭ އިދާރާ: ޑޮލަރުގެ ކޮންޓްރޯލް ދޫކޮށްލައިފި ނަމަ ބޮޑު ޕްރެޝަރަކަށް ވެއްޓޭނެ-- ފޮޓޯ: މިހާރު

އެމްއެމްއޭ އިދާރާ: ޑޮލަރުގެ ކޮންޓްރޯލް ދޫކޮށްލައިފި ނަމަ ބޮޑު ޕްރެޝަރަކަށް ވެއްޓޭނެ-- ފޮޓޯ: މިހާރު

ކުއްލިއަކަށް އަގު އުފުލޭނެ، އެމްއެމްއޭ އަށް ބޮޑު ޕްރެޝަރަކަށް ވާނެ!

ފްލޯޓިން ރޭޓެއް ގެނެސްފި ނަމަ ރާއްޖޭގެ ފައިސާގެ އަގު ވެއްޓި ޑޮލަރުގެ އަގު ކުއްލިއަކަށް އަރައިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ނަސީރު ވިދާޅުވި އެވެ. ކޮވިޑާ ގުޅިގެން ޓޫރިޒަމް ހުއްޓުނު ދަނޑިވަޅު ވެސް ޑޮލަރުގެ އަގު ވަނީ 20ރ. އަށް އަރައިގެން ގޮސްފަ އެވެ. ފްލޯޓިން ރޭޓަކަށް ހިނގައްޖެ ނަމަ އެއަށް ވުރެ ވެސް މައްޗަށް ޑޮލަރުގެ އަގު އަރައިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.

އޭނާ ވިދާޅުވީ، ފްލޯޓިން ރޭޓެއް ގެންގުޅޭ ނަމަ އެމްއެމްއޭގެ ރިޒާވުން ޖެހޭނީ މާކެޓަށް ޑޮލަރު އިންޖެކްޓްކޮށް ޑިމާންޑް ހަމަޔައަކަށް އަޅުވާށެވެ. މިފަދަ ބޮޑު ރިސްކެއް ނެގޭ ވަރުގެ ރިޒާވެއް ރާއްޖޭގައި އޮތް ކަމަށް ޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"ރާއްޖޭގައި އެކްސްޗޭންޖް ރޭޓް ހަމައަކަށް އެޅުވޭނެ ވަރުގަދަ ރިޒާވެއް އޮންނަންވާނެ. މި ވަގުތު ރާއްޖޭގެ ހާލަތު އޮތް ގޮތުން އެކަން ކުރެވޭނެ ހެނެއް ހިޔެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

މީހަކު ޑޮލަރުތަކެއް ދައްކަނީ: ޑޮލަރުގެ އަގު އަނެއްކާ ވެސް އަންނަނީ ދަށްވަމުން-- ފޮޓޯ: މިހާރު

މީހަކު ޑޮލަރުތަކެއް ދައްކަނީ: ޑޮލަރުގެ އަގު އަނެއްކާ ވެސް އަންނަނީ ދަށްވަމުން-- ފޮޓޯ: މިހާރު

ރާއްޖޭގެ އިގްތިސާދު ދިރާސާ ކުރައްވާ އެހެން ބޭފުޅަކު ވިދާޅުވީ، ފްރީ ފްލޯޓިން ރޭޓަކީ އެންމެ ރަނގަޅު ނިޒާމު ނަމަވެސް އެއީ ރާއްޖޭގެ އިގްތިސާދަށް އެންމެ ރަނގަޅު ނިޒާމު ނޫން ކަމަށެވެ. ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދަކީ ޓޫރިޒަމަށް ބަރޯސާވެ، އިމްޕޯޓުން ގައުމު ހިންގާ ގައުމަކަށް ވާތީ އެވެ.

"އެކި ދުވަސް ދުވަހު އިމްޕޯޓުކޮށްގެން ތަކެތި ގެންނަން އެކި އަގުތައް ހުރީމަ ތަކެތީގެ އަގުތައް ބޮއްސުންލައިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިމްޕޯޓަރުންގެ އިތުރުން ދައުލަތުގެ ދަރަނިތައް އަދާ ކުރަން ވެސް މިކަމުން ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށެވެ.

"ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 100 ޕަސެންޓުގައި ހުރި އިރު ކޮންމެ އަހަރަކު އަނބުރާ ދައްކަން އެބަޖެހޭ އެތައް ބިލިއަން ރުފިޔާއެއް. ބޭރުގެ ލޯނުތަކަށް ފައިސާ ދައްކަން ޖެހޭނީ ޑޮލަރުން. މިގޮތަށް ފްލޯޓު ކުރުމުން އެކި ފަހަރު ލޯނަށް ހޯދަން ޖެހޭ ރުފިޔާގެ އަދަދު ވާނީ އިތުރު."

"ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 100 ޕަސެންޓުގައި ހުރި އިރު ކޮންމެ އަހަރަކު އަނބުރާ ދައްކަން އެބަޖެހޭ އެތައް ބިލިއަން ރުފިޔާއެއް. ބޭރުގެ ލޯނުތަކަށް ފައިސާ ދައްކަން ޖެހޭނީ ޑޮލަރުން. މިގޮތަށް ފްލޯޓު ކުރުމުން އެކި ފަހަރު ލޯނަށް ހޯދަން ޖެހޭ ރުފިޔާގެ އަދަދު ވާނީ އިތުރު،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފްރީ ފްލޯޓިން ރޭޓެއްގެ ސަބަބުން، އިގްތިސާދަށް ކުރިމަތިވާނެ "އަންސާޓެއިންޓީ" ވަރަށް ބޮޑު ކަމަށެވެ. މިއީ ފަހަރުގައި ރާއްޖެއިން ނެގުން އެހާ ރަނގަޅު ރިސްކަކަށް ނުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮލަރު ކޮންޓްރޯލް ކުރަނީ ވަކި ބައެއް، އެ މީހުންގެ އަތަށް މުޅި އިގްތިސާދު

ރާއްޖޭގައި ޑޮލަރު ކޮންޓްރޯލް ކުރަނީ ނުފޫޒު ގަދަ މަހުމަޖުންނާއި ބައެއް ވިޔަފާރިތަކެވެ. ފްލޯޓިން ރޭޓެއް ގެނެސްފި ނަމަ މިފަދަ ކުޑަކުޑަ އިގްތިސާދެއްގައި އެ ފަރާތްތައް އެއް ބަސް ކިޔާފައި ވަރަށް ބޮޑަށް ޑޮލަރުގެ އަގު ކޮންޓްރޯލު ކުރުމުގެ ފުރުސަތު އެބައޮތެވެ.

އެމްއެމްއޭ އިން އާންމުންނަށް ޑޮލަރު ވިއްކަނީ: އެމްއެމްއޭ އަކީ ރާއްޖޭގެ އެކްސްޗޭންޖް ރޭޓް ރެގިއުލޭޓް ކުރާ އިދާރާ--ފޮޓޯ: މިހާރު

އެމްއެމްއޭ އިން އާންމުންނަށް ޑޮލަރު ވިއްކަނީ: އެމްއެމްއޭ އަކީ ރާއްޖޭގެ އެކްސްޗޭންޖް ރޭޓް ރެގިއުލޭޓް ކުރާ އިދާރާ--ފޮޓޯ: މިހާރު

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް ވިދާޅުވީ ފްލޯޓިން ރޭޓެއް ގެނައުމަކީ ޑޮލަރުގެ އަގު ކޮންޓްރޯލް ކުރަން އޮތް ހައްލު ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ޑޮލަރުގެ އަގު ކޮންޓްރޯލު ކުރުމުގެ ބާރު މާކެޓަށް ހިނގައްޖެ ނަމަ އެމްއެމްއޭ އަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި މިއޮތީ މާ ނާޒުކު އިގްތިސާދެއް. މާކެޓުގައި ވާދަވެރިކަމެއް އުފެއްދޭނެ ވަރަށް ވުރެ ކުޑަ އިގްތިސާދެއް މިއޮތީ."

"ރާއްޖޭގައި މިއޮތީ މާ ނާޒުކު އިގްތިސާދެއް. މާކެޓުގައި ވާދަވެރިކަމެއް އުފެއްދޭނެ ވަރަށް ވުރެ ކުޑަ އިގްތިސާދެއް މިއޮތީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް އެންމެ ރަނގަޅު ނިޒާމަކީ މިހާރު މިއޮތް ޕެގް ސިސްޓަމެވެ. އެއީ އެމްއެމްއޭގެ ވިސްނުން މި ވަގުތު އޮތް ގޮތެވެ. އެހެން ނަމަވެސް އެކްސްޗޭންޖް ރޭޓު ނިޒާމަށް ބަދަލު ނުގެނެސް އެހެން އުސޫލުތަކުގެ ތެރެއިން ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށް އެ އިދާރާއިން ފިޔަވަޅުތައް އަޅާނެ ކަމަށް ބުންޏަސް އަދި އެކަމެއް ނުފެނެ އެވެ.

ހަގީގަތަކީ ޑޮލަރުގެ ކޮންޓްރޯލް ކުރަން ނިޒާމަށް ބަދަލު ކޮންމެހެން ގެންނާކަށް ނުޖެހޭ ކަމެވެ. އެކަމަކު ކަނޑައަޅާފައިވާ ކޮންޓްރޯލް ރޭޓުގައި ޑޮލަރު ނުލިބެންޏާ، އެ ރޭޓުގެ ބޭނުމެއް ވެސް ނެތެވެ. ރައީސް ނަޝީދު ދެއްކެވި އެއް ވާހަކަފުޅަކީ ވެސް އެއެވެ. އެ ރޭޓުގައި ޑޮލަރު ނުލިބެނީ އެ ރޭޓްގައި ޑޮލަރު ފޯރުކޮށްދެވޭ ވަރުގެ އިގްތިސާދެއް، އެކްސްޕޯޓެއް ރާއްޖޭގައި ނެތީމަ އެވެ. އެހެންވެ، އެ ރޭޓް ގޮސް އެ ޖެހެނީ ކަޅު ބާޒާރުގަ އެވެ.