Roadha Mihaaru
ޑޮލަރުގެ އަގު އަނެއްކާވެސް 19ރ. އަށް އުފުލިއްޖެ

ޑޮލަރުގެ އަގު އަނެއްކާވެސް 19ރ. އަށް އުފުލިއްޖެ

10 މެއި 2021

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު 19ރ. އަށް އަނެއްކާވެސް މައްޗަށް ހިނގައްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު 19ރ. އަށް އަނެއްކާވެސް މައްޗަށް ހިނގައްޖެ އެވެ.

ޑޮލަރުގެ އަގު މައްޗަށް މި އެރީ ކޮވިޑްގެ ހާލަތުގެ ތެރެއިން މި އަހަރުގެ ކުރީ ކޮޅު ޑޮލަރުގެ އަގު ކޮންމެވެސް ވަރަކަށް ދަށަށް ދިއުމަށް ފަހު އެވެ.

މިދިޔަ ފެބްރުއަރީ މަހު ޑޮލަރުގެ އަގު 16.50ރ. އެރި އެވެ. އެެކަމަކު މިވަގުތު ޑޮލަރުގެ އަގު އުޅެނީ 18.60ރ. އާއި 19ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ޑޮލަރުގެ ވިޔަފާރިކުރާ މީހަކު ބުނީ އަގު އަނެއްކާ ވެސް އުފުލެން ފެށީ މާކެޓުގައި ޑޮލަރަށް އޮތް ޑިމާންޑު ބޮޑުވެ، ޑޮލަރުގެ ސަޕްލައި ދަށްވުމުން ކަމަށެވެ. ޑޮލަރު ހޯދުމުގައި މިހާރު ކޮންމެވެސް ވަރަކަށް އުނދަގޫ ކަމަށް އޭނާ ބުންޏެވެ.

ޑޮލަރުގެ އަގު 19ރ. އެރި އިރު ރާއްޖޭގައި އިންޑިއާގެ ޓޫރިސްޓުން މަދުވުމުގެ ސަބަބުން އެވްރެޖްކޮށް ދުވާލެއްޖެ މައްޗަށް އަންނަ ޓޫރިސްޓުންގެ ނިސްބަތްވެ ސް ވަނީ މަދުވެފަ އެވެ. މިހާރު އެވްރެޖުކޮށް ކޮންމެ ދުވަހަކު އަންނަނީ 2،500 ޓޫރިސްޓުންނެވެ. މިއީ މިދިޔަ ފަސް މަހުގައި ވެސް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުން އެންމެ މަދުވި ފަހަރެވެ.

ރާއްޖޭގެ ޑޮލަރުގެ ސަޕްލައި ރަނގަޅުކުރަން މަރުކަޒީ ބޭންކުން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ ކަރަންސީ ސްވަޕް އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރު 150 މިލިއަން ޑޮލަރު ހޯދި އެވެ.

އެމްއެމްއޭ އިން ވަނީ ޑޮލަރުގެ ސަޕްލައި ރަނގަޅު ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅާނެ ކަން އިއުލާނުކޮށްފަ އެވެ. އެގޮތުން ރާއްޖޭގައި ހިންގާ ކާޑުގެ މުއާމަލާތްތަކުގައި ދިވެހި ރުފިޔާ އިން ކެނޑޭ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.