Roadha Mihaaru
މާލޭ މީހުންނަށް ގޯތި ދޫކުރަން ޖޫން މަހު ހުޅުވާލަނީ

މާލޭ މީހުންނަށް ދޭ ގޯއްޗަށް ކުރިމަތިލާން ޖޫން މަހު ހުޅުވާލާނެ

08 އެޕްރީލް 2022

ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑު މާލޭގެ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅުން ދޫކުރާ ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖޫން ހިސާބުގައި ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑު މާލޭގެ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅުން ދޫކުރާ ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖޫން ހިސާބުގައި ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ލުޔެއް ހޯދައިދިނުމަށް ގޯތި ދޭން ނިންމާފައިވާކަން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އިއުލާންކުރެއްވީ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުއްވައިދެއްވަމުން ދެއްވި ރިޔާސީ ބަޔާނުގަ އެވެ. ރައީސް ވިދާޅުވި ގޮތުގައި މާލޭ މީހުންނަށް ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅީފަޅުން 2،000 ގޯތީގެ އިތުރުން ގިރާވަރު ފަޅުން ހިއްކާ ބިމުން މަދުވެގެން 2،000 ގޯތި ދޭނެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މިދިޔަ އަންގާރަ ދުވަހު، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ޖޫން ހިސާބުގައި ގޯއްޗަށް ހުޅުވާލާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ގޯތި ދެއްވަން ރައީސް ހަމަޖައްސަވާފައި އޮތީ. އެހެންވީމަ އެކަން ވެސް ހިނގާނެ. އަޅުގަނޑަށް ހީވަނީ ޖޫން ހިސާބުގައި ރައީސް އިއުލާންކުރައްވާނެހެން ގޯއްޗަށް،" މާބޮޑު ތަފްސީލެއް ނުދެއްވައި އޭނާ ވިދާޅުވި އެވެ.

މާލެ މީހުންނަށް ގޯތި ދޭން ނިންމާފައިވާ ތަންތަނާއި ދުރުމިން--

މާލެ މީހުންނަށް ގޯތި ދޭން ނިންމާފައިވާ ތަންތަނާއި ދުރުމިން--

މާލޭ މީހުންނަށް ކައިރި ހިސާބުތަކުން ގޯތި ދޫކުރަން ނިންމާފައިވާއިރު ހުޅުމާލެ އިން 60 ބިން މާލޭގެ މީހުންނަށް ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކުރުމާ އެކު، މާލެ އިން ގޯތި ދޫނުކުރާ މައްސަލައިގައި ހިތްހަމަނުޖެހުން ބޮޑުވި އެވެ. އޭގެ ފަހުން މާލޭ މީހުންނަށް ގޯތި ދޭނެ ގޮތުގެ މައުލޫމާތު ސަރުކާރުން ހާމަކުރިއިރު ގޯތި ދޫކުރާނީ ހިލޭ ކަމަށް ރައީސް ވިދާޅުވެ އެވެ.

މާލެ ސަރަހައްދުން ދޫކުރާ ގޯތިތަކަށް ކުރިމަތިލުމަށް މާ ބޮޑެތި ޝަރުތުތަކެއް ކަނޑައަޅައިފައެއް ނުވެ އެވެ. ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން މަޖިލީހުގައި ވިދާޅުވެފައިވާ ގޮތުގައި ގޯތި ދޫކުރުމުގައި ބަލާނީ ހަތަރު ޝަރުތަކަކަށެވެ. އެއީ މާލެ އަށް އުފަން މާލެ ރައްޔިތަކަށް ވުމާއި އެ މީހެއްގެ ނަންމަތީގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އަދި ވާރުތަކުރަން ވެސް އެ ވަރުގެ ބިމެއް ނެތުމާއި އެ ވަރުގެ ބިމެއް ލިބިއްޖެ ނަމަ ދައުލަތަށް ދޫކޮށްލުން ނުވަތަ ވާރުތަވާން އޮތް ތަނެއް ވެސް ދޫކޮށްލުމާއި ދަފްތަރަށް އުފަން މީހަކަށް ވުމާއި މާލޭގައި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް މާލޭގެ މީހަކަށް ވުމެވެ.

މާލެ ހިމެނޭ ގޮތް ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް މި ވެރިކަމުގައި އެކަން ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.