Roadha Mihaaru
އެމްޑީޕީ އޮތީ "ހިންގާލާފައި" ކަމަށް ވިދާޅުވެ ރައްދެއް

ފައްޔާޒުގެ ޓީމަށް ނަޝީދުގެ ރައްދެއް: އެމްޑީޕީ އޮތީ "ހިންގާލާފައި"

10 އެޕްރީލް 2022

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީއަށް މިހާތަނަށް ހޯދުނު ހުރިހާ ކާމިޔާބީއަކީ ޕާޓީ "ހިންގާލައިގެން" ލިބުނު ކުރިއެރުން ކަމަށް ވިދާޅުވެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ޓީމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ރައްދު ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީއަށް މިހާތަނަށް ހޯދުނު ހުރިހާ ކާމިޔާބީއަކީ ޕާޓީ "ހިންގާލައިގެން" ލިބުނު ކުރިއެރުން ކަމަށް ވިދާޅުވެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ޓީމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ރައްދު ދެއްވައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުތަކެއްގައި އެ މަނިކުފާނު ވިދާޅުވީ އިންތިހާބުތައް ކާމިޔާބުކުރުން ނޫން ކަމަކަށް ޕާޓީ ހިންގާލަން ނުޖެހޭ ކަމަށެވެ. އެ ކަމުގައި ޕާޓީ މިހާތަނަށް އައީ ހިނގަމުން ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގައި މިހާތަނަށް ބާއްވާ އެންމެ ވާދަވެރި ޗެއާޕާސަންގެ އިންތިހާބުގައި "ހިންގާލަން" ސްލޯގަން ބޭނުންކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާ އެކު ނުކުމެ ހުންނެވި ފައްޔާޒެވެ. ވެރިކަމުގައި އޮވެމެ ސަރުކާރާއި އެމްޑީޕީގެ ގުޅުން ހީނަރުވެ އާއްމު މެމްބަރުންނާ ވެސް ޕާޓީ ދުރުވެފައި އޮތީ ނުހިންގޭތީ ކަމަށް ފައްޔާޒްގެ ޓީމުން ބުނެ އެވެ.

ނަޝީދުގެ ފަޅިން އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ޓީމުން ކެމްޕޭންގައި ބޭނުންކުރަނީ "ތިލަފަތުގެ ރަމްޒު" ސްލޯގަން އެވެ. އެމްޑީޕީގެ އަސާސްތަކާ އެކު ޕާޓީ ކުރިއެރުވޭނީ އިންތިއަށް ކަމަށް އެ ޓީމުން އަންނަނީ ބުނަމުންނެވެ.

އަޅުގަނޑަކީ މިވަގުތު އެމްޑީޕީގެ ރައީސް. އެމްޑީޕީ ނުހިނގާ ކަމަށް ބުނަނީ ނަމަ އަޅުގަނޑު ދެކޭނީ އަޅުގަނޑު އެއްޗެއް ބުނަން ޖެހޭ ކަމަށް. -- ނަޝީދު

އިންތިގެ ފަޅިއަށް ބުރަވެވަޑައިގެން ނަޝީދުގެ ފާޑުވިދާޅުވުން ފައްޔާޒަށް މި އަމާޒުކުރެއްވީ ދެ ފަޅީގެ ކެމްޕޭނުގެ ވާދަވެރިކަން ބޮޑުވެފައި ވަނިކޮށެވެ. މި އިންތިހާބުގެ ފޯރިގަދައީ 2023 އަށް ޕާޓީގެ ކުރިމަގު ކަނޑައެޅުމުގެ އިދާރީ ކަންކަމުގައި ޗެއާޕާސަންގެ ދައުރު ބޮޑު ކަމުންނެވެ.

އިންތިހާބާ ގުޅުވައި ނަޝީދު ފޮނުއްވި މެސެޖްތަކުގައި ވިދާޅުވީ އެމްޑީޕީގެ ހިންގުމުގެ އެންމެ މައިގަނޑު ނިޒާމަކީ އެތެރޭގެ އިންތިހާބުތައް ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ ހިންގުން އަމާޒުވާން ޖެހޭނީ އިންތިހާބު ކާމިޔާބު ކުރުމުގެ މައްޗަށް ކަމަށް ވާ އިރު އެކަމުގައި އެމްޑީޕީ ނުހިންގިފައި ނެތް ކަމަށް ވިދާޅުވި އެވެ.

މިސާލެއް ދައްކަވަމުން ވިދާޅުވީ 2017 އިން ފެށިގެން މިހާތަނަށް އެ ޕާޓީއަށް ގެއްލުނީ މި ފަހުން ބޭއްވި ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމުގެ ބައި އިލެކްޝަނެވެ. އެމްޑީޕީގެ މެޖޯރިޓީ ކައުންސިލާއި އަތޮޅު ކައުންސިލްގައި އޮއްވައި އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު ޕީޕީއެމުންނެވެ.

އެ އިންތިހާބު އެމްޑީޕީއަށް ގެއްލުނީ ޗެއާޕާސަން ކަމުގެ ފަސް އަހަރުގެ ދައުރު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށް ހަމަވެފައި ވަނިކޮށް އިންތިހާބަކަށް ދާން ޖެހުމުން ކަން ވެސް ނަޝީދު ފާހަގަކުރެއްވި އެވެ.

"އިންތިހާބު ކާމިޔާބު ކުރުން ނޫން ކަމަކަށް އެމްޑީޕީ ހިންގާލާކަށް ނުޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަކީ މިވަގުތު އެމްޑީޕީގެ ރައީސް. އެމްޑީޕީ ނުހިނގާ ކަމަށް ބުނަނީ ނަމަ އަޅުގަނޑު ދެކޭނީ އަޅުގަނޑު އެއްޗެއް ބުނަން ޖެހޭ ކަމަށް."

އިންތިހާބުތައް ކާމިޔާބުވުމާ އެކު ޕާޓީ ހިނގާ ކަން އެނގެނީ ނަޝީދު ވިދާޅުވި ގޮތުގައި މުޅި ރާއްޖޭގައި ފެންނަން ހުރި އެމްޑީޕީގެ ދިދަ އާއި ކުލަ އިންނެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޕާޓީގެ އަޑާއި ކަންކަމުގައި ބަހުސްތަކަށް ހުޅުވި ކުރިއަށް ދިއުމާއި އެ ކަންކަމުގައި އާއްމު މެމްބަރުންގެ ބައިވެރިވުން އޮތުމަކީ ވެސް ޕާޓީ ހިނގަމުން އައުމެވެ.

"ޕާޓީ މިދަނީ އެކަން ކުރަމުން ކަމަށް އަޅުގަނޑު ދެކެނީ" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއް ރާއްޖެ ގެނެސް 30 އަހަރުގެ ހުދުމުހުތާރު ވެރިކަން ފުރޮޅާލީ ވެސް އެމްޑީޕީ ހިނގާތީ ކަމަށެވެ. ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވީ ވެސް އެ ޕާޓީ ހިނގާތީ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަޣާވާތްކޮށްގެން ވައްޓާލައި އެ މަނިކުފާނާއި ޕާޓީގެ އެތައް ބަޔަކު ޖަލަށް ލުމުން 2018ގައި އަލުން އަނެއްކާވެސް އިންތިހާބު ކާމިޔާބުވީ އެމްޑީޕީ ހިނގާތީ ކަމަށެވެ.

"އެމްޑީޕީ ކުރިއަށް އޮތް ތަނުގައި ވެސް ހިނގާނެ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމާއި ޖޭޕީ އާއި އަދާލަތު ޕާޓީގެ އިތުރުން އިލެކްޝަންސް ކޮމިޝަން ވެސް ހިނގަނީ އެމްޑީޕީ ހިނގާތީ އެވެ.

ދެން ތަކުރާރު ކުރެއްވީ ޕާޓީއާ ގުޅޭ ގޮތުން އެ މަނިކުފާނު އަބަދުވެސް ވިދާޅުވާ ވާހަކަ އެވެ. އެމްޑީޕީއަކީ ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއެއް ކަމަށާއި ނުފެތޭނެ ކަމަށެވެ. ޕާޓީ ފަނޑުވެއެއް ވެސް ނުދާނެ ކަމަށް ވިދާޅުވި އެވެ.

ޗެއާޕާސަންގެ މި އިންތިހާބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު ހިނގާ ފައިޓެއްކަން ކެމްޕޭނުގެ މަންޒަރުތަކުން ސާފުވެ އެވެ. އިންތިއާ އެކު ނަޝީދަށް ވަފާތެރި މަޖިލިސް މެމްބަރުން ކެމްޕޭންގައި ހަރަކާތްތެރިވާ އިރު ފައްޔާޒްއާ އެކު ތިއްބެވީ މަޖިލީހުގައި ރައީސް ސޯލިހްގެ ނިންމެވުންތަކަށް ތާއީދުކުރައްވަމުން ގެންދަވާ މެމްބަރުންނެވެ.

އަންނަ މަހުގެ 14 ގައި އޮންނަ އިންތިހާބުގައި 94,000 އަށް ވުރެން ގިނަ މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.