Roadha Mihaaru
ރައީސާއެކު ޕާޓީތަކުން ހެޔޮގޮތް ހޯދޭނެ: އިމްރާން

ރައީސާއެކު ކޯލިޝަން ޕާޓީތައް އެކުގައި މަސައްކަތްކޮށް ހެޔޮގޮތް ހޯދޭނެ: އިމްރާން

15 މެއި 2022

އެމްޑީޕީގެ ޗެއާޕާސަނަަކު އިންތިހާބުކުރަން އިއްޔެ ބޭއްވި އިންތިހާބުން އެނގުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ޕާޓީތައް އެކުގައި މަސައްކަތްކޮށް، ގައުމަށް ހެޔޮ ގޮތްތައް ހޯދޭނެކަން ކަމަށް ސަރުކާރު ކޯލިޝަނުގެ އެއް ބައިވެރިޔާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

އެމްޑީޕީގެ ޗެއާޕާސަނަަކު އިންތިހާބުކުރަން އިއްޔެ ބޭއްވި އިންތިހާބުން އެނގުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ޕާޓީތައް އެކުގައި މަސައްކަތްކޮށް، ގައުމަށް ހެޔޮ ގޮތްތައް ހޯދޭނެކަން ކަމަށް ސަރުކާރު ކޯލިޝަނުގެ އެއް ބައިވެރިޔާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވިއިރު، ޗެއާޕާސަނަކު އިންތިހާބުކުރަން މިދިޔަ 17 އަހަރުގެ ތެރޭގައި ބޭއްވި އެންމެ ވާދަވެރި އިންތިހާބު ކާމިޔާބުކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއެކު ނުކުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. އޭނާއާ ވާދަކުރެއްވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ފައްޔާޒު ކާމިޔާބު ކުރެއްވީ ވޯޓުގެ 58 ޕަސެންޓް ހޯއްދަވައިގެންނެވެ. އިންތި އަށް ހޯއްދެވުނީ 42 ޕަސެންޓެވެ.

އެ އިންތިހާބުގެ ނަތީޖާ އަށް ފަހު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބައެއް ހާލަތުތަކުގައި ސިޔާސީ ޕާޓީތަކުގެ އެތެރޭގެ މަސްލަހަތުތައް ގުޅިފައިވަނީ މުޅި ގައުމާއި ރައްޔިތުންނާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ޕާޓީތައް އެކުގައި މަސައްކަތްކޮށް ގައުމާއި ރައްޔިތުންނަށް ހެޔޮގޮތްތައް ހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...މަރުހަބާ ފައްޔާޒު އަދި އެމްޑީޕީ،" އިމްރާންގެ ޓުވީޓްގައި ވެ އެވެ.

އިންތިހާބުގެ ކާމިޔާބީ އަށް ފަހު ކުރެއްވި ޓުވީޓެއްގައި ފައްޔާޒު ރޭ ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން ދިން ވޯޓަކީ ޕާޓީ އާއި ސަރުކާރާ އެއްކޮށް ގޮސް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، މެމްބަރުން އެދުނު ގޮތަށް ޕާޓީ ''ހިންގާލަން'' ދިން ވޯޓެކެވެ.

އިންތިހާބުގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ނުކުންނަވައިގެން ނޫން ގޮތަކަށް އެ ޕާޓީ އަށް 2023 ކަށަވަރުވާނެ ތަނެއް އޭނާއަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް މިހާތަނަށް އިއުލާން ނުކުރެއްވިޔަސް އޭނާގެ އުއްމީދަކީ ރައީސް އިންތިހާބަށް ނުކުމެވަޑައިގަންނަވާނެ ކަން ކަމަށާއި އެ މަނިކުފާނަށް އިންތިހާބު ކާމިޔާބު ކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.