Roadha Mihaaru
ފުވައްމުލަކުގައި ސަފާރީތަކުން ނަގާ ފީ 500 ޑޮލަރަށް

ފުވައްމުލަކުގައި ބަނދަރުކުރާ ސަފާރީތަކުން ނަގާ ފީ 50 ޑޮލަރުން 500 ޑޮލަރަށް ބޮޑުކޮށްފި

10 އެޕްރީލް 2022

ފުވައްމުލަކުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ 500 ޑޮލަރު (7،710ރ.) އަށް ބޮޑުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުވައްމުލަކުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ 500 ޑޮލަރު (7،710ރ.) އަށް ބޮޑުކޮށްފި އެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އެ ރަށުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑުކުރަން، މި އަހަރުގެ ޖެނުއަރީ 12 ގައި ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާގައި، ނިންމާފައިވާތީ، އެ ނިންމުމަށް މި މަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

ފުވައްމުލަކުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ފީއެއްގެ ގޮތުގައި މިހާތަނަށް ނަގަމުން އައީ 50 ޑޮލަރު (771ރ.) އެވެ.

ފުވައްމުލަކު ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު "މިހާރު" އަށް މިއަދު ވިދާޅުވީ، ސަފާރީތަކުން ނަގާ ފީ ބޮޑުކުރަން ނިންމީ އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ގުޅިގެން އެކަން ހައްލުކުރުމަށް ކުރި މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ. އަދި އެ ނިންމުން ނިންމާފައި ވަނީ ކައުންސިލްގެ ހުރިހާ މެމްބަރުންގެ ތައީދާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކު ބޭރުގައި އޮތް ސަފާރީއެއް: އެ ރަށުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑުކުރަން ވަނީ ނިންމައިފައި -- ފޮޓޯ: އައްމާދު

ފުވައްމުލަކު ބޭރުގައި އޮތް ސަފާރީއެއް: އެ ރަށުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑުކުރަން ވަނީ ނިންމައިފައި -- ފޮޓޯ: އައްމާދު

ނާސިރު ވިދާޅުވި ގޮތުގައި، ބަނދަރުގެ ޖާގަ ކުޑަވެ، ބައެއް ފަހަރަށް އެ ރަށުގެ އުޅަނދުފަހަރަށް ވެސް ފަޅަށް ނުވަދެވޭ ހާލަތަށް ދެ އެވެ. އެހެންވެ، ބަނދަރުގެ މައްސަލަ އަށް ހައްލެއް ލިބެންދެން އެއީ މި ވަގުތަށް އެންމެ ރަނގަޅު ނިންމުން ކަމަށް އެ ކައުންސިލްގެ ހަތް މެމްބަރުން ވެސް ތާއީދުކުރެއްވި އެވެ.

"ބަނދަރު ފުރިފައި އޮންނައިރު ބަނދަރަށް އެހާ ބައިވަރު ސަފާރީތައް ވެސް ވަންނައިރު، ރަނގަޅު ފީއެއް ނަގައިގެން ކައުންސިލަށް ވެސް އޭގެ ފައިދާވާނެ ގޮތަކަށް ހަދަން އޭރު މަޝްވަރާ ކުރެވުނީ،" ނާސިރު ވިދާޅުވި އެވެ.

"ސަފާރީތައް ބޮޑެތި ވީމާ ފަޅުގެ ބޮޑު ޖާގައެއް އޭގެން ނަގާ."

ފުވައްމުލަކަކީ ރާއްޖޭގައި އެންމެ ގިނައިން ސަފާރީތައް ބަނދަރުކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެެކެވެ. އާންމު ގޮތެއްގައި ދުވާލަކު އެ ރަށު ބަނދަރަށް ހައެއްކަ ސަފާރީ ވަދެ އެވެ. ބައެއް ދުވަސްތަކުގައި ބަނދަރުގެ ޖާގަ ފުރުމުން، ރަށާ ކައިރީގައި ކަނޑުމަތީގައި ވެސް ގިނަ ސަފާރީތައް އޮވެ އެވެ.