Roadha Mihaaru
ދެވަނަ ލެގު އެއްވަރު: ލިވަޕޫލާއި ސިޓީ ވެސް ސެމީ އަށް

ދެވަނަ ލެގު އެއްވަރު: ލިވަޕޫލާއި ސިޓީ ވެސް ސެމީ ފައިނަލަށް

14 އެޕްރީލް 2022

މާސީސައިޑް (އޭޕްރީލް 14) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އިނގިރޭސިވިލާތުގެ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ވެސް ކުޅުނު ދެވަނަ ލެގުގެ މެޗު އެއްވަރު ކޮށްލައިގެން އެގްރިގޭޓުން ކުރިހޯދައި، މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މާސީސައިޑް (އޭޕްރީލް 14) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އިނގިރޭސިވިލާތުގެ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ވެސް ކުޅުނު ދެވަނަ ލެގުގެ މެޗު އެއްވަރު ކޮށްލައިގެން އެގްރިގޭޓުން ކުރިހޯދައި، މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ލިވަޕޫލާއި ބެންފީކާ މިރޭ ކުޅުނު މެޗު އެއްވަރުވީ 3-3 އިންނެވެ. ފުރަތަމަ ލެގު 3-1 އިން ކާމިޔާބު ކޮށްފައި ވުމުން ލިވަޕޫލް ސެމީ އަށް ދިޔައީ އެގްރިގޭޓް 6-4 އިން ކާމިޔާބު ކޮށްގެންނެވެ.

އަމިއްލަ ދަނޑުގައި ލިވަޕޫލުން ފުރަތަމަ ލީޑު ނެގީ މެޗުގެ 21 ވަނަ މިނިޓުގައި ކޮންސްޓަންޓީނޯސް ސިމިކާސް ނަގައިދިން ކޯނަރަކުން ޑިފެންޑަރު އިބްރާހިމް ކޮނާޓޭ އެވެ. ކޮނާޓޭ ވަނީ ފުރަތަމަ ލެގުގައި ވެސް ބެންފީކާ ކޮޅަށް ލަނޑު ޖަހައިފަ އެވެ. ނަމަވެސް އޭގެ 11 މިނިޓު ފަހުން ޕޯޗުގަލްގެ ޒުވާން ފޯވާޑް ގޮންސާލޯ ރާމޯސް ބެންފީކާ އަށް ޖަހައިދިން ލަނޑާ އެކު ފުރަތަމަ ހާފް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ދެވަނަ ހާފު ފެށިގެން 10 ވަނަ މިނިޓުގައި ޑިއޯގޯ ޖޮޓާ ދިން ބޯޅައަކުން ލިވަޕޫލަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ރޮބާޓޯ ފިރްމީނޯ އެވެ. އަދި އޭގެ 10 މިނިޓު ފަހުން ސިމިކާސް ނަގައިދިން ބޯޅައަކުން އިތުރު ލަނޑެއް ޖަހައި ފިރްމީނޯ ލިވަޕޫލަށް ދެ ލަނޑުގެ ލީޑަކާ އެކު ކޮންޓްރޯލް ހޯދައިދިނެވެ. ނަމަވެސް ބެންފީކާ ވަނީ ކުޑަ އިރުކޮޅެއްގެ ތެރޭ އަލުން ލިވަޕޫލާ އެއްވަރުކޮށްފަ އެވެ.

ކޮނާޓޭ، ބެންފީކާގެ ފޯވާޑް ނޫނޭޒް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކޮނާޓޭ، ބެންފީކާގެ ފޯވާޑް ނޫނޭޒް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ 75 ވަނަ މިނިޓުގައި ރޯމަން ޔަރެމްޗަކް ލަނޑެއް ޖަހައި ބެންފީކާ އަށް ހިތްވަރު ހޯދައިދިނެވެ. އަދި އޭގެ ހަ މިނިޓު ފަހުން އެއްވަރު ކޮށްދިނީ އުންމީދީ ފޯވާޑް ޑާވިން ނޫނޭޒް އެވެ. ބެންފީކާގެ ތިން ލަނޑު ވެސް ބަލައިގެންފައި ވަނީ ވީއޭއާރުގެ އެހީގަ އެވެ. މެޗު ނިމެނިކޮށް މުހައްމަދު ސަލާހު އުފެއްދި ހަމަލާއެއްގައި ސަޑިއޯ މާނޭ ލިވަޕޫލަށް ލަނޑު ޖަހައިދިން ނަމަވެސް މާނޭ ހުރީ އޮފްސައިޑުގަ އެވެ.

މެންޗެސްޓާ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑަށް ލަނޑެއް ނުޖެހުނު

ސްޕެއިންގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. އެއްވަރު ވުމުން ސިޓީ ސެމީ ފައިނަލަށް ދަތުރުކުރީ 1-0 އިން ކާމިޔާބުކުރި ފުރަތަމަ ލެގުގެ ނަތީޖާއާ އެކު އެވެ.

ފުރަތަމަ ހާފުގެ އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ މެންޗެސްޓާ ސިޓީގެ އިލްކޭ ގުންޑޮގާން އެވެ. ނަމަވެސް ގޯލު ކައިރީ ހުރެ އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލު ދަނޑިއަށެވެ. މި ހާފުގެ ވަރަށް ކުރީކޮޅު ފިލް ފޮޑެންގެ ބޮލަށް އަނިޔާވެގެން އޭނާ ބަދަލުކުރަން ޖެހިދާނެ ކަމަށް ހީކުރެވުނު ނަމަވެސް އޭނާ ވަނީ ބެންޑޭޖް އަޅައިގެން ކުޅެ މެޗު ފުރިހަމަ ކޮށްފަ އެވެ.

ފިލް ފޮޑެން އެތުލެޓިކޯގެ ޑިފެންޑަރު ލޮރެންޓޭ ކައިރިން ބޯޅަ ހިފައިގެން ކުރިޔަށް ދަނީ.-- ފޮޓޯ: އޭއެފްޕީ

ފިލް ފޮޑެން އެތުލެޓިކޯގެ ޑިފެންޑަރު ލޮރެންޓޭ ކައިރިން ބޯޅަ ހިފައިގެން ކުރިޔަށް ދަނީ.-- ފޮޓޯ: އޭއެފްޕީ

އެތުލެޓިކޯ މެޑްރިޑުން ވަނީ ފުރަތަަ ލެގާ ހިލާފަށް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މިރޭގެ މެޗުގެ ފަހު ހާފުގައި ވަރަށް ބޮޑަށް މެންޗެސްޓާ ސިޓީގެ މައްޗަށް ޑޮމިނޭޓް ކޮށްގެން ކުޅެ ފުރުސަތު ވެސް ހޯދައިފަ އެވެ. ނަމަވެސް ޔާއޯ ފީލިކްސް އާއި ރޮޑްރިގޯ ޑި ޕައުލް އަދި މެތިއަސް ކުންޔާ އަށް ލިބުނު ފުރުސަތުތަކުގައި ސިޓީގެ ޑިފެންސުން ތިބީ ހުށިޔާރު ވެގެންނެވެ.

މެޗުގެ 90 ވަނަ މިނިޓުގައި ސިޓީގެ ފިލް ފޮޑެން އަށް ކުރި ފައުލަކާ ގުޅިގެން އެތުލެޓިކޯގެ ޑިފެންޑަރު ފިލިޕޭ އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. މިއާ އެކު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ވެސް ވަނީ ހިނގައިފަ އެވެ.

އެކަކު މަދުކޮށް ވެސް، ރެފްރީ ކުޅުވި އިތުރު ވަގުތުގެ 12 މިނިޓުގައި ޑިއެގޯ ސިމިއޯނީގެ އެތުލެޓިކޯ އިން ސިޓީގެ ޑިފެންސަށް ނުރައްކާކުރި އެވެ. ޔާއޯ ކަންސެލޯ، އެތުލެޓިކޯގެ ޔާނިކް ކަރެސްކޯ އަށް ޕެނަލްޓީ އޭރިއާގެ އަރިމަތީ ރޮނގު ކައިރިން ފައުލް ކޮށްގެން ލިބުނު ހިލޭޖެހުމަކުން އެންހެލް ކޮރެއާ ފޮނުވާލި ބާރު ބޯޅަ ދިފާއުކުރީ ކީޕަރު އެޑަސަން އެވެ.

އެތުލެޓިކޯގެ ފިލިޕޭ އަށް ރަތް ކާޑު ދެއްކުމުން ހިނގާދިޔަ ހަމަނުޖެހުމުގެ ތެރެއިން..-- ފޮޓޯ: އޭއެފްޕީ

އެތުލެޓިކޯގެ ފިލިޕޭ އަށް ރަތް ކާޑު ދެއްކުމުން ހިނގާދިޔަ ހަމަނުޖެހުމުގެ ތެރެއިން..-- ފޮޓޯ: އޭއެފްޕީ

މިއީ މިދިޔަ ސީޒަނުގެ ފައިނަލުގައި ވެސް ކުޅުނު މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ތިންވަނަ ފަހަރެވެ. އަދި މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މުބާރާތުގެ ސެމީ ފައިނަލުގައި އިރުޝާދުދޭ ނުވަވަނަ ފަހަރެވެ. މިއާ އެކު ގާޑިއޯލާވެފައި ވަނީ މުބާރާތުގައި އެންމެ ގިނަ ފަހަރު ސެމީ ފައިނަލަށް ޓީމު ގެންގޮސްދިން ކޯޗަށެވެ.

ބާސެލޯނާ ގޮވައިގެން ހަތަރު ފަހަރު ގާޑިއޯލާ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވާއިރު ބެޔާން މިއުނިކާ އެކު ތިން ފަހަރު ސެމީގައި ވާދަކުރި އެވެ. އަދި މިއީ ސިޓީ ގޮވައިގެން ސެމީ ފައިނަލަށް ދަތުރުކުރާ ދެވަނަ ފަހަރެވެ

މި މަހުގެ ފަހު ކޮޅު ކުޅޭ މުބާރާތުގެ ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީ ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ކަޓުވާލައި ސެމީ ފައިނަލަށް ދަތުރުކުރި ސްޕެއިންގެ ރެއާލް މެޑްރިޑާ އެވެ. އަދި ލިވަޕޫލް ވާދަކުރާނީ ބެޔާން މިއުނިކް ކަޓުވާލި ސްޕެއިންގެ ވިޔަރެއާލާ ދެކޮޅަށެވެ.