Roadha Mihaaru
ޕީއެސްޖީއަށް ވުރެ ކުރީގައި ބެންފީކާ، ޔޫވޭ ޔޫރޮޕާ އަށް

ޕީއެސްޖީ އަށް ވުރެ ކުރީގައި ބެންފީކާ، ޔުވެންޓަސް ޔޫރޮޕާ އަށް

03 ނޮވެމްބަރ 2022

ފްރާންސްގެ ޕީއެސްޖީ ހިމެނޭ ޗެމްޕިއަންސް ލީގު ގުރޫޕް އެޗް ގެ ފަހު މެޗުގައި ބެންފީކާ އިން އިޒްރޭލުގެ މެކާބީ ހައިފާއާ ވާދަކޮށް 6-1 އިން މެޗު ކާމިޔާބުކޮށް، ގުރޫޕްގެ އެއް ވަނަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ފްރާންސްގެ ޕީއެސްޖީ ހިމެނޭ ޗެމްޕިއަންސް ލީގު ގުރޫޕް އެޗް ގެ ފަހު މެޗުގައި ބެންފީކާ އިން އިޒްރޭލުގެ މެކާބީ ހައިފާއާ ވާދަކޮށް 6-1 އިން މެޗު ކާމިޔާބުކޮށް، ގުރޫޕްގެ އެއް ވަނަ ހޯދައިފި އެވެ.

ބެންފީކާ އާއި ޕީއެސްޖީ ވެސް މެޗަކުން ބަލިނުވެ، ހަ މެޗުން 14 ޕޮއިންޓް ވަނީ ހޯދައިފަ އެވެ. ބެންފީކާ އަށް ކުރި ލިބުނީ އަވޭ ގޯލުން ކުރި ހޯދައިގެންނެވެ. ބެންފީކާ އިން ރަށުން ބޭރުގައި ނުވަ ގޯލު ހަމަކުރި އިރު، ޕީއެސްޖީ އަށް ރަށުން ބޭރުގައި ޖެހުނީ ހަ ގޯލެވެ.

ބެންފީކާ އާއި ހައިފާ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވަރު ވެގެންނެވެ. ގޮންކާލޯ ރާމޯސް 20 ވަނަ މިނިޓުގައި ބެންފީކާ އަށް ލީޑު ނަގައިދިން އިރު، ހައިފާ އިން އެއްވަރުކުރީ އޭގެ ހަ މިނިޓު ފަހުން ލިބުނު ޕެނަލްޓީއަކުން، ޖާނޮން ޗެރީ އެވެ.

ފުރަތަމަ ހާފު އެއްވަރު ވިއަސް، ދެވަނަ ހާފުގައި ބެންފީކާ އިން ވަނީ މެޗުގެ ބާކީ ބައި ކޮންޓްރޯލް ކޮށް، ފަސް ގޯލު ޖަހައިފަ އެވެ. ދެވަނަ ހާފުގައި އެޓީމަށް ގޯލުތައް ޖަހައިދިނީ ޕެޓާ މޫސާ، އެލެކްސް ގްރިމާލްޑޯ، ރަފާ ސިލްވާ، ހެރިންކް އަރައޫހޯ އަދި ޔާއޯ މާރިއޯ އެވެ.

ޔުވެންޓަސް އާއި ޕީއެސްޖީ ބައްދަލުކުރި މެޗަށް ފަހު، ދެ ޓީމުގެ ކުޅުންތެރިން މަރުހަބާ ކިޔަނީ.-- ފޮޓޯ: އޭއެފްޕީ

ޔުވެންޓަސް އާއި ޕީއެސްޖީ ބައްދަލުކުރި މެޗަށް ފަހު، ދެ ޓީމުގެ ކުޅުންތެރިން މަރުހަބާ ކިޔަނީ.-- ފޮޓޯ: އޭއެފްޕީ

ޔުވެންޓަސްގެ ފަހު މެޗުގައި އެޓީމު އަމިއްލަ ދަނޑުގައި ވަނީ ޕީއެސްޖީ އަތުން 2-1 އިން ބަލި ވެފަ އެވެ.

މިއާ އެކު ޔުވެންޓަސް އާއި މެކާބީ ހައިފާ އަށް ވެސް ލިބުނީ ތިން ޕޮއިންޓެވެ. ޔުވެންޓަސް އަށް ލިބުނީ އަމިއްލަ ދަނޑުގައި ހައިފާ އަތުން ހޯދި ތިން ޕޮއިންޓެވެ. އަދި ހައިފާ ވަނީ އެޓީމުގެ ދަނޑުގައި ޔުވެންޓަސް ބަލި ކޮށްފަ އެވެ.

ޔުވެންޓަސް އާއި ހައިފާ ވެސް ވަނީ ފަސް މެޗުން ބަލި ވެފަ އެވެ. ޔުވެންޓަސް އަށް ގުރޫޕްގެ ތިންވަނަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ކިލިއަން އެމްބާޕޭ މެޗުގެ ކުރީކޮޅު ޕީއެސްޖީ އަށް ލީޑު ނަގައިދިނީ އޭރިއާ ބޭރުން ޖެހި ރީތި ގޯލަކުންނެވެ. ނަމަވެސް ހުއާން ކުއަޑްރާޑޯ ބޮލުން ގޯލު ކުރިމައްޗަށް ޖައްސާލި ބޯޅައެއް ގޯލުގެތެރެއަށް ފޮނުވާލައިގެން ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސް އަށް އެއްވަރު ކޮށްދިނީ ލިއެނާޑޯ ބޮނޫޗީ އެވެ. ދެވަނަ ހާފުގައި ޕީއެސްޖީ މޮޅު ކޮށްދިން ލަނޑު ޖެހީ ނޫނޯ މެންޑޭޒް އެވެ.

"އަހަރެމެން ރަނގަޅު ގޭމެއް ކުޅުނިން، އެކަމަކު މޮޅު ނުވެވުމުން ހިތާމަ ކުރަން،" މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މަސިމޯ އެލެގްރީ ބުންޏެވެ.

"މިހާރު އަހަރެމެން މިތިބީ ޔޫރޮޕާ ލީގުގައި، އަދި މާދަމާ އަހަރެމެން ޖެހޭނީ ސެރީއޭ (އިޓާލިއަން ލީގު) އަށް ތައްޔާރުވާން. ހާލަތުން (ޗެމްޕިއަންސް ލީގުގެ ނާކާމިޔާބީއިން) އަރައިގަންނަން މިއަށްވުރެ ހަރުކަށިކޮށް، އަލުން މަސައްކަތް ފަށަން ޖެހޭ."

ރޭގެ މެޗުގައި ޔުވެންޓަސްގެ ކޯޗު އެލެގްރީ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގައި ޔުވެންޓަސްގެ ކޯޗު އެލެގްރީ.-- ފޮޓޯ: އޭއެފްޕީ

ޔުވެންޓަސްގެ ސަޕޯޓަރުންނަށް ރޭގެ މެޗުގައި ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ގުޅިގެން ޖެނުއަރީ އިން ފެށިގެން ކުޅުމާ ދުރުގައި ހުރި ފެޑެރީކޯ ޗިއެސާ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ކުޅެން ނުކުތުމެވެ.

ކޯޗު އެލެގްރީ ބުނީ، އަންނަ އާދިއްތަ ދުވަހުގެ ރޭ ސެރީއޭ ގައި ޔުވެންޓަސް އިން އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، އެޓީމުގެ ގްލީސަން ބްރޭމާ އާއި ޑޫސާން ވްލަހޯވިޗް އަދި އެންހެލް ޑި މާރިއާ މުޅިން ފިޓު ވާނެކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

ޗެމްޕިއަންސް ލީގު ގުރޫޕް ޖީ ގައި ހިމެނޭ މެންޗެސްޓާ ސިޓީ އާއި ބޮރޫޝިއާ ޑޯޓްމަންޑަށް އޮތީ މާ ކުރިން ދެވަނަ ބުރު ޔަގީން ވެފަ އެވެ. ރޭގެ މެޗުގެ ކުރިން ތިންވަނައިގައި އޮތް ސެވިއްޔާ އަށް ވަނީ ޔޫރޮޕާ ލީގު ޖާގައެއް ވެސް ކަށަވަރު ވެފަ އެވެ.

މެންޗެސްޓާ ސިޓީ އިން އަމިއްލަ ދަނޑުގައި ފަހު މެޗުގައި ސެވިއްޔާއާ ދެކޮޅަށް ކުޅެ، ވަނީ ފަހަތުން އަރައި 3-1 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.

ސެވިއްޔާ އިން ފުރަތަމަ ހާފު ނިންމާލީ ފްރީ ހެޑާ އަކުން ރަފާ މިރް ޖަހައިދިން ގޯލުން ކުރީގައި އޮވެ އެވެ. ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ސިޓީ އަށް އެއްވަރު ކޮށްދިނީ 17 އަހަރުގެ ކަނާތުބެކް ރިކޯ ލެވިސް އެވެ. އަދި ކެވިން ޑިބްރޭނާ ދިން ޕާހަކުން ހޫލިއަން އަލްވަރޭޒް ސިޓީ އަށް ލީޑު ނަގައިދިން އިރު، ތިންވަނަ ލަނޑު ޖަހައިދިނީ ރިޔާދް މަހްރޭޒް އެވެ.

ޑޯޓްމަންޑާއި ކޯޕަންހޭގަން ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގެ 23 ވަނަ މިނިޓުގައި ޑޯޓްމަންޑަށް ލީޑު ނަގައިދިނީ ތޯގަން ހަޒާޑް އެވެ. މި ހާފް ނިމުމުގެ ކުރިން އަމިއްލަ ދަނޑުގައި ކޯޕަންހޭގަން އަށް އެއްވަރު ކޮށްދިނީ ޒުވާން މިޑްފީލްޑަރު ހާކޯން އާނާ ހަރާލްޑްސަން އެވެ.