Roadha Mihaaru
ރޯދަ މަހާއެކު ހުޅުމާލޭގެ ކުނީގެ މައްސަލަ ބޮޑުވެއްޖެ

ރޯދަ މަހާއެކު ހުޅުމާލޭގެ ކުނީގެ މައްސަލަ ބޮޑުވެއްޖެ

15 އެޕްރީލް 2022

މަގުތަކުގައި ކުނިތައް ގިނަވެ، މުޅި ހުޅުމާލެއަށް މި ރޯދަ މަހު ކުނީގެ މައްސަލަ ބޮޑުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މަގުތަކުގައި ކުނިތައް ގިނަވެ، މުޅި ހުޅުމާލެއަށް މި ރޯދަ މަހު ކުނީގެ މައްސަލަ ބޮޑުވެއްޖެ އެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ޖަމާކޮށްފައި ހުރި ކުނިތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެެވެ. ހުޅުމާލޭ ފޭސް އެކެއްގެ މަގުތަކުގައި ފާހާނާ ތައްޓާއި މޭޒާއި ހަލާކުވެފައި ހުރި ގޮނޑިތަކާއި ކަރުދާސް ފޮއްޓާއި ކުނިވާ ޒާތުގެ އެތައް ސާމާނެއް ފުނި ޖަހާފައި އެބަހުއްޓެވެ.

މީހުން ހިނގަން އޮންނަ ޕޭވްމަންޓް މަތީގައި ވެސް ކުންޏެވެ. މިފަހުން މީހުން އާބާދުވި ފޭސް ދޭއްގެ ހިޔާ ފްލެޓްތައް ސަރަހައްދު ވެސް އޮތީ ގޮނޑުވެފަ އެވެ.

އެތަނުގެ އެކި ސަރަހައްދުތަކުގައި ކުނި އެޅުމަށް ވެމްކޯ އިން ޑަސްބިން ބައްޓާފައި ހުއްޓަސް، ކުނިވާ ޒާތުގެ ކުނިތައް އުކާލުމުގައި ހަމައެއްލަމެއް ނެތެވެ. ބައެއް ޓަވަރުތަކުގެ ގްރައުންޑް ފްލޯގައި، ފަޅައިގެން ގޮސްފައިވާ ކުނި ކޮތަޅުތައް ބަހައްޓާފައި ހުންނައިރު މުޅި ތަނުން ނުބައި ވަސް ދުވާތީ އެތަނުގައި އުޅޭ ބައެއް މީހުން ޝަކުވާ ކުރެ އެވެ.

ރޯދަ މަހާ ދިމާކޮށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ގިނަވެފައިވާތީ އެޗްޑީސީން ބުނީ ކުނި ނެގުމަކީ އެ ކުންފުނިން ކުރަން ޖެހޭ މަސައްކަތަކަށް ނުވިޔަސް އެކަން ކުރަމުން އަންނަ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ރޯދަ މަސް ފެށުނު ފަހުން އެކަނި ވެސް ހިޔާ ފްލެޓްތައް ކައިރިން 150 ޓަނުގެ ކުނި ނަގައި އެތަން ވަނީ ސާފުކޮށްފަ އެވެ. އަދި ހުޅުމާލޭ ފޭސް އެކެއްގެ މަގުތައް ވެސް ދޭތެރެއަކުން އެ ކުންފުނިން ސާފުކުރަމުން އަންނައިރު މީހުން މަގުތަކަށް ކުނި އަޅަނީ ކޮންމެ ފަހަރަކު އެ ކުންފުނިން އެ އެއްޗެހި ނަގާތީ ކަމަށް ބެލެވޭ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ހިޔާ ފްލެޓްތަކުން އުކާލާ ގާކުނޑި އާއި އެހެނިހެން ކުނިތައް އެ ކުންފުނިން ކުރިން ކޮންމެ ދުވަަހަކު ނަގަމުން އަޔަސް މިމަހުން ފެށިގެން އެކަން ހުއްޓާލާނެކަން އޮތީ އިއުލާންކޮށްފަ އެވެ. އެކަމަކު އެވަރުން ވެސް މީހުން ދަނީ މަސައްކަތްކުރުމަށް ފަހު ގާކުނޑިތައް އެކި ދިމާދިމާލަށް އަޅައި އެއްކުރަމުންނެވެ.

"އެޗްޑީސީން އޮންނާނީ އިއުލާންކޮށްފައި ގާކުނޑިތައް ނެގުން މި ކުންފުނިން ހުއްޓާލަން ނިންމާފައިވާ ވާހަކަ. ދެން ހިޔާ ފްލެޓްތައް ކައިރިއަށް ވެސް ހިނގާނީ ހުޅުމާލޭ ފޭސް އެކަކާއި އެހެން ފްލެޓްތަކަށް ވެސް މި ހިނގާ އުސޫލުން އެތަނެއްގެ ބަޔަކު އަމިއްލައަށް ގާކުނޑިތައް އުކާލާ ގޮތަށް،" އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ޓަވަރުތައް ކައިރީ ހުރި ކުނި ފުންޏެއް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ޓަވަރުތައް ކައިރީ ހުރި ކުނި ފުންޏެއް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެހެންވިޔަސް އަދިވެސް ފެންނަނީ ރޯދައަށް ގޭތެރެ ޒީނަތްކުރުމަށް ފަހު ބާވެފައި ހުންނަ ސާމާނު ބޭރަށް ނެރެ، އެހެން ބަޔަކު ގެންދާނެ ކަމަށް ބަހައްޓާފައި ހުންނަ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ރޯދައާ ދިމާކޮށް ކުނީގެ މައްސަލަ ބޮޑުވެދާނެތީ އެޗްޑީސީން ވަނީ އެ މަސައްކަތްކުރަމުން އަންނަ ވެމްކޯއާ އެކު ބައްދަލުވުމެއް ވެސް ބާއްވާފައި ކަމަށެވެ.

މާލެއެކޭ އެއްގޮތަށް ހުޅުމާލޭގެ ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތްކުރަނީ ވެމްކޯ އިންނެެވެ. އެ ކުންފުނިން ކުނި ގެންދަނީ ރަޖިސްޓްރީވެފައިވާ ގޭބިސީތަކުންނެެވެ. ތަންތަނުގައި ކުނިތައް ގިނަވުމުން ވެމްކޯއާއި އެޗްޑީސީން ކުނި ނެގިޔަސް މައްސަލަ ހައްލުވާން އޮތީ ފަރުދީ ޒިންމާ ވެސް އަދާކޮށްގެން ކަމަށް އެޗްޑީސީން ބުންޏެވެ.