Roadha Mihaaru

ހުޅުމާލޭގެ މަގުތަކުގައި ގިނަ ދުވަސްވެފައިވާ އުޅަނދުތައް ޓޯ ކުރަން ފަށައިފި

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފި އެވެ.

ހުޅުމާލޭގައި ގިނަ ދުވަސްވެފައިވާ އުޅަނދުތައް ޓޯ ކުރަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

06 ޑިސެމްބަރ 2025

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފި އެވެ.

ސަރުކާރުގެ އެކި ކުންފުނިތަކާ ގުޅިގެން ފުލުހުން އެ މަސައްކަތް މިއަދު ހެނދުނު ފަށާފައިވާއިރު، ޓޯކުރަނީ މަގުމަތީގައި ގަވާއިދާ ހިލާފަށް ގިނަ ދުވަސް ވަންދެން ބަހައްޓާފައިހުރި އުޅަނދުތަކެވެ.

ހުޅުމާލޭގައި އެކަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރު ބައިވެރިވެވަޑައިގެންނެވި އެވެ.

ފުލުހުން މިއަދު ޓޯ ކުރަން ފެށުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން އާއި ސީޕީ ނަވީން އަދި އެޗްޑީސީ އެމްދީ ޒުހެއިރު ބައިވެރިވަނީ..-- ފޮޓޯ: ޕޮލިސް

ފުލުހުން މިއަދު ޓޯ ކުރަން ފެށުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން އާއި ސީޕީ ނަވީން އަދި އެޗްޑީސީ އެމްދީ ޒުހެއިރު ބައިވެރިވަނީ..-- ފޮޓޯ: ޕޮލިސް

މިނިސްޓަރު އަމީން ވިދާޅުވީ ހުޅުމާލޭގައި އެއްވެސް އުސޫލެއް ނެތި ދޫކޮށްލާފައި ހުންނަ ވެހިކަލްތަކުގެ ސަބަބުން އާއްމުންނަށް އުނދަގޫ ވާތީ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ވެހިކަލްތައް ނެގުމުގެ ޕްރޮގްރާމް ފެށުމުގެ ކުރިން ފުލުހުން ވަނީ ހުޅުމާލެ އެކެއް އަދި ދޭއްގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައިވާ އުޅަނދުތައް ނަގަން ކުރިން އަންގައިފަ އެވެ.

ފުލުހުން މިއަދު ފެށި މަސައްކަތުގައި ބައެއް އުޅަނދުތައް ޓޯ ކުރަނީ.-- ފޮޓޯ: ޕޮލިސް

ފުލުހުން މިއަދު ފެށި މަސައްކަތުގައި ބައެއް އުޅަނދުތައް ޓޯ ކުރަނީ.-- ފޮޓޯ: ޕޮލިސް

މާލެ ސަރަހައްދުގައި ނުގަވައިދުން ޕާކުކުރާ މައްސަލަ ބޮޑުވެ ފުލުހުން ދޭތެރެއިން އުޅަނދުތައް ޓޯކުރެ އެވެ.

އެއްގަމު އުޅަނދު ޕާކްކުރުމުގެ 14 ވަނަ މާއްދާގެ ށ. ގައި ބުނީ ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ހާލަތްތައް ފިޔަވައި، އެ ގަވާއިދާ ހިލާފުވާ މީހުން 750ރ. އިން ޖޫރިމަނާކުރާނެ ކަމަށެވެ.