Roadha Mihaaru
މުނިސިޕަލް ހިދުމަތް މޮނިޓާކުރާނެ ބަޔަކު ހޯދަނީ

ހުޅުމާލޭގައި އެޗްޑީސީން ހިދުމަތް ދޭ ގޮތް މޮނިޓާކުރާނެ ބަޔަކު މާލޭ ސިޓީ ކައުންސިލުން ހޯދަނީ

15 އެޕްރީލް 2022

ހުޅުމާލޭގައި އެޗްޑީސީން މުނިސިޕަލް ހިދުމަތް ދޭގޮތް މޮނިޓާކޮށް، މާލޭ ސިޓީ ކައުންސިލަށް ރިޕޯޓްކުރާނެ ބަޔަކު ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގައި އެޗްޑީސީން މުނިސިޕަލް ހިދުމަތް ދޭގޮތް މޮނިޓާކޮށް، މާލޭ ސިޓީ ކައުންސިލަށް ރިޕޯޓްކުރާނެ ބަޔަކު ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.

އެ އިއުލާނާ ގުޅޭ ގޮތުން، އެ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ މިއަދު "މިހާރު" އަށް ވިދާޅުވީ ހުޅުމާލެ އަކީ ވެސް ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައިވާ ތަނަކަށް ވާތީ، އެ އަވަށުގައި ދެމުން އަންނަ މުނިސިޕަލް ހިދުމަތްތައް ދެމުން އަންނަ ގޮތް މޮނިޓާކުރުމަކީ ގާނޫނުގެ ދަށުން އެ ކައުންސިލަށް ލާޒިމުވާ ކަމެއް ކަމަށެވެ. އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކުރީ އެހެންވެގެން ކަމަށެވެ.

"މާލެ އާއި ހުޅުމާލޭގެ މިސްކިތްތައް ސުޕަވައިސްކުރުމާއި މި ކަހަލަ ކަންކަމަށް ވެސް [މުނިސިޕަލް ހިދުމަތް] ބޭނުންވާ ކަމަށް އިއްޔެ އިއުލާންކޮށްފައިވޭ،" އޭނާ ވިދާޅުވި އެވެ.

"އެއީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މިކަންކަން ކުރަން މުވައްޒަފުން ތިބެން ޖެހޭނެތީ."

ހުޅުމާލޭގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ބޭނުންނުކުރާ ވެހިކަލްތަކާ ގިނަ އަދަދެއްގެ ޓިނުތައް ފުންޏަކަށް ޖަހާފައި: ހުޅުމާލޭގައި އެޗްޑީސީން މުނިސިޕަލްގެ ހިދުމަތްދޭ ގޮތް މޮނިޓާކުރާނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން ވަނީ އިއުލާންކޮށްފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލޭގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ބޭނުންނުކުރާ ވެހިކަލްތަކާ ގިނަ އަދަދެއްގެ ޓިނުތައް ފުންޏަކަށް ޖަހާފައި: ހުޅުމާލޭގައި އެޗްޑީސީން މުނިސިޕަލްގެ ހިދުމަތްދޭ ގޮތް މޮނިޓާކުރާނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން ވަނީ އިއުލާންކޮށްފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލޭގެ މުނިސިޕަލް ކަންކަން މިހާރު ބަލަހައްޓަނީ އެޗްޑީސީންނެވެ.

ގާނޫނުގައިވާ ގޮތުން ހުޅުމާލޭގެ ބޮޑު އާބާދީގެ މުނިސިޕަލް ހިދުމަތްތައް ދޭން ޖެހޭނީ މާލެ ސިޓީ ކައުންސިލުންނެވެ. އެކަމަކު މިހާތަނަށް ވެސް މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލްގެ ދަށަށް ބަދަލެއް ނުކުރެ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި އެކަން ހަމަޖައްސައިދޭން އެދި ތަކުރާރުކޮށް އެޗްޑީސީ އާއި ސަރުކާރުގައި ވެސް އެދިފައިވެ އެވެ. އެކަމަކު މިހާތަނަށް ވެސް ކުރިއެރުމެއް ނުލިބެ އެވެ.

ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އެޗްޑީސީން ދެމުންދާގޮތް މޮނިޓާކޮށް، އެ އިދާރާ އަށް ރިޕޯޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވާތީ، އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އާންމު ފަރުދުންނާއި ޕާޓްނާޝިޕް އަދި ކުންފުނިތަކަށް ވެސް އެ ފުރުސަތު ދޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ ކައުންސިލުން ބަލަހައްޓަމުން އަންނަ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ސަހަރާ ސާފުކުރުމުގެ މަސައްކަތް މޮނިޓާކުރާނެ ބަޔަކު ހޯދަން ވެސް އިއްޔެ އިއުލާންކޮށްފައިވެ އެވެ. އަދި މާލޭ ސިޓީ ކައުންސިލުން މާލޭގައި މުނިސިޕަލް ހިދުމަތް ދޭގޮތް މޮނިޓާކުރާނެ ބަޔަކު ވެސް އަންނަނީ ހޯދަމުންނެވެ.