Roadha Mihaaru

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު 43 ޑިގްރީ ސެލްސިއަސް އަށް ހޫނު އިހުސާސްވި!

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު އިހުސާސް ކުރެވުނު ފިނި ހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް މީޓިއޮރޮލޮޖީ ޑިޕާޓްމަންޓް (މެޓް) އިން ބުނެފި އެވެ.

ބައެއް ހިސާބުތަކަށް 43 ޑިގްރީ އަށް ހޫނުވި ދުވަހެއް!
މޫސާ ރަޝީދު
މޫސާ ރަޝީދު

17 އެޕްރީލް 2022

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު އިހުސާސް ކުރެވުނު ފިނި ހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް މީޓިއޮރޮލޮޖީ ޑިޕާޓްމަންޓް (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުން އާންމު ކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި މިއަދު އެންމެ ހޫނުގަދަވެފައި ވަނީ ހުޅުލެ އާއި ހދ. ހަނިމާދޫ އަށެވެ. ހުޅުލޭގެ ފިނިހޫނުމިން 33.5 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް އިހުސާސްވާ ފިނިހޫނު މިން ހުރީ 43.3 ޑިގްރީ ސެލްސިއަަސްގަ އެވެ.

ހަނިމާދޫގެ ފިނިހޫނުމިން 32 ޑިގްރީ ސެލްސިއަސްގައި ހުރި އިރު އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 41.9 ޑިގްރީ ސެލްސިއަސްގައި ކަމަށް މެޓުގެ ރެކޯޑުތަކުން ދައްކަ އެވެ.

ދެކުނުގެ ކައްދޫ، ކާޑެއްދޫ އަދި ގަން ސަރަހައްދުގައި އިހުސާސް ކުރެވޭ ފިނިހޫނުމިން ވެސް 40 ޑިގްރީ ސެލްސިއަސް އާ ކައިރި ކުރެ އެވެ.

މެޓް އޮފީހުން ބުނީ އުތުރުގެ ބައެއް ރަށްތަކަށް ކޮންމެވެސް މިންވަރަކަށް ވާރޭ ވެހޭނެ ކަމަށާއި ނަމަވެސް ޖުމްލަަކޮށް ހުރިހާ ސަރަހައްދެއްގެ މޫސުން ރަނގަޅުވާނެ ކަމަށެވެ.

މިއީ ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް އެންމެ ހޫނު ގަދަ ދުވަސްވަރެވެ. މެޓް އޮފީހުން ކުރިން އާންމުކޮށްފައިވާ ބައެއް މައުލޫމާތުތަކުން އެނގޭ ގޮތުގައި އޭޕްރިލް މަސް ތެރޭގައި ކޮންމެ އަހަރަކު ރާއްޖޭގެ ފިނިހޫނުމިން އެވްރެޖްކޮށް 29.7 ޑިގްރީ ސެލްސިއަސް އަށް އަރަ އެވެ.