Roadha Mihaaru

އަވަސް އިންޒާރުގެ ނިޒާމު ހަރުދަނާކުރުމަށް "ތައްޔާރު" ފަށައިފި

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުގެ އަވަސް އިންޒާރުގެ ނިޒާމު ހަރުދަނާ ކުރުމަށް "ތައްޔާރު" ނަމުގައި ހާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.

އަވަސް އިންޒާރުގެ ނިޒާމު ހަރުދަނާކުރުމަށް "ތައްޔާރު"
އިފްރާޒް އަލީ
އިފްރާޒް އަލީ

22 މެއި 2025

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުގެ އަވަސް އިންޒާރުގެ ނިޒާމު ހަރުދަނާ ކުރުމަށް "ތައްޔާރު" ނަމުގައި ހާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނީ، މީޓިއޮރޮލޮޖިކަލް ސާވިސްގެ "އާލީ ވޯނިން ސިސްޓަމް" ނުވަތަ އަވަސް އިންޒާރުގެ ނިޒާމު ފުޅާކޮށް، ހަރުދަނާކުރުމަށް އަމާޒު ކޮށްގެން ފަށާ މުހިންމު މަޝްރޫއެއް މިނިސްޓަރު ތޯރިގް އިބްރާހިމް މިދިޔަ އާދިއްތަ ދުވަހު އިފުތިތާހު ކޮށްދެއްވާފައިވާ ކަމަށެވެ.

އެ މަޝްރޫއު އިފްތިތާހުކުރީ އާދިއްތަ ދުވަހު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

"ތައްޔާރު" ނަމުގައި ފެށި މި މަޝްރޫއަކީ ޔޫއެންޑީޕީ މޯލްޑިވްސް އާއި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ)އާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖެ އަށް ކުރިމަތިވެދާނެ ގުދުރަތީ ކާރިސާތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭ މައުލޫމާތު އަވަހަށް ފޯރުކޮށްދިނުމެވެ.

"ތައްޔާރު މަޝްރޫއަކީ ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށް ވަރަށް މުހިންމު މަޝްރޫއެއް. މި މަޝްރޫއުގެ ސަބަބުން އަޅުގަނޑުމެންނަށް މޫސުމާ ގުޅޭ މުހިންމު މައުލޫމާތު އަވަހަށް ލިބި، އެކަމަށް ތައްޔާރުވުމުގެ ފުރުސަތު ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ފަންނީ ގާބިލުކަން އިތުރުކޮށް، މޫސުމާ ގުޅޭ ޑޭޓާ އެއްކުރުމާއި ދިރާސާކުރުމުގެ ނިޒާމު ހަރުދަނާ ކުރާނެ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މޫސުމާ ގުޅޭ މައުލޫމާތު އެއްކުރާ މަރުކަޒުތައް ހަދާނެ އެވެ.