ޅ. ނައިފަރުގެ ތިން މިސްކިތެއްގައި ފަސް ކުޑަކުދިން އިމާމުވެ، ދަމުނަމާދު ކުރަން ފަށައިފި އެވެ.
23 އެޕްރީލް 2022
ޅ. ނައިފަރުގެ ތިން މިސްކިތެއްގައި ފަސް ކުޑަކުދިން އިމާމުވެ، ދަމުނަމާދު ކުރަން ފަށައިފި އެވެ.
އެ ފަސް ކުދިންނަކީ ވެސް ނައިފަރުގައި އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ ހިފްޒު ކުލާހެއްގައި ކިޔަވަމުން އަންނަ ކުދިންނެވެ.
ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ، އެ ރަށުގެ ތިން މިސްކިތުގައި އެ ފަސް ކުދިންނަށް ދަމުނަމާދުކުރަން ފުރުސަތު ދިނީ ހިފްޒު ކުލާސް ހިންގާ ފަރާތުން ކައުންސިލްގައި އެކަމަށް އެދުމުން ކަމަށެވެ.
ދަމުނަމާދުގެ އިތުރުން ތަރާވީސް ނަމާދު ވެސް އިމާމުވެ ކުރުމުގެ ފުރުސަތު އެ ކުދިންނަށް ދިނުމަށް ހިފްޒު ކުލާހުން އެދުނެވެ. އެކަމަކު، އޭރު ރާއްޖެއިން ބޭރުން ތަރާސްވީކުރުމަށް އިމާމުން ގެނައުމުގެ މަސައްކަތް ފަށާފައި ވާތީ އެ ފުރުސަތު މި އަހަރު ނުދެވުނެވެ.
ގްރޭޑު ހަތެއްގައި ކިޔަވަމުން އަންނަ އުމުރުން 12 އަދި 13 އަހަރުގެ އެ ކުދިންނަކީ، އަބްދުﷲ ހަޔާން ހަމީޒާއި އާސިރު އާރިފް ޔޫސުފާއި އިސްމާއީލް އަޝްހަމް އަހްމަދާއި އަރިޝް އަބްދުﷲ އިބްރާހިމާއި އަދޮ މިރުއާޝް ހުސެއިން މިރުޒާ އެވެ.
އެ ކުދިން ވަނީ ގުރުއާނުގެ 20-12 ފޮތް ހިތުދަސްކޮށްފަ އެވެ.
ޅ. ނައިފަރުގައި ހުންނަ މަސްޖިދުލް ގުފްރާން -- ފޮޓޯ: އަލީ ޝަރީފް
މުހައްމަދު ވިދާޅުވި ގޮތުގައި، ކުދިންނަށް އެ ފުރުސަތު ދިނުމުގެ ކުރިން އެ ރަށުގައި ތިބި ޝައިހުންނާ މަޝްވަރާކުރައްވައި، އެ ކުދިންގެ ކިބައިގައި އިމާމުވެ ނަމާދުކުރުމުގެ ގާބިލުކަން ހުރިތޯ ޔަގީންކުރެއްވި ކަމަށެވެ. އަދި އެކަމުގައި މިސްކިތްތަކުގެ އިމާމުންގެ ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށާއި އެ ކުދިން އިމާމުވެ، ގުރުއާން ކިޔަވަމުން އަންނަ ވަގުތުގައި އެ އިމާމުންގެ އެހީތެރިކަން ވެސް ލިބޭނެ ކަމަށެވެ.
"މިކަމުގެ ސަބަބުން ރަށުގައި ތިބޭ އެހެން ކުދިން ވެސް ދީނީ ކަންކަމަށް ލޯބި ޖެހި، ޝައުގުވެރިކަން އިތުރުވާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަނީ،" އޭނާ ވިދާޅުވި އެވެ.
މި ރޯދަމަހުގެ ފަހު 10 ގައި ނައިފަރުގެ ތިން މިސްކިތުގައި ކޮންމެ ރެއަކަށް ބަހާލައިގެން ދެ ކުދިން އިމާމުވެ ދަމުނަމާދު ކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ. ކޮންމެ ކުއްޖަކު ވެސް ކުރުމަށް ހަމަޖެހިފައި ވަނީ ހަތަރު ރަކުއަތެވެ. އެ ރަށުގެ ކޮންމެ މިސްކިތެއްގައި ވެސް ދަމުނަމާދުގެ އަށް ރަކުއަތާއި ވިތުރި ކުރުމަށް ހަމަޖެހިފައިވެ އެވެ.
ވިތުރި ކުރާނީ ހިފްޒު ކުލާހުން ކަނޑައަޅާފައިވާ މީހެކެވެ.
ނަމާދަށް ފަރުވާތެރިވާން އާދަކުރަން ރަނގަޅު ފުރުސަތެއް
އަޅުކަންތަކުގައި މީހުން ފޫހިނުކުރުމުގެ މުހިންމުކަން
ލަންދޫ ދަރިވަރުން މިހާރު ނަމާދުކުރާނީ ޖަމާއަތުގައި
ޖަމާއަތުގައި ނަމާދު ކުރަން ވަގުތު ހުސްކުރާނެ ގޮތްތައް
ވުލޫގެ ހިކުމަތާއި މުހިންމުކަން
ނަމާދުގެ ހަރަކާތްތަކުން ރަމްޒު ކޮށްދެނީ ކޮން ކަމެއް؟
ހަ ރޯދަ: މުޅި އަހަރު ރޯދަހިފުން ފަދަ، ދޫނުކުރާތި!
އީދު ފާހަގަކުރާއިރު ހަރާމް ކަންތައްތަކުން ދުރުހެލިވޭ
ރޯދައިގެ ސަވާބު އިތުރުވާނީ ފިތުރު ޒަކާތާއެކު!
ތަރާވީހު ނަމާދު ކުރުކޮށް ކުރުމާއި ދިގުކޮށް ކުރުން