23 އެޕްރީލް 2022
ދިވެހި ޕްރިމިއަ ލީގުގެ ދެވަނަ ބުރުގައި ކްލަބް ގްރީން ސްޓްރީޓްސް 3-2 ން ވެލެންސިއާ ބަލިކޮށްފި އެވެ.
ދިވެހި ޕްރިމިއަ ލީގުގެ ދެވަނަ ބުރުގައި ކްލަބް ގްރީން ސްޓްރީޓްސް 3-2 ން ވެލެންސިއާ ބަލިކޮށްފި އެވެ.
މި ދެޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗު ވެސް ކާމިޔާބު ކުރީ ގްރީން އެވެ. އެމެޗުން ގްރީން މޮޅުވީ 1-0 ންނެވެ.
މިރޭ ގެ މެޗުގެ ފުރަތަމަ ހާފުގައި ގްރީން އިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ވެލެންސިއާއިން ނަތީޖާ ހަމަހަމަ ކުރި އެވެ. ގްރީންގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ މިނެޓްގައި ޖެހީ އަންސަރު އިބްރާހިމް (އަންކޯ) އެވެ. އެޓީމުގެ ދެވަނަ ލަނޑު ޖެހީ ކެޕްޓަން އަހްމަދު ރިލްވާން އެވެ. ވެލެންސިއާގެ ލަނޑުތައް ޖެހީ އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) އާއި ބޯހަސް މާޓިން އެވެ. ގްރީން މެޗުން މޮޅުކޮށް ދިން ލަނޑު ޖެހީ ހަސަން ނަޒީމް (ޗޯޓް) އެވެ.
މިދިޔަ ހަފުތާގައި މާޒިޔާ އާދެކޮޅަށް ވެލެންސިއާ ކުޅުނު މެޗުގައި 13-0 ގެ ލަދުވެތި ނަތީޖާ އަކުން ވަނީ ބަލިވެފަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ވެލެންސިއާ މޮޅުވެފަ އެއް ނުވެ އެވެ. އެޓީމު އެންމެ ފަހުން މޮޅުވީ އޭއެފްސީ ކަޕް ޕްލޭއޮފްގެ ޕްރިލިމަރީ މަރުހަލާގެ ފުރަތަމަ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުންނެވެ. ޕްރިލިމިނަރީގެ ދެވަނަ ބުރަށް ވެލެންސިއާ ކޮލިފައިވި ނަމަވެސް އެ މެޗު ކުޅެން ދަތުރު ނުކުރެ އެވެ.
ގްރީން އިން ފޮނުވާލި ހަމަލާއެއް ދިފާއު ކުރަން ވެލެންސިއާގެ ކީޕަރު ތޮލާލް މަސައްކަތް ކުރަނީ: ޑޮމެސްޓިކް ސީޒަންގައި އެންމ ފަހުން ކުޅުނު ފަސް މެޗުން ވެސް ވެލެންސިއާ އަށް މޮޅުވެވިފައެއް ނުވޭ --- ފޮޓޯ: އެފްއޭއެމް
މެޗުން ގްރީން މޮޅުވިޔަސް ތާވަލުގައި އެޓީމު އޮތް މަގާމަކަށް ބަދަލެއް ނާދެ އެވެ. އެކަމަކު ހަތް ވަނައިގައި އޮތް ޓީމުން ވަނީ ޕޮއިންޓްގެ ގޮތުން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ ސްޕޯޓްސް އާއެއްވަރުކޮށްފަ އެވެ. ތިން ޓީމަށް ވެސް ލިބިފައި ވަނީ 11 ޕޮއިންޓެވެ. ސަސް އަށް ހަވަނަ އެވެ. ޓީސީ އަށް ހަތް ވަނަ އެވެ. ވެލެންސިއާ 13 ޕޮއިންޓާއެކު އޮތީ ހަތަރުވަނައިގަ އެވެ.
ގްރީންގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ފުރަތަމަ މިނެޓްގައި އަންސަރު ޖެހީ، ވެލެންސިއާގެ ޑިފެންޑަރު ސަމްދޫހް މުހައްމަދު (އައްޔަ) އަށް ހެދުނު ފީކަލާ މިސްޓޭކެއްގެ ފައިދާ ނަގަ އެވެ. ވެލެންސިއާގެ އޭރިއާގެ ތެރެއިން އައްޔަ އަށް ލިބުނު ބޯޅަ އޭނާ އެހެން ކުޅުންތެރިޔަކަށް ޕާސްކޮށްލަން ދިން ބޯޅަ އަށް ވިއްދައި އަންސަރު ވަނީ ބޯޅަ ހޯދައި ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.
އޭގެ ކުރިން ގްރީންގެ ރިލްވާން ވެލެންސިއާގެ ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބޯޅަ އެއް ވެލެންސިއާގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލެކް) ސޭވް ކުރި އެވެ. ރިލްވާން ދުރުން ބޯޅަ ފޮނުވާލީ ތޮލާލް ކުރިއަށް ނުކުމެ ހުރުމުން އޭނާގެ ބޯމަތިން ބޯޅަ އެއްސާލުމަށެވެ.
މެޗުގެ 17 ވަނަ މިނެޓްގައި ގްރީން ކޯނަރަކުން ތަނަވަސްވި ބޯޅައިން ނުރައްކާތެރި ފުރުސަތެއް އުފެއްދި އެވެ. އޭންހަލް މުނޯޒް ނަގައިދިން ކޯނަރު، ނަޒީމް ބޮލުން ފޮނުވައިލުމުން ގްރީންގެ ހުސައިން ފަޒީލް ފައިކައރިން ގޮސް ދިޔައީ ގޯލް ދަނޑިއާ ފުޓެއްހައި ދުރުން ބޭރަށެވެ.
ގްރީންގެ ދެވަނަ ލަނޑު ރިލްވާން ޖެހީ ހޯޒޭ އަވީލާ ތަނަވަސް ދިން ޕާހުންނެވެ. ވެލެންސިއާގެ ހާފުގެ ތެރެއިން، ބޯޅަ އައްވިއްދައި ރިލްވާން ވަނީ ވެލެންސިއާގެ ޑިފެންޑަރު އަތުން ބޯޅަ ހޯދައިފަ އެވެ. ބޯޅަ ހިފައިގެން ކުރިއަށް ގޮސް އޭރިއާ ތެރެއަށް ވަނުމުގެ ކުރިން ރިލްވާން ވަނީ އޭރިއާ ބޭރުގައި ހުރި އަވީލާ އަށް ބޯޅަ ދީފަ އެވެ. އަވީލާ އަށް ބބޯޅަ ލިބުނު އިރު ރިލްވާން ހުރީ ވެލެންސިއާގެ އޭރިއާގެ ތެރޭގަ އެވެ. އަލުން އަވީލާ ރިލްވާން އަށް ބޯޅަ ދިނެވެ. އޭރިއާގެ ތެރޭގައި ހުސްކޮށް ހުރެ ރިލްވާން ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.
ވެލެންސިއާގެ ފުރަތަމަ ލަނޑު މިދުހަތު ޖެހީ އިސްމާއީލް އީސާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އީސަ ދިން ބޯޅަ ލިބިގަނެ މިދުހަލތު ވަނީ އޭރިއާގެ ކަނާ ދިމާލުން އަރައި ގޯލްގެ ފާޕޯސްޓް ކަނަށް ބޯޅަ ވައްދައިލައިފަ އެވެ.
އެލަނޑަށް ފަހު، ވެލެންސިއާގެ ބޯހަސް ވަނީ ކުޅުމުން ބޭރުގައި، ގްރީންގެ ކީޕަރު ހަނީފް ސާގިބް މޭމަތީގައި ޖަހައި ކޮއްޕާލާފަ އެވެ. ސާގިބް ގޯލް ކުރިމައްޗަށް ވެއްޓުމުން ދަނޑު މަތީގައި އޭނާ އަށް ފަރުވާ ވެސް ދޭން ޖެހުނެވެ. ވެލެންސިއާއިން ލަނޑު ޖެހުމުން، ބޯހަސް މަސައްކަތް ކުރީ ބޯޅަ ހިފައިގެން ގޮސް އަވަހަށް ކުޅުން ފަށަން ފުރުސަތު ދޭށެވެ. އެކަމަކު ސާގިބް އަތުން ބޯޅަ ނަގަން ދިއުމުން އޭނާ ވަނީ ބޯޅަ ބޭރަށް އެއްލައިފަ އެވެ. އެކަމާ ހިތްހަމަ ނުޖެހި ބޯހަސް ސާގިބް މޭމަތީގައި ޖެހި އެވެ. ލައިސްމަންއާ ވާހަކަ ދެއްކުމަށް ފަހު ރެފްރީ ވަނީ ބޯހަސް އަށް ރީނދޫ ކާޑު ދައްކައިފަ އެވެ.
ވެލެންސިއާއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 42 ވަނަ މިނެޓް ގަ އެވެ. ގްރީންގެ އޭރިއާގެ ތެރެއިން އީސަ، ޑިފެންޑަރު ހަސީބު ކައިރިން ނައްޓާލާފައި ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު ސާގިބް ދީފާއު ކުރި އެވެ. އެކަމަކު އެބޯޅަ ރީބައުންސް ވެގެން ގޮސް ގޯލްލައިންގެ މެދުގައި ހުރި ބޯހަސް ގައިގައި ޖެހިފައި ގޯލްގެ ތެރެއަށް ވަނީ އެވެ. ގޯލް ހިމަނާފައި ވަނީ ބޯހަސްގެ ލަނޑެއްގެ ގޮތުގަ އެވެ.
ގްރީން މެޗުން މޮޅު ކޮށްދިން ލަނޑު ނަޒީމް ޖެހީ 69 ވަނަ މިނެޓްގަ އެވެ. އަވީލާ އޭރިއާގެ އަރިމަތިން ބޯޅަ ހިފައިގެން އަރައި ވެލެންސިއާގެ ޑިފެންޑަރު އަމްދާން ކައިރިން ނައްޓާލަފައި ބޯޅަ ދިނީ އޭރިއާގެ މެދުގައި ހުރި އަންސަރު އަށެވެ. އަންސަރު ގޯލްގެ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރު ތޮލާލް ހުށިޔާރު ކަމާއެކު ދިފާއު ކުރި އއެވެ. ރީބައުންސްވި ބޯޅަ ހޯދައި ނަޒީމް ވަނީ ގޯލްގެ ކަނަށް ބޯޅަ ވައްދައިލައިފަ އެވެ.
މޮޅުވާން ދިޔަ ގްރީން އަށް ޔޫވިން ހުރަސް އަޅައިފި
ދެވަނައިގައި އީގަލްސްއިން ފުރަތަމަ ބުރު ނިންމާލައިފި
ގްރީން އަޑިއަޅާލައިފި، ކޯޗު ބުނަނީ ޒިންމާ ނަގާ ކަމަށް
މޮޅުވީ މާޒިޔާ، އެކަމަކު ކޯޗު ހިތްހަމަނުޖެހިފައި
ގްރީންގައި ނިސްތާރު ރަނގަޅު ޕްލޭނަކާ އެކު
މާޒިޔާ އިން ފަހަތުން އަރައި ގްރީން ބަލިކޮށްފި
ވިކްޓަރީ ބަލިކޮށް ގްރީން ސްޓްރީޓްސް ހަމަޖެހިލައިފި
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގުން ވަކިވިކަން ގްރީންއިން ރަސްމީކޮށް އަންގައިފި
ވެލެންސިއާ އާއި ގްރީން ލީގުގައި ވާދަނުކުރަން ނިންމައިފި