Roadha Mihaaru
ފަތިސް 04:41
އިރުއަރާ 05:53
މެންދުރު 12:01
އަސްރު 15:08
މަގްރިބް 18:01
ޢިޝާ 19:12
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ރީކޯ މޫސަގެ ހަޔާތުން މި ފަހަރު މި ވާހަކަތައް!

ރީކޯ މޫސަގެ ހަޔާތުން މި ފަހަރު މި ވާހަކަތައް!

29 އެޕްރީލް 2022

ފިލްމު ކުޅެން ދިމާކުރިއަސް ނުވަތަ ސިޔާސީ ކަންކަމުގައި އުޅުއްވިޔަސް އަދިވެސް އެނބުރި އާދެވޭނެ ކަމުގެ ޔަގީންކަން ރީކޯ މޫސާ މަނިކުގެ އެބައޮތެވެ. އެކަމަކު، އެ ހުރިހާ ކަމަކުން އެއް ފަރާތްވެ މި ވަގުތު އޭނާ ހުންނެވީ، މީހަކަށް ބަރޯސާނުވެ އަމިއްލަ ވިޔަފާރި ހިންގެވުމުގައި، ހަމަ އެ ޔަގީންކަމާ އެކު އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފިލްމު ކުޅެން ދިމާކުރިއަސް ނުވަތަ ސިޔާސީ ކަންކަމުގައި އުޅުއްވިޔަސް އަދިވެސް އެނބުރި އާދެވޭނެ ކަމުގެ ޔަގީންކަން ރީކޯ މޫސާ މަނިކުގެ އެބައޮތެވެ. އެކަމަކު، އެ ހުރިހާ ކަމަކުން އެއް ފަރާތްވެ މި ވަގުތު އޭނާ ހުންނެވީ، މީހަކަށް ބަރޯސާނުވެ އަމިއްލަ ވިޔަފާރި ހިންގެވުމުގައި، ހަމަ އެ ޔަގީންކަމާ އެކު އެވެ.

މީގެ 33 އަހަރު ކުރިން ފިލްމު ކުޅުއްވަން ފެއްޓެވުމަށް ފަހު ސިޔާސީ ކަންކަމުގެ ތެރެއަށް ރަސްމީކޮށް ވަންނަވައި، އަދި 2006 ވަނަ އަހަރު ފިލްމީ ދާއިރާއިން ދުރަށް ވަޑައިގަތީ ރާއްޖޭގެ ހަމައެކަނި ސުޕަ ސްޓާރުގެ މަގާމާ އެކު އެވެ. އޭނާގެ ހުނަރާ ބެހޭ ގޮތުން އިތުރު ތަފުސީލަކަށް ދަންޏާ އެ ވާނީ ބޭކާރު ކަމަކަށެވެ.

ސިޔާސީ މައިދާނުގައި ވެސް ދެއްކެން އޮތީ ހަމަ އެ މިސާލެވެ؛ ދޫދެއްވުމެއް ނެތެވެ. ހުސް ކާމިޔާބެވެ.

އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައި އެ ޕާޓީގެ ބާރުގަދަ ޗެއާޕާސަންގެ މަގާމު ފުރުއްވި އެވެ. ސިޔާސީ ޕޯޑިއަމްތަކުގައި ޖޯޝާއި ފޯރީގައި ވާހަކަދެއްކެވި އެވެ. އެތައް ފަހަރަކު ޒަހަމްވި އެވެ. ހަށިގަނޑުން ލޭއޮރުނެވެ. އެކަމަކު، އޭގެ ފަހަތުގައި އޮތީ ރާއްޖެ އަށް އެތައް ބަދަލެއް އައި ޑިމޮކްރެޓިކް ވެއްޓެއް އުފަންވެ ފައްކާވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ތިން ދައުރު ކުރައްވައި، އޭނާގެ ސިޔާސީ މި ވަގުތަށް ނިންމަވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމާ އެކު އެވެ.

އެ ހުރިހާ ކަމެއް މާޒީ އަށް ދޫކޮށްލައްވައި، އޭނާ ހުރީ އެއިން އެއްވެސް ކަމެއްގެ ވައި ވެސް ޖެހޭ ހިސާބެއްގައެއް ނޫނެވެ. ލ. އަތޮޅުގައި އަމިއްލަ ރިސޯޓެއް މިހާރު ހިންގަވާ މޫސަ ގިނަ ދުވަސްތައް ހޭދަކުރައްވަނީ އެ ރިސޯޓުގަ އެވެ. ރިސޯޓް ހިންގުމުގެ ހުރިހާ ކަމެއްގައި ހެން، ނުވި ތާކަށް އެ ރަށުގެ ބީޗްގެ ކުނި ކަހައި، ފޮޅައި ސާފުކޮށް ވެސް ހަދަން ހުންނަވަނީ މޫސަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި (ކ-2) މަޖިލީހުގެ މިހާރުގެ ރައީސް ނަޝީދާއި (ކ) މަޖިލީހުގެ ކުރީގެ ރައީސް ގާސިމް (ވ-2) އަދި މަޖިލީހުގެ އޭރުގެ ނައިބު ރައީސް މޫސަ، މަޖިލީހުގެ އިދާރާގައި ބައްދަލުކުރައްވަނީ: ސިޔާސީ މަސައްކަތުން މޫސަ ނުފެންނަތާ ދުވަސްތަކެއް ވެއްޖެ.-- ފޮޓޯ: މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި (ކ-2) މަޖިލީހުގެ މިހާރުގެ ރައީސް ނަޝީދާއި (ކ) މަޖިލީހުގެ ކުރީގެ ރައީސް ގާސިމް (ވ-2) އަދި މަޖިލީހުގެ އޭރުގެ ނައިބު ރައީސް މޫސަ، މަޖިލީހުގެ އިދާރާގައި ބައްދަލުކުރައްވަނީ: ސިޔާސީ މަސައްކަތުން މޫސަ ނުފެންނަތާ ދުވަސްތަކެއް ވެއްޖެ.-- ފޮޓޯ: މަޖިލިސް

ދެހާސް ނަވާރައިގައި ހުޅުވި ރަހާ ރިސޯޓަކީ ލ. އަތޮޅުގައި މި ވަގުތު އޮތް އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ. އެއީ އޭނާ ވިދާޅުވި ގޮތުން އޭނާގެ ލައިފް ސްޓައިލް ވެސް ބަދަލުކޮށްލި އެއް ދިމާއެވެ. އެ ބިޒީ ކަމުގައި އޭނާ ދުވަސްތައް މިހާރު ހޭދަކުރައްވަނީ ފޫހިކަމެއް ނެތި އެވެ.

"ލައިފްސްޓައިލަކީ ވަކި ގަޑިއަކަށް ކައި، ގަޑިން ގަޑިއަށް ކަސްރަތުކޮށް ދެން ކެއުމުގައި ވެސް ބަލައިގެން އުޅުން. ބުރަކޮށް މަސައްކަތް ކުރަން، ތަންތަނަށް ވެއްޓިފައި ނޯވެ ފަތިހާ ތެދުވެ، ފަތިސް ނަމާދު ކުރާގޮތަށް ރޭގަނޑު މަސައްކަތް ނިމެންދެން މި އުޅުނީ،" އުމުރުން މިހާރު 61 އަހަރުގެ މޫސަ ވިދާޅުވި އެވެ.

ފެންނަ ފެނުމަށް މޫސަ އުމުރަށް ވުރެ ވެސް ޒުވާނެވެ. ހަށިގަނޑަށް އައި މާ ބޮޑު ބަދަލެއް ވެސް ނެތެވެ.

"އެންމެ ބޮޑު ކަމަކީ ވަރަށް ނަލަކޮށް އުޅޭ ހިތްވަނީ އަބަދު ވެސް. ފެންވަރައިގެން ރީތިވެގެން ގަޔަށް ސެންޓު ޖަހައިގެން ރީތިކޮށް ޑްރެސްކޮށްގެން އުޅޭހިތް ވަނީ. އެއީ ކުޑައިރުއްސުރެ އުޅޭގޮތް،" ކުޑައިރުގެ ހަނދާންތައް އާ ކުރައްވައި މޫސަ ވިދާޅުވި އެވެ.

"މަންމަ ވެސް އެހެން ވަރަށް ގިނައިން ކިޔާ. ޒުވާންކޮށް ހުންނަނީ ވަކި ގޮތްތަކެއްގައި ހިފަހައްޓާތީ ކަމަށް ގަބޫލުކުރެވެނީ."

މޫސަ ކުޑައިރުގެ ފޮޓޯއެއް.

މޫސަ ކުޑައިރުގެ ފޮޓޯއެއް.

ހިތް އޮތީ އެމްޑީޕީގައި، އެކަމަކު ސިޔާސީ ކަންކަމަށް މި ވަގުތު ޝައުގެއް ނެތް

ސިޔާސީ ޕޯޑިއަމްތަކާއި ޖަލްސާތަކުގައި ދޫފަރިތަކޮށް ވާހަކަދައްކަވައި އަދި އެންމެ ފޯރީގައި އެމްޑީޕީގެ ދިފާއުގައި އޭރު ނުކުމެވަޑައިގެން ހުންނެވި އެންމެ ވަރުގަދަ އެއް ބޭފުޅަކީ މޫސަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޕީއެމަށް ބަދަލުވެ ވަޑައިގެންނެވިޔަސް، ވެރިކަން ބަދަލުވި ފަހުން ޕީޕީއެމްގެ ހަރަކާތްތަކުން ވެސް ނުފެނެ އެވެ. އެހެންވެ، ސިޔާސީ ދާއިރާއިން އޭނާ ދުރަށް ދިޔައިތޯ ބައެއް މީހުން ސުވާލު އުފައްދަ އެވެ.

މޫސަ ވިދާޅުވީ ސިޔާސީ ކަންކަމަށް ޝައުގުވެރިކަން ނެތް ކަމަށެވެ. ހަލަބޮލި މާލެއާ ދުރުގައި އޮންނަ ރިސޯޓުގައި ވަގުތުތައް ގުނަލަގުނާލަ އިނުން މާ ބޮލަށް ފަސޭހަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގައި ނަމަ ސައިކަލް ޕާކުކޮށްލާނެ ތަންކޮޅެއް ވެސް އޮތީއެއް ނޫން. މަގުމަތިން ދިމާވިޔަސް އެކަކު ދައްކާނީ ރައީސް ސޯލިހުގެ ރަނގަޅު ވާހަކަ، އަނެކަކު ދައްކާނީ ރައީސް ޔާމީންގެ ރަނގަޅު ވާހަކަ. ދެން ބޮލަށް އުނދަގޫވާން ކީއްކުރަން [މާލެ ދާންވީ]. މާ ފަސޭހައެއްނު މި ތަނުގައި އުޅުނިއްޔާ،" ރަހާ ރިސޯޓުގައި ހުންނަވައިގެން "މިހާރު" އަށް ދެއްވި އިންޓަވިއުގައި މޫސަ ވިދާޅުވި އެވެ.

ސިޔާސީ ކަންކަމުގައި އުޅުއްވައިގެން ވެސް ވަރަށް ގިނަ ކަންތައްތައް ކުރެފައިވާ ކަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ ގޮތުން މޫސަ ނެންގެވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދިނުމެވެ.

ބޭސްފަރުވާ އަށް ސަލާމް ޖަހަން ނުޖެހުމާއި ބޯހިޔާވަހިކަން ފަށައިދޭން ފެށީ ވެސް ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމުގައި އިސްކޮށް ހުންނަވައިގެން ކަމަށް މޫސަ ވިދާޅުވި އެވެ.

މޫސާ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

މޫސާ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

އެ މުހިއްމު މަސައްކަތްތަކުގައި މޫސަ ބައިވެރިވެވަޑައިގަތް ނަމަވެސް އެމްޑީޕީން ވަކިކުރަން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ޕާޓީގެ ތްރީ ލައިން ވިޕާ ހިލާފުވެ ވަޑައިގަތް މައްސަލައިގަ އެވެ. އެކަމަކު މޫސަ ވިދާޅުވާ ގޮތުގައި އެ ހިތްހަމަނުޖެހުން ފެެށުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރެއްވުމުންނެވެ.

ސިޔާސީ ގޮތުން ވަކި މީހެއްގެ މޮޅު ވާހަކަ ދައްކައިގެން "ދުވަން" އުޅުމުގެ ބޭނުމެއް ނެތް ކަމަށާއި އެގޮތަށް އުޅުމުން ލިބުނު "ލަނޑު" އެހެރީ ފެންނަން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"މި ވަގުތަށް ނެތް [ސިޔާސީ ދާއިރާ އަށް] ޝައުގުވެރިކަމެއް. އެބަހުރި ބައިވަރު ކަންތައް ކުރަން،" އޭނާ ވިދާޅުވި އެވެ.

މި ވަގުތު ސިޔާސީ ދާއިރާއިން ނުފެނުނަސް މޫސަ ވިދާޅުވީ އެ ދާއިރާއިން ދުރަށް ދިޔައީ ނޫން ކަމަށެވެ. "އެކަމުގެ ތެރޭގައި ވެސް އުޅެލާނެ" ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކޮށްފާނަންތޯ އެހުމުން އޭނާ ހީނލެއްވި އެވެ. އަދި ވިދާޅުވި އެވެ:

"ކުރީ ފަހަރު ވެސް އަޅުގަނޑު ތި ކަހަލަ ވާހަކައެއް ދެއްކީމަ އަޅުގަނޑުގެ ޒަމާން ދުއްވާލީ އެމްޑީޕީ ތެރެއިން. ރިޔާސީ އިންތިހާބަށް ދާއިރު ދާން ޖެހޭނީ ސިޔާސީ ޕާޓީއެއްގައި، ސިޔާސީ ޕްލެޓުފޯމެއްގައި ވަރުގަދައަށް ތިބޭ މީހުން. ހަމަ ކުއްލިއަކަށް ހުރެ ބަހައްޓާފައި، އަޅުގަނޑަކީ މަޝްހޫރު މީހަކަށް ވީމަ ކެންޑިޑޭޓަކަށް ވެގެން ނުކުމެގެން ކީއްކުރަން ކުރާ ކަމެއް؟

"އަޅުގަނޑެއް ނީންނާނެ އަދި އިންތިހާބަކަށް ކުރިމަތިލައިގެން އިންތިހާބަކުން ބައްޔެއް ވެފައި. އަޅުގަނޑު ކުރި މަސައްކަތެއް ކާމިޔާބުވޭ. އަޅުގަނޑެއް ރިޔާސީ އިންތިހާބަކުން ނުއެއް ފެންނާނެ ކަންނޭނގެ. އަޅުގަނޑު އަމިއްލައަކަށް އެއްވެސް ފިކުރެއް ނުކުރަން އެކަމަކު މި ދެންނެވި ގޮތަށް މަސައްކަތް ކުރަން ބޭނުންވެއްޖިއްޔާ ބޭނުންވާ ބަޔަކާ އެކު މި ގައުމު ހަމައަކަށް އަޅުވަން އަޅުގަނޑު ވެސް މަސައްކަތްކޮށްފާނަން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އެމްޑީޕީން ހަދަމުންދާ ގޯސްތަކާއި މުޅި އެމްޑީޕީ މިހާރު އޮތް ސިފަ އަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ އަށް އެކަނި 2023 ލިބުމަކީ ފަސޭހަ ކަމެއް ނޫނެވެ.

"ހަމައެގޮތަށް ޕީޕީއެމް ވެސް އެކަނި ނުކުމެ ކާމިޔާބު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އަޅުގަނޑަށް ވިސްނެނީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް އެމްޑީޕީއާއެކު އުޅުމުގެ ވިސްނުމުގައި ހުންނަނީ އެކަމަކު އަޅުގަނޑަކަށް ހިއެއް ނުވޭ މިހާރު އެމްޑީޕީއަކަށް ވެސް 2023 ގައި މިހާރު މި އޮތް ސިޓުއޭޝަންގައި އެމްޑީޕީއަކަށް ވެސް އަދި ޕީޕީއެމަކަށް ވެސް [ކާމިޔާބުވާނެހެން]."

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމާއެކު މޫސަ، އޭނާގެ ރިސޯޓުގައި ފޮޓޯއަކަށް ހުއްޓިވަޑައިގެން. ލ. އަތޮޅުގައި ބޮޑު އިންވެސްޓްމަންޓެއް ވަނީ ކުރައްވާފައި.-

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމާއެކު މޫސަ، އޭނާގެ ރިސޯޓުގައި ފޮޓޯއަކަށް ހުއްޓިވަޑައިގެން. ލ. އަތޮޅުގައި ބޮޑު އިންވެސްޓްމަންޓެއް ވަނީ ކުރައްވާފައި.-

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އެތެރޭގެ ތަޅާފޮޅުންގަނޑު ވެސް ވަރަށް ބޮޑެވެ. ވަރަށް މަސައްކަތް ކޮށްގެން ނޫނީ އިންތިހާބުން ކާމިޔާބުވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މި ފަހުން ފެނުނު ވީޑިއޯތަކަށް ބަލައި މޫސަ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އެމްޑީޕީ ވަރަށް ބާރަށް އެއްގަލަކަށް އަރައިފިނަމަ އެ މަނިކުފާނަށް ފުރުސަތު އެބައޮތް ކަމަށެވެ. ރައީސަށް ދެ ވަނަ ދައުރުގެ ފުރުސަތު ހޯދުމަށް އޮތް އެންމެ ބޮޑު ބިރަކީ އިދިކޮޅު ޕާޓީތަކަށް ވުރެ އެމްޑީޕީ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކަންތައްތައް ކަމަށް މޫސަ ވިދާޅުވި އެވެ.

"ރައީސް ނަޝީދު ކޮންޓްރޯލް ވެއްޖިއްޔާ ނޫނީ އެމްޑީޕީއަކުން ނުކުމެގެން ވެރިކަމެއް ލިބިދާނެހެން އަޅުގަނޑަކަަށް ހިއެއް ނުވޭ.

"ރައީސް ނަޝީދު ބަދަލުވީ ރަސްކަލަކަށް. އެމްޑީޕީގެ ރަސްގެފާނަށް ބަދަލުވީ. އަނެއް ބަޔަކު ރައީސް ޔާމީން ވެސް އެ ގޮތަށް ބަދަލުކުރުވަނީ. އަޅުގަނޑުމެން ގެނައި ޑިމޮކްރަސީ އަނެއްކާ ބެކްފަޔާ ކުރަނީ."

އަދިވެސް ވަރަށް ފިލްމު ކުޅޭ ހިތްވޭ

"މިހެން ސިޔާސީ ކަންތަކުގައި އުޅުމަށް ވުރެ، މިހާރު އަޅުގަނޑު އުމުރުން 60 އަހަރުވީ. ބަލާލާކަށް ހަޑިއެއް ނޫނެއްނު އަދިވެސް. ފިލްމު ވެސް ކުޅެވިދާނެތާ،" ފަސް ބޭފުޅުންނާއި ކާފަ ވިދާޅުވާ ފަސް ބޭފުޅުން ތިއްބެވި މޫސަ ވިދާޅުވި އެވެ.

މީގެ 11 އަހަރު ކުރިން ނެރުނު "އެބައްޕަ" ފިލްމުގައި، ކޮއްޔަ ހަސަން މަނިކާ އެކު ހާއްސަ ފެނިލުމަކުން އެންމެ ފަހުގެ ފިލްމުގެ މަސައްކަތުގައި އުޅުއްވި ގޮތަށް ފިލްމީ މަސައްކަތެއް ނުކުރައްވަ އެވެ. އެކަމަކު، ދާއިރާ ކުރިއަރައިގެން ނުދާތީ މޫސާގެ އޮތީ ކަންބޮޑުވުމެވެ.

މޫސަ.

މޫސަ.

އޭނާ ވިދާޅުވި ގޮތުގައި އިނދަޖެހިފައި އޮތް ފިލްމު އިންޑަސްޓްރީ ކުރިއަރުވަން އެއްވެސް ބަޔަކު މަސައްކަތެއް ނުކުރެ އެވެ. ބަދަލުގައި ފެންނަނީ ދީނީ ހިޔާލުތަފާތުވުންތަކުގައި ޒުވާބުކުރާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާގެ ނަޒަރުގައި އޭގެ ނަތީޖާ މިހާރު ދަނީ ފެންނަމުންނެވެ.

ބޮޑެތި ހަރަދުތައް ކޮށްގެން ހަދާ ފިލްމުތައް ބަލަން ވަންނަ ސިނަމާތައް ފަޅުވެ، ދިވެހި ފިލްމުތަކަށް އޮތް ތަރުހީބު ފަނޑުވެއްޖެ އެވެ.

"މިހާރު ވެސް ރަނގަޅު ފިލްމު ހެދިއަސް އެކަމަށް މާ ބޮޑު ޝައުގެއް ނުދޭ. ވަސީލަތްތައް ހުއްޓަސް މާލީ ގޮތުން އެ ދާއިރާ ކުރިއަރުވަން ކުރާ މަސައްކަތެއް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

މޫސަގެ ފިލްމީ ރަން ޒަމާނުގައި އެތައް ފިލްމެއް ނެރުނަސް އޭނަ އެންމެ ހިތްހަމަޖެހޭ ގޮތަށް ކުޅެވުނީ "ފަތިސް ހަނދުވަރު" އަދި "ހައްގު" އެވެ. އޭގެ ތެރެއިން ވެސް ފަތިސް ހަނދުވަރަކީ އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ.

މިހާރުގެ ފިލްމުތަކުގައި އެނިމޭޝަނާއި އެޑިޓުކޮށްގެން ބަދަލުތައް ގެނައި ނަމަވެސް އެ ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައި ވަނީ، މޫސަ ވިދާޅުވި ގޮތުގައި ވަރަށް ބުރަ މަސައްކަތުން، އަސްލު ވަގުތުގަ އެވެ.

"ސްޓަންޓު ހަދާކަށް ނުލިބޭ އޭރު. ގަހެއްގައި އިންނަ މަންޒަރު ދައްކަން ބޭނުންވަންޏާ ޖެހޭނީ އެ ގަހަށް އަރަން ހަމަ. އޭރު އެކަން ކުރީ ވަރަށް ރިއަލްކޮށް،" އޭރު ފިލްމުގެ މަސައްކަތްތައް ކުރިގޮތް ކިޔައިދެމުން މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިލްމީ މަސައްކަތްތަކާ ކިތަންމެ ދުރުގައި ހުއްޓަސް އަދިވެސް އެކަން ކުރާ ހިތްވާ ކަމަށެވެ. މިހެން ހުރެލާފައި ލަވައެއް ކުޅެލަން ހިތަށް އެރިއަސް، ދަރިން ބޮޑުވެ، ކާފަ ކިޔާ ކުދިން ތިބުމުން "މޫނޭ ތިއީ ހިތްއެދޭ" ކަހަލަ ލަވަތައް ދެން ނުކުޅެވޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.

މުޅި އިންޓަވިއުގައި އޭނާ ދެއްކެވީ ވެސް އޭނާގެ ފަރިތަ ދުލުގެ ހުނަރެވެ. އެކްޓަރެއްގެ ކުޅަދާނަ ކަމެވެ. ސިޔާސަ، އަދި ސިޔާސީ ހަގީގަތްތަކެވެ. ހަގީގަތުގައި ވެސް އޭނާ އަކީ ވަރުގަދަ ސިޔާސީ ބޭފުޅެކެވެ. ކުޅަދަނާ އެކްޓަރެކެވެ. މަތީގައި އެ އިން ވީޑިއޯ ބަލާލުމުން ވެސް އެކަން ވަރަށް ރަނގަޅަށް އެނގެ އެވެ.