24 އެޕްރީލް 2022
މާސީސައިޑް (އޭޕްރީލް 24) - އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ބައްދަލުކުރި މެޗު 2-0 އިން ލިވަޕޫލް މިރޭ ކާމިޔާބުކުރުމާ އެކު އެވަޓަން ރެލިގޭޝަން ޒޯނަށް ވެއްޓިއްޖެ އެވެ.
މާސީސައިޑް (އޭޕްރީލް 24) - އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ބައްދަލުކުރި މެޗު 2-0 އިން ލިވަޕޫލް މިރޭ ކާމިޔާބުކުރުމާ އެކު އެވަޓަން ރެލިގޭޝަން ޒޯނަށް ވެއްޓިއްޖެ އެވެ.
ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވައި ނުލެވުނެވެ. ލިވަޕޫލްގެ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ ފޮނުވާލި ހަމަލާއެއް ގޯލު މަތިން ބޭރަށް ދިޔައިރު ޑިއޯގޯ ޖޮޓާ ފޮނުވާލި ބޯޅައެއް ބޭރުވީ ގޯލު ދަނޑި ކައިރިންނެވެ.
އެވަޓަން އަށް މި ހާފުގައި ލަނޑެއް ޖަހަން އެންމެ ރަނގަޅު ފުރުސަތު ލިބުނީ މިޑްފީލްޑަރު އަބްޑުލާޔޭ ޑޮކޫރޭ އަށެވެ. ނަމަވެސް ރިޗާލިސަން ހުސްކޮށްލާފައި ދިން ބޯޅަ އޭނާއަށް މާ ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ.
ލިވަޕޫލްގެ ފުރަތަމަ ލަނޑު 62 ވަނަ މިނިޓުގައި، ސަލާހު ނަގައިދިން ހުރަހަކުން ޖަހައިދިނީ ވާތުބެކް އެންޑީ ރޮބާޓްސަން އެވެ. އޭގެ އިރުކޮޅެއް ކުރިން ލިވަޕޫލްގެ ޑިފެންޑަރު ޖޮއެލް މަޓިޕް ކައިރިން ނައްޓާފައި އެލެކްސް އިވޯބީ އެވަޓަން އަށް ލީޑުނަގަން ރަނގަޅު ފުރުސަތެއް ހޯދި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެން ބޭރަށެވެ.
އޮރީގީ އެވަޓަން ކޮޅަށް މިރޭ ލިވަޕޫލްގެ ދެވަނަ ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށްވެފައި ވަނިކޮށް ލިވަޕޫލްގެ ދެވަނަ ލަނޑު ޖަަހައިދިނީ ޑިވޮކް އޮރީގީ އެވެ. އެންޑަސަން ނަގައިދިން ކޯނަރެއް އޭރިއާ ބޭރުގައި ހުރި ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ލިބުމުން އޭނާ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ހޯދީ ލުއިސް ޑިއާޒް އެވެ. އޮރީގީ ގޯލު ޖެހީ ޑިއާޒް ބައިސިކަލް ކިކަކުން ފޮނުވާލި ބޯޅަ ގޯލުގެ ފާ ޕޯސްޓުގައި ހުރެ ބޮލުން ފޮނުވާލައިގެންނެވެ.
މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް އެއް ޕޮއިންޓުގެ ލީޑު ފުޅާވިޔަ ނުދީ ހިފަހައްޓައިފަ އެވެ. ލިވަޕޫލް ދެވަނައިގައި އޮތީ 33 މެޗުން 79 ޕޮއިންޓް ހަމަ ކޮށްގެންނެވެ. ސިޓީ އަށް ވަނީ 80 ޕޮއިންޓް ލިބިފަ އެވެ.
އެވަޓަން އޮތީ 32 މެޗުން ހޯދި 29 ޕޮއިންޓާ އެކު 18 ވަނައިގަ އެވެ. މިހާތަނަށް މި ސީޒަނުގައި އެވަޓަން އިން ރަށުން ބޭރުގައި 16 މެޗު ކުޅުނު އިރު އެޓީމު މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. ތިން މެޗު އެއްވަރުވެފައިވާއިރު 12 މެޗުން ވަނީ ބަލިވެފަ އެވެ. ލީގުގައި އެވަޓަން އަށް ދެން އޮތީ އަންނަ އާދިއްތަ ދުވަހު ރަށުން ބޭރުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗެވެ.
ވީޑްރާ މިރޭގެ މެޗުގައި ވުލްވްސް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް
މި ސީޒަނުގައި ރެލިގޭޝަނުގައި އޮތް ބާންލީ ވަނީ މިރޭ އަމިއްލަ ދަނޑުގައި، އަށްވަނައިގައި އޮތް ވުލްވްސްއާ ދެކޮޅަށް ކުޅެ 1-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. އެޓީމުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ވައުޓް ވެގޯސްޓްގެ އެހީތެރިކަމާ އެކު ޖެހީ މަޓޭއި ވީޑްރާ އެވެ.
ބާންލީ ވަނީ ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް، އެވަޓަން އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ލީގުގެ 17 ވަނައަށް ޖެހިލައިފަ އެވެ. މިހާތަނަށް ކުޅުނު 32 މެޗުން 49 ޕޮއިންޓް ހޯދާފައިވާ ވުލްވްސް އޮތީ، ހަތްވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑުގެ ފަހަތުގައި، ލީގުގެ އަށްވަނައިގަ އެވެ. ވެސްޓް ހޭމް މިހާތަނަށް ކުޅުނު 33 މެޗުން ވަނީ 52 ޕޮއިންޓް ހޯދައިފަަ އެވެ.
ބްރައިޓަން އާއި ސައުތެމްޓަން މިރޭ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ބްރައިޓަން އިން ދެ ގޯލުގެ ލީޑެއް ނަގާފައި ވަނިކޮށް ފަހަތުން އަރައި ސައުތެމްޓަން އިން އެއްވަރުކުރި ދެ ލަނޑު ވެސް ޖަހައިދިނީ ކެޕްޓަން ޖޭމްސް ވާޑް ޕްރައުސް އެވެ. ބްރައިޓަންގެ ފުރަތަމަ ލަނޑު ޑެނީ ވެލްބެކް ޖަހައިދިން އިރު ދެވަނަ ލަނޑަކީ ސައުތެމްޓަންގެ ޑިފެންޑަރެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާއެކު އުންމީދުތައް ފެނަށް
ސިޓީއަށް ތިންގަޑިއިރު، ލިވަޕޫލް އަލުން އެއްވަނައަށް
ފުރަތަމަ ފުރުސަތުގައި މުޑްރިކް ދެއްކީ އުންމީދީ ކުޅުމެއް
"ޗެމްޕިއަންސް ލީގު ކުޅެން ފެންވަރު ހިފަހައްޓަން ޖެހޭ"
ފުލުގައި އޮތް ފޮރެސްޓް އަތުން ލިވަޕޫލް ބަލިވެއްޖެ
ޗެލްސީ އެއްވަރު، އެވަޓަން އިން ލިވަޕޫލް ބަލިކޮށްފި
ލިވަޕޫލް ހަތް ގޯލު ޖަހައިފި، ސިޓީ އަށް މޮޅެއް
ޕިކްފޯޑްގެ ދިފާއުގައި އަންޗެލޮޓީ ވާހަކަދައްކައިފި
ލިވަޕޫލް-އެވަޓަން އެއްވަރު، ޗެލްސީ ފުރުސަތު ނަގާލައިފި
އެވަޓަން އިން ލިވަޕޫލް ހިފަހައްޓައިފި