Roadha Mihaaru
ލިވަޕޫލް ހަތް ގޯލު ޖަހައިފި، ސިޓީ އަށް މޮޅެއް

ލިވަޕޫލް ހަތް ގޯލު ޖަހައިފި، ސިޓީ އަށް މުހިއްމު ތިން ޕޮއިންޓް

20 ޑިސެމްބަރ 2020

ލަންޑަން (ޑިސެމްބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ރަށުން ބޭރުގައި 7-0 އިން ކްރިސްޓަލް ޕެލަސް ބަލިކުރިއިރު، މެންޗެސްޓާ ސިޓީން ސައުތެމްޓަން 1-0 އިން ބަލިކޮށް މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.

ލަންޑަން (ޑިސެމްބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ރަށުން ބޭރުގައި 7-0 އިން ކްރިސްޓަލް ޕެލަސް ބަލިކުރިއިރު، މެންޗެސްޓާ ސިޓީން ސައުތެމްޓަން 1-0 އިން ބަލިކޮށް މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.

ޕްރިމިއާ ލީގުގެ ތާރީހުގައި ލިވަޕޫލުން ރަށުންބޭރުގައި ހޯދި އެންމެ ފަރަގު ބޮޑު ނަތީޖާ އަށް ފަހު އެ ޓީމުން ވަނީ އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ލިވަޕޫލަށް 14 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތީ ރޭ އާސެނަލް އަތުން 2-1 އިން މޮޅުވި އެވަޓަން އެވެ. އެވަޓަން އަށް 14 މެޗުން ވަނީ 26 ޕޮއިންޓް ލިބިފަ އެވެ. މިރޭ ޓޮޓެންހަމް ދަނޑުގައި އެ ޓީމުން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް އެ ޓީމަކަށް ދެ ވަނަ އަށް އެރޭނެ އެވެ.

މުހައްމަދު ސަލާހު ފުރަތަމަ އެގާރައިގައި ނުހިމަނައި ރޭގެ މެޗު ލިވަޕޫލުން ފެށިއިރު، އެ ޓީމަށް ތިން ވަނަ މިނިޓްގައި ލީޑުނަގައިދިނީ ޖަޕާނުގެ ޓަކޫމީ މިނަމީނޯ އެވެ. ޕެލަސް އަށް އެއްވަރުކުރަން ޖޯޑަން އަޔޫ އަށް ލިބުނު ދެ ފުރުސަތެއް ނަގާލިއިރު ލިވަޕޫލުން ފުރަތަމަ ހާފުގައި އިތުރު ދެ ގޯލު ޖެހި އެވެ. ލީޑުފުޅާކޮށްދިނީ ސަޑިއޯ މާނޭ އެވެ. ތިން ވަނަ ލަނޑު ޖެހީ ރޮބާޓޯ ފިރްމީނޯ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތް މިނިޓް ތެރޭ ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ވަނީ އެ ޓީމަށް ހަތަރު ވަނަ ގޯލެއް ޖަހައިދީފަ އެވެ. މާނޭގެ ބަދަލުގައި ސަލާހު ކުޅެން އެރުވިތާ ކުޑައިރުކޮޅެއްގެ ތެރޭ އޭނާ ވަނީ ފިރްމީނޯ އަށް ގޯލެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ލިވަޕޫލްގެ ފަހު ދެ ގޯލު ޖެހީ ސަލާހު އެވެ.

މިއީ ކްރިސްޓަލް ޕެލަސް ތާރީހުގައި އެ ޓީމު ކޮޅަށް އަމިއްލަ ދަނޑުގައި އެއް މެޗެއްގައި ހަތް ގޯލު ވަން ފުރަތަމަ ފަހަރެވެ. އެ ޓީމުގެ ކޯޗު އަދި ލިވަޕޫލަށް ކުރިން އިރުޝާދުދިން ރޯއީ ހޮޖްސަން ބުނީ ހުރިހާ ގޮތަކުން ބެލިޔަސް ލިވަޕޫލް ފެނުނީ ތަފާތު ރޫހެއްގައި މޮޅަށް ކުޅެލިތަން ކަމަށެވެ.

ރޭގެ ނަތީޖާއާ އެކު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ އެ ޓީމުގައި ހުރެ ލީގުގައި 127 މޮޅު ހޯދައިފަ އެވެ. މިއީ އެ ކްލަބް ތާރީހުގައި ރެކޯޑެކެވެ. ކްލޮޕް ބުނީ ލިވަޕޫލްގެ އަނިޔާގެ ވާހަކަތައް ބަޔަކަށް ޝައުގުވެރިނުވި ކަމުގައި ވިޔަސް އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށާއި އެ ހާލަތު އޮވެ މިހާ ރަނގަޅު ނަތީޖާއެއް ނެރޭތީ ހިތްހަމަ ޖެހޭ ކަމަށެވެ.

ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ސައުތެމްޓަން ދަނޑުގައި ރޭ ސިޓީ މޮޅުކޮށްދިން ގޯލު ޖެހީ ރަހީމް ސްޓާލިން އެވެ. އިތުރު ގޯލެއް ޖަހަން ސިޓީން ކުރި މަސައްކަތް ކާމިޔާބުނުވިއިރު، ސައުތެމްޓަން އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ އެއް ވަނަ ފޯވާޑް ޑެނީ އިންގްސް ބަދަލުކުރަން ޖެހުމެވެ.

އަނިޔާގެ ސަބަބުން ޕިއޭ އެމެރިކް އޮބާމަޔަން ނުލައި އާސެނަލުން ރޭގެ މެޗު ކުޅުނުއިރު މެޗުގެ 22 ވަނަ މިނިޓްގައި އެވަޓަން އިން ލީޑުނެގި ގޯލަކީ އާސެނަލްގެ ރޮބް ހޯލްޑިން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މެޗުގެ 35 ވަނަ މިނިޓްގައި އެވަޓަންގެ ޓޮމް ޑޭވިސް އާސެނަލްގެ އެއިންސްލީ މައިޓްލަންޑް-ނައިލްސް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެއް ކާމިޔާބުކޮށް ނިކޮލަސް ޕެޕޭ ނަތީޖާ ހަމަހަމަކޮށްދިނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔެރީ މިނާ ވަނީ އަލުން އެވަޓަން އަށް ލީޑުނަގައިދީފަ އެވެ. ދެ ވަނަ ހާފްގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ.