Roadha Mihaaru
އާޒިމާގެ މައްސަލާގައި ދައުލަތުން ވެސް ސުޕްރީމް ކޯޓަށް

އާޒިމާގެ މައްސަލާގައި ދައުލަތުން ވެސް ސުޕްރީމް ކޯޓަށް

25 އެޕްރީލް 2022

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމުގެ ބައެއް ދައުލަތުން ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމުގެ ބައެއް ދައުލަތުން ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

އާޒިމާގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން އޮތީ ނިންމައިފަ އެވެ. އެ ނިންމުން އާޒިމާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ހަފުތާގައިވަނީ ތާއީދުކޮށްފަ އެވެ.

ހައި ކޯޓުގެ އެ ހުކުމް އާޒިމާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާއިރު، ދައުލަތުން ވެސް ވަނީ ހައި ކޯޓުގެ ހުކުމުގެ ބައެއް އިސްތިއުނާފްކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދަން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރެވޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅި ބައި ކަމަށެވެ.

އެފަދަ ނިންމުންތައް އިސްތިއުނާފް ނުކުރެވޭނެ ކަމަށް ބުނެ ހައި ކޯޓުގެ ކުރީގެ ނިންމުމަކާ ހަވާލާދީ ދައުލަތުން އިޖުރާއީ ނުކުތާއެއް އާޒިމާގެ މައްސަލާގައި ނެގި އެވެ. އެކަމަކު ހައި ކޯޓުން ނިންމީ އެފަދަ ނިންމުންތައް އިސްތިއުނާފް ކުރެވޭނެ ކަމަށެވެ.