Roadha Mihaaru
ސިއްރު ހެކީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ސިއްރު ހެކިބަސް ނުނެގޭނެ ކަމަށް ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފި

29 ޖެނުއަރީ 2020

ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅި މައްސަލަ އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅި މައްސަލަ އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން ޖިނާއީ މައްސަލަތަކުގައި ހެކިވެރިޔާއަކީ ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި އަދި އެ ގާނޫނުގައި ބުނާ ގޮތުގެ މަތިންނެވެ. އެކަމަކު 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރާ ހެއްކާ ބެހޭ ގާނޫނުގައި ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ބަޔާން ކޮށްފައެއް ނޯވެ އެވެ.

އެހެންވެ، ޖިނާއީ މައްސަލަތަކުގައި މިހާރު ގާނޫނު އޮތްގޮތުން ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކަނޑައެޅީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ބާތިލްކުރި މައްސަލާގަ އެވެ.

އެ ހުކުމުގައި ސިއްރު ހެއްކާ ބެހޭގޮތުން ކަނޑައެޅި ބައި ރަނގަޅު ނޫން ކަމަށާއި އެހެންވެ، އެ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އެ ހުކުމުގެ އެ ބައި އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަށަވަރުކޮށް ދިނެވެ.

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އޮތްގޮތުން ސިއްރުން ހެކިބަސް ނެގުމުގެ އިހްތިޔާރު ކޯޓުތަކަށް ލިބޭނީ އެކަން ހެއްކާ ބެހޭ ގާނޫނުގައި އޮވެގެންނެވެ، އެކަމަކު އެފަދަ އެއްވެސް ވާހަކައެއް އެ ގާނޫނުގައި ނެތްއިރު އެ ގާނޫނަށް އެއްްވެސް އިސްލާހެއް ގެނެސްފައި ނެތް ކަން ހައި ކޯޓުގެ ހުކުމުގައި ވެސް ފާހަގަ ކޮށްފައިވެ އެވެ.

ގާނޫނު އޮތްގޮތުން ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނު އައުމާ އެކު ކުރިން ވެސް ވަކީލުން ގެންދެވީ ވިދާޅުވަމުންނެވެ. އަދި ބައެއް މައްސަލަތަކުގައި ހައި ކޯޓުގައި ވެސް އެކަން ފާހަގަކުރި އެވެ. އެކަމަކު ގާނޫނުގެ އެ މާއްދާއާ މެދު ވަކި އެއްޗެއް ބުނުމުގެ ބަދަލުގައި ހައި ކޯޓުން އޭރު ނިންމާފައިވަނީ އެ ކޯޓުގެ ކުރީގެ ނިންމުންތައް އޮތްގޮތުން ސިއްރުން ހެކިބަސް ނެގުމަކީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ކުރެވިދާނެ ކަމެއް ކަމަށެވެ.