Roadha Mihaaru

ޖަރުމަނުން ޔޫކްރޭނަށް ބަރު ހަތިޔާރު ފޮނުވަނީ

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އިން ދިފާއުވުމަށް ޔޫކްރޭނުން ކުރަމުން ދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޖަރުމަން ވިލާތުން އެ ގައުމަށް ބަރު ހަތިޔާރު ފޮނުވުމަށް ނިންމައިފި އެވެ.

ޖަރުމަން ވިލާތުގެ ދިފާއީ ވަޒީރު ކްރިސްޓީން ލަމްބްރެޝްޓް އިއްޔެ ވިދާޅުވި ގޮތުގައި މަތިންދާބޯޓަށް ހަމަލާ ދިނުމަށް އުފައްދާފައިވާ ގެޕާޑް މަރުކާގެ ޓޭންކު، ޔޫކްރޭނަށް ފޮނުވުމަށް ޖަރުމަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ޔޫކްރޭނަށް ބަރު ހަތިޔާރު ފޮނުވުމަށް ފުރަތަމަ ފަހަރަށް ޖަރުމަން ވިލާތުން މި ނިންމީ، ޔޫކްރޭންގެ މިނިވަންކަން ދިފާއުކުރުމަށް ކުރަމުންދާ ހަނގުރާމައިގައި، ވިލާތުގެ އިއްތިހާދުގެ ބޮޑު ބާރެއްގެ ހައިސިއްޔަތުން ޖަރުމަން ވިލާތުން އެކަށީގެންވާ ދައުރެއް އަދާނުކުރާ ކަމަށް، ޔޫކްރޭނުން ބުނަމުން ދަނިކޮށެވެ.

މަތިންދާބޯޓަށް ހަމަލާ ދިނުމަށް ޖަރުމަންގައި އުފައްދާފައިވާ ގެޕާޑް މަރުކާގެ ޓޭންކެއް، އަސްކަރީ ތަމްރީންތަކެއްގައި ވައިގެ ތެރޭގައިވާ އަމާޒަކަށް ބަޑިޖަހަނީ. --އޭއެފްޕީ

މަތިންދާބޯޓަށް ހަމަލާ ދިނުމަށް ޖަރުމަންގައި އުފައްދާފައިވާ ގެޕާޑް މަރުކާގެ ޓޭންކެއް، އަސްކަރީ ތަމްރީންތަކެއްގައި ވައިގެ ތެރޭގައިވާ އަމާޒަކަށް ބަޑިޖަހަނީ. --އޭއެފްޕީ

ޖަރުމަންގައި ހުންނަވާ ޔޫކްރޭންގެ ސަފީރު ވިދާޅުވީ، ރަޝިޔާ ސިފައިން ބަލިކުރުމުގައި އެހީތެރިވެދިނުމަށް ޖަރުމަން ވިލާތް ޖެހިލުންވާ ކަމަށެވެ. އަދި ރަޝިޔާގެ ތެލާއި ގޭސް ގަތުން ހުއްޓާލައިފި ނަމަ، ކުރިމަތިވެދާނެ ގެއްލުމަކާ މެދު ޖަރުމަން ވިލާތުން ވިސްނަން ތިބުމުން، ގެއްލިގެން ދަނީ ޔޫކްރޭން ރައްޔިތުންގެ ފުރާނަތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަރުމަން ވިލާތުގެ ބަރު ހަތިޔާރު ޔޫކްރޭނަށް ފޮނުވަން ނިންމިކަން ޖަރުމަނުން މި އިއުލާންކުރީ، އެ ގައުމުގައި ހުރި ދުވަސްވީ ބައެއް ބަރު ހަތިޔާރުތައް ޔޫކްރޭނަށް ފޮނުވުމުގެ ހުއްދައަކަށް އެދި، ޖަރުމަންގެ އަސްކަރީ ކުންފުނި ރައިންމެޓަލް ޑިފެންސްގެ ފަރާތުން ސަރުކާރަށް ހުށަހަޅާފައިވަނިކޮށެވެ. ޔޫކްރޭނަށް ފޮނުވުމަށް އެ ކުންފުނިން އެދުނު ބަރު ހަތިޔާރުތަކުގެ ތެރޭގައި ހިމެނެނީ ލެޕާޑް 1އޭ5 މަރުކާގެ 88 ޓޭންކާއި މާޓެން މަރުކާގެ 100 ޓޭންކެވެ.

"އަސްކަރީ ހާއްސަ ހަރަކާތެއް"ގެ ނަމުގައި ރަޝިޔާ އިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމަ އަށް ދެ މަސް ފުރި ތިން ވަނަ މަސް ފެށިފައިވާ އިރު، ރަޝިޔާގެ އަސްކަރިއްޔާ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި ޔޫކްރޭނަށް ވަނީ އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ލިބިފަ އެވެ.

ރަޝިޔާ ސިފައިން ފުރިހަމަ ބާރާ އެކުގައި ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ނަމަވެސް، ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ އެހީތެރިކަމާ އެކު ޔޫކްރޭނުން ދިފާއުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ރަޝިޔާ ސިފައިންނަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބެ އެވެ. ހުޅަނގުގެ އަސްކަރީ އިދާރާތަކުގެ އަންދާޒާތައް ބުނާ ގޮތުން، ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާގެ 15000 އަށް ވުރެ ގިނަ ސިފައިން މިހާތަނަށް މަރުވެއްޖެ އެވެ.