Roadha Mihaaru
ތަމްރީންތައް ފުޅާކޮށްފިއްޔާ ބަދަލު ހިފާނަން: ރަޝިޔާ

ތަމްރީންތައް ފުޅާކޮށްފިއްޔާ ބަދަލު ހިފާނަން: ރަޝިޔާ

28 އެޕްރީލް 2022

ޖަޕާނުން އެމެރިކާއާ އެކުގައި ބާއްވާ ކަނޑުމަތީގެ އަސްކަރީ ތަމްރީންތައް، ރަޝިޔާގެ އިރުމަތީ ސަރަހައްދީ ރޮނގާ ކައިރި އަށް ފުޅާކޮށްފި ނަމަ، ބަދަލު ހިފުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށް، ރަޝިޔާ އިން ޖަޕާނަށް އިއްޔެ އިންޒާރުކޮށްފި އެވެ.

ޖަޕާނުން އެމެރިކާއާ އެކުގައި ބާއްވާ ކަނޑުމަތީގެ އަސްކަރީ ތަމްރީންތައް، ރަޝިޔާގެ އިރުމަތީ ސަރަހައްދީ ރޮނގާ ކައިރި އަށް ފުޅާކޮށްފި ނަމަ، ބަދަލު ހިފުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށް، ރަޝިޔާ އިން ޖަޕާނަށް އިއްޔެ އިންޒާރުކޮށްފި އެވެ.

ރަޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އީގޯރް މޮރްގްލޮވް ވިދާޅުވި ގޮތުގައި އެމެރިކާ އާއި ޖަޕާންގެ އަސްކަރިއްޔާ ގުޅިގެން ކަނޑުމަތީގައި ބާއްވާ އަސްކަރީ ތަމްރީންތަކުގެ ސިފަތަކާއި އޭގެ ޒާތަށް ބަލާއިރު ފެންނަނީ ނުރައްކާތެރި ދެކޮޅުވެރި އަމަލުތަކެއްގެ ގޮތުގަ އެވެ.

ޖަޕާނުގެ ފަރާތުން ފެންނަ އަމަލުތައް އަހަރެމެންނަށް ފެންނަނީ އަހަރެމެންގެ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި. އެފަދަ ތަމްރީންތައް ފުޅާކުރާ ނަމަ ރަޝިޔާގެ ދިފާއީ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، ބަދަލު ހިފުމުގެ ފިޔަވަޅުތަކެއް ރަޝިޔާ އިން އަޅާނެ."

އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކާއި އިތުރު މަނަވަރުތަކާއި ޖަޕާނުގެ މަނަވަރުތައް ގުޅިގެން، މި މަހުގެ ކުރީކޮޅު، އިރުމަތީ ޗައިނާ ކަނޑުގަ އާއި ފިލިޕީން ކަނޑުގައި އަސްކަރީ ފަރިތަކުރުންތަކެއް ބޭއްވި އެވެ. މިދިޔަ ހަފުތާގައި ނިންމައިލި އެ ތަމްރީންތަކުގައި، ނިއުކްލިއާ ހަކަތައިން ދުއްވާ، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އެބްރަހަމް ލިންކަން ބައިވެރިވި އެވެ.

އޭގެ އިތުރުން ޔޫއެސްއެސް އެބްރަހަމް ލިންކަން ބައިވެރިވެގެން، މިމަހުގެ ކުރީކޮޅު ޖަޕާން ކަނޑުގެ ތެރޭގައި ވެސް އަސްކަރީ ތަމްރީންތަކެއް ބޭއްވި އެވެ. ޖަޕާން ކަނޑަކީ ރަޝިޔާގެ އިރުމަތީ އައްސޭރިއާ ގުޅިފައި އޮންނަ ކަނޑެކެވެ.

މި މަހުގެ ތެރޭގައި އެމެރިކާ އާއި ޖަޕާންގެ ކަނޑުގެ ސިފައިން ގުޅިގެން ދެ ތަމްރީނެއް ބާއްވާފައިވާ އިރު، ރަޝިޔާ އިން އިންޒާރުކުރީ މީގެ ތެރެއިން ކޮން ތަމްރީންތަކަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ. އަދި ބަދަލު ހިފުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކެއް ވެސް ރަޝިޔާ އިން ނުބުނެ އެވެ.

ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަޕާން ސިފައިން އަމާން ދިނުމާ ގުޅިގެން، އޭރުގެ ސޯވިއެޓް ޔޫނިއަނުން ހިފާފައިވާ، ޖަޕާންގެ އުތުރުގައި އޮންނަ ޖަޒީރާތަކެއްގެ މިލްކުވެރިކަމުގެ މައްސަލައިގައި ރަޝިޔާ އާއި ޖަޕާނާ ދެމެދު ނުތަނަވަސްކަން އުފެދިފައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އެ ނުތަނަވަސްކަން ހައްލު ނުކުރެވި އޮއްވައި، ރަޝިޔާ އިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް ޖަޕާނުން ބަސް ބުނެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން، ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

މިދިޔަ ހުކުރު ދުވަހު ޖަޕާނުން ބުނި ގޮތުގައި ދެ ގައުމުގެ މެދުގައި މިލްކުވެރިކަމާ މެދު ދެބަސްވުން އުފެދިފައިވާ ހަތަރު ޖަޒީރާއަކީ ރަޝިޔާ އިން ގާނޫނާ ޚިލާފަށް ފޭރިގަނެ އަޅުވެތިކޮށްފައިވާ ރަށްތަކެކެވެ. މިއީ އެ ރަށްތަކުގެ މައްސަލައިގައި، މިދިޔަ 20 އަހަރުގެ ތެރޭގައި މިހާ ހަރުކަށި އިބާރާތަކުން ޖަޕާނުން ރަޝިޔާ އަށް ފާޑުކީ ފުރަތަމަ ފަހަރެވެ.