Roadha Mihaaru
އެމެރިކާ އިން ޔޫކްރޭނަށް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު

އެމެރިކާ އިން ޔޫކްރޭނަށް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު ފޮނުވަނީ

24 އޯގަސްޓް 2022

އެމެރިކާ އިން ޔޫކްރޭނަށް އަސްކަރީ އެހީގެ ގޮތުގައި ތިން ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ފޮނުވަން ނިންމާފައިވާ ކަމަށް ހުޅަނގުގެ ނޫސްތަކުން އިއްޔެ ބުނެފި އެވެ.

އެމެރިކާ އިން ޔޫކްރޭނަށް އަސްކަރީ އެހީގެ ގޮތުގައި ތިން ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ފޮނުވަން ނިންމާފައިވާ ކަމަށް ހުޅަނގުގެ ނޫސްތަކުން އިއްޔެ ބުނެފި އެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ ބައެއް ނޫސްތަކުން ބުނާ ގޮތުގައި އެމެރިކާ އިން ޔޫކްރޭނަށް ފޮނުވާ އަސްކަރީ އެހީ ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ. މިއީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، އެމެރިކާ އިން ޔޫކްރޭނަށް މިހާ ބޮޑު އަސްކަރީ އެހީއެއް ފޮނުވާ ފުރަތަމަ ފަހަރެވެ.

ޔޫކްރޭން ހަނގުރާމަ އަށް މިއަދު ހަ މަސް ފުރިގެން ދިޔަ އިރު، ރަޝިޔާ އިން ޔޫކްރޭންގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް އަދިވެސް ހާސިލެއް ނުވެ އެވެ. ޔޫކްރޭންގެ ބިމުގެ ބޮޑު ސަރަހައްދެއް ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އިރު، އެ ބިންތައް މިނިވަންކުރުމަށް ޔޫކްރޭން ސިފައިން ދެމުންދާ ހަމަލާތައް ވެސް ދަނީ ދުވަހުން ދުވަހަށް ވަރުގަދަ ވަމުންނެވެ.

މިއަދު ޔޫކްރޭންގައި އެ ގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރަމުން ދާއިރު، މިނިވަން ދުވަހުގެ ރަސްމިއްޔާތުތަކަށް ރަޝިޔާ އިން ހުރަސް އަޅައިފި ނަމަ، ވަރުގަދަ ރައްދެއް ދޭނެ ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި އެވެ. އަދި ޔޫކްރޭންގެ މިނިވަން ދުވަހާ ދިމާކޮށް ރަޝިޔާ އިން ވަރުގަދަ ހަމަލާތަކެއް ދޭން ރާވާފައިވާ ކަމަށް ބުނެ، އެމެރިކާ ސަރުކާރުން ވަނީ ޔޫކްރޭންގައި ތިބި އެމެރިކާ ރައްޔިތުން އެ ގައުމުން ވަގުތުން ފޭބުމަށް ގޮވާލައިފަ އެވެ.

ރަޝިޔާ އިން ޔޫކްރޭންގައި ހަނގުރާމަ ފެށުމާއެކު، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަންނަނީ އަސްކަރީ ގޮތުން ޔޫކްރޭނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ޖަރުމަނު ވިލާތާއި އެހެން ބައެއް ގައުމުތަކުން ދީފައިވާ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން، ޔޫކްރޭން ސިފައިން އަންނަނީ ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ.

މި ހަނގުރާމައިގައި ދެ ގައުމުގެ ސިފައިންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، ހަނގުރާމައިގައި މަރުވި ސިފައިންގެ އަދަދު ދެ ގައުމުން ވެސް ވަނީ ސިއްރު ކޮށްފަ އެވެ. ނަމަވެސް ޔޫކްރޭނުން މި ހަފުތާގައި ބުނެފައިވާ ގޮތުގައި، ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި ޔޫކްރޭން ސިފައިންގެ ތެރެއިން 9000 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެތައް ހާސް ސިފައިންނެއް ޒަޚަމްވެފައިވެ އެވެ.

ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާ އިން އެކަނިވެސް މިހާތަނަށް އެކި މަރުހަލާތަކުގައި 10.6 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ޔޫކްރޭނަށް ފޮނުވައިފި އެވެ.