Roadha Mihaaru
އިގުތިސޯދީ ދާއިރާތައް ސިންދަފާތުކުރުން

އިގުތިސޯދީ ދާއިރާތައް ސިންދަފާތުކުރުން

28 އެޕްރީލް 2022

އިގްތިސާދީ ސިންދަފާތު (އިކޮނޮމިކް ޑައިވާސިޓީ) އަކީ، އުފެއްދުންތެރި ކަމާއި އިގްތިސާދީ ގާބިލިއްޔަތު އިތުރުކުރުމަށާއި، ވަޒީފާ އުފެއްދުމަށާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ގޮތެއްގައި ދެމެހެއްޓުމަށްޓަކައި ތަފާތު އެކިއެކި ދާއިރާތަކަށް ބަހާލެވޭގޮތަށް ފަރުމާކުރެވިފައިވާ އުސޫލެއްގެ މައްޗަށް ގައުމެއްގެ އުފެއްދުންތެރިކަމާއި ވިޔަފާރި ބިނާކުރުމެވެ.

އިގްތިސާދީ ސިންދަފާތު (އިކޮނޮމިކް ޑައިވާސިޓީ) އަކީ، އުފެއްދުންތެރި ކަމާއި އިގްތިސާދީ ގާބިލިއްޔަތު އިތުރުކުރުމަށާއި، ވަޒީފާ އުފެއްދުމަށާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ގޮތެއްގައި ދެމެހެއްޓުމަށްޓަކައި ތަފާތު އެކިއެކި ދާއިރާތަކަށް ބަހާލެވޭގޮތަށް ފަރުމާކުރެވިފައިވާ އުސޫލެއްގެ މައްޗަށް ގައުމެއްގެ އުފެއްދުންތެރިކަމާއި ވިޔަފާރި ބިނާކުރުމެވެ.

މިއީ ގައުމެއްގެ އިގްތިސާދު ބިނާކުރުމަށް ބޭނުންވާ އެއް އުންސުރެވެ. އިގްތިސާދު ފުޅާކުރުމަށްޓަކައި ރަނގަޅު އިސްތިރާތީޖީތަކާއި މާލީ ދާއިރާ ތަރައްގީކުރުން މުހިންމެވެ. އެހެން ނަމަވެސް ތަރައްގީވަމުން އަންނަ ގައުމުތައް ޕްރައިމަރީ ސެކްޓާ އަށް އެހާ ބަރޯސާވެފައިވާއިރު، އެ ގައުމުތަކުގެ އިގްތިސާދު ސިންދަފާތުކުރުމަކީ ގޮންޖެހުންބޮޑު ކަމަކަށް ވާނެ އެވެ.

އިގްތިސާދު ސިންދަފާތުކުރުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ތައުލީމީ ނިޒާމް ވަރުގަދަކުރުމެވެ. މިއީ މައުލޫމާތު މުއްސަނދި ކުރުމަށާއި، ގާބިލްކަން އިތުރުކުރަން އޮތް މަގެވެ. މިކަމުގެ ސަބަބުން ވިޔަފާރިތައް ރަނގަޅަށް ހިންގާނެ ބަޔަކު މުޖުތަމައުގައި އުފެދި، ސިނާއަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއެރުވޭނެ ގާބިލް މީހުން އުފެދިގެންދާނެ އެވެ. ދެވަނަ ކަމަކީ ވިޔަފާރީގެ ދާއިރާ އަށް ނިކުންނަ ފަރާތްތަކަށް ކަންކަން ފަހިކޮށްދީ ފަސޭހަކޮށްދިނުމެވެ. މިއީ ގައުމުގައި އާ އުފެއްދުންތަކަށާއި ޕްރޮޑަކްޓްތަކާއި، ހިދުމަތްތަކާއި އާ ދާއިރާތަކަށް ފުރުސތު ލިބިގެންދާނެ ކަމެކެވެ. އާ އުފެއްދުންތައް އިތުރުކުރުމަށްޓަކައި ނޮލެޖް-ބޭސްޑް ކެޕިޓަލްގައި އިންވެސްޓް ކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

މިފްކޯ މަސް ފެކްޓަރީ: އިގްތިސާދީ ތަފާތު ދާއިރާތަކަށް ފޯކަސް ކުރުން މުހިންމު -- ފައިލް ފޮޓޯ/ މިހާރު

މިފްކޯ މަސް ފެކްޓަރީ: އިގްތިސާދީ ތަފާތު ދާއިރާތަކަށް ފޯކަސް ކުރުން މުހިންމު -- ފައިލް ފޮޓޯ/ މިހާރު

އިގްތިސާދީ ދާއިރާތައް ފުޅާކުރުން މުހިންމުވާ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. މީގެ މައިގަނޑު އެއް ސަބަބަކީ، ދިމާވާ ކުއްލި ޙާލަތްތަކުން އަރައިގަންނަން ފަސޭހަވުމެވެ. މިސާލަކަށް، އެންމެ ކަމަކަށް ބަރޯސާވާ ގައުމެއް ނަމަ އިގްތިސާދީ ނުވަތަ ގުދުރަތީ ކާރިސާއެއް ދިމާވާ ހާލަތުގައި އެކަމުން އަރައިގަތުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އޭރުން ގައުމުގެ އާމްދަނީ ކުޑަވުމުގެ ސަބަބުން ދިމާވެފައިވާ އެފަދަ ކަންކަމުން ސަލާމަތްވުމަށް ކުރަންޖެހޭ ކަންކަން ކުރެވޭގޮތް އޮންނާނީ ނުވެފައެވެ. މިއާ ހިލާފަށް އެކި ދާއިރާތައް ފުޅާކޮށް، ގައުމަށް ލިބޭ އާމްދަނީ އިތުރުވެފައިވާ ގައުމެއް ނަމަ ކާރިސާއެއް ކުރިމަތިވާ ވަގުތުގައި ލިބޭ ގެއްލުން ބޮޑުނަމަވެސް، އިގްތިސާދަށް ކުރާ އަސަރު ނިސްބަތުން ކުޑަވާނެއެވެ.

ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ މަސްވެރިކަމާއި ދަނޑުވެރިކަމަށް ބަރޯސާވެފައިވާ ގައުމެކެވެ. ކާބަފައިން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކޮށްފައިވާ މަސައްކަތަކީ މަސްވެރިކަމަށް ވާތީ، މި ސިނާއަތު ސިފަކުރަނީ ދިވެހީންގެ އިގްތިސާދީ ލޭނާރު ގޮތުގައެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގެ އިގްތިސާދަށް އައި ބަދަލާ ގުޅިގެން މިހާރު އެންމެ ބޮޑަށް ބަރޯސާ ވަނީ ޓޫރިޒަމަށެވެ.

ރާއްޖެ އަށް ޓޫރިޒަމް ތައާރަފްވީ 1972 ވަނަ އަހަރުގެ ކުރީކޮޅެވެ. މިއަދާ ހަމައަށް އައިއިރު މި ދާއިރާ ވަނީ ވަރަށް ބޮޑަށް ފުޅާވެފައިކަން ފާހަގަކޮށްލަންޖެހެއެވެ. އޭރު މަދު ރިސޯޓުތަކެއް ހިންގަމުން އައި ނަމަވެސް މިހާރު ވަނީ އެތަކެއް ރިސޯޓުތަކެއް އޮޕަރޭޓް ކުރުމުގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ގެސްޓްހައުސް ވިޔަފާރި ފަށައި، ލޯކަލް ޓޫރިޒަމަށް މަގުފަހިވެފަ އެވެ. ގްލޯބަލް އެޖްގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖެ އަށް އެތެރެވާ ބޭރުފައިސާގެ 60 ޕަސެންޓަކީ ޓޫރިޒަމުން ލިބޭ ފައިސާ އެވެ.

ދިވެހިރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަކީ މިހާރު ވަރަށް ބޭނުންތެރި ކަމެކެވެ. މީގެ މައިގަނޑު ސަބަބުތަކަކީ މި ގައުމު އުފެދިފައިއޮތް ގޮތުންނާއި، ސަރަހައްދާއި، ޓޫރިޒަމަށް ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވުމެވެ. ދިވެހިރާއްޖެއަކީ ޖަޒީރާ ރަށްތަކަކަށް އެކުލެވިފައިވާ ގައުމަކަށްވުމާ އެކު އުފެއްދުންތެރިކަމުގެ ސިނާއަތެއް ހިންގުން ވާނީ ދަތި ކަމަކަށެވެ. އެއީ ރާއްޖެ ފަދަ އަސާސީ ވަސީލަތްތައް މަދު ގައުމެއްގައި އެފަދަ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދަން އުނދަގޫވެ، ނުވަތަ ނުލިބުމުގެ ސަބަބުން އެކަމަށްޓަކައި އެހެން ގައުމުތަކަށް ބަރޯސާވާންޖެހޭތީ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލުން ބައެއް ޓޫރިސްޓުން ނިކުންނަނީ-- ފޮޓޯ:ފަޔާޒް މޫސާ/ މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލުން ބައެއް ޓޫރިސްޓުން ނިކުންނަނީ-- ފޮޓޯ:ފަޔާޒް މޫސާ/ މިހާރު

އެކަމަކު ރާއްޖޭގައި ހިދުމަތުގެ ސިނާއަތު ވަރަށްބޮޑަށް ކުރިއެރުވޭތަން މިދަނީ ފެންނަމުންނެވެ. އަދި ޕްރައިމަރީ ސެކްޓާގައި ހިމެނޭ މަސްވެރިކަމާއި ދަނޑުވެރިކަން މިހާރު ދަނީ ހީނަރުވަމުންނެވެ. އެހެންކަމުން އިގްތިސާދު ކުރި އެރުވުމަށްޓަކައި އިތުރު ދާއިރާތަކަށް ފުރުސަތު ދީ، އިގްތިސާދު ސިންދަފާތު ކުރުމަކީ އަހުމިއްޔަތުކަން ދޭންޖެހޭ ކަމެކެވެ. އަދި ހަމައެހެންމެ އިގްތިސާދު ސިންދަފާތުކުރުމަށްޓަކައި މާލީ ދާއިރާ އިތުރަށް ތަރައްގީ ކުރުމަކީ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ދިވެހިރާއްޖެ ފަދަ ކުރިއަރަމުން އަންނަ އިގްތިސާދުތަކުން އެހެން ގައުމުތަކަށް ވަރަށް ބޮޑަށް ބަރޯސާ ވާން ޖެހިފައި ވާތީ ދުނިޔޭގެ އިގްތިސާދަށް ކުޑަ ބަދަލެއް އައި ނަމަވެސް މިފަދަ ގައުމުތަކަށް ބޮޑު އަސަރެއް ކުރެއެވެ. އެހެންކަމުން އިތުރު ސިނާއަތުތައް ތައާރަފު ކުރުމާއި ފުޅާކުރުމަށް މަސައްކަތް ކުރުމަކީ އެ ގައުމެއްގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ރާއްޖެ އަށް ބަލާނަމަ ޓެކްނޮލޮޖީ އާއި އިއާދަކުރަނިވި ހަކަތަ ފަދަ ދާއިރާތައް ފުޅާކުރުމަކީ އެހެން ހުރިހާ އިންޑަސްޓްރީތަކަށް ވެސް އެއިން މަންފާކުރާނެ ކަމެކެވެ. އަދި ހަމައެހެންމެ އެހެން ގައުމުތަކުން ކޮށްފައިވާ މަސައްކަތްތައް ދިރާސާކޮށް، ރާއްޖޭގެ ބޭންކިން ސިސްޓަމާއި ކެޕިޓަލް މާކެޓް ކުރި އެރުވުމަކީ ވެސް އިގްތިސާދު ސިންދަފާތުކުރުމަށް ވަރަށް ބޭނުންތެރި ކަމެކެވެ.

ނޯޓް: މިއީ ސީއެމްޑީއޭގެ ޕްރޮމޯޝަން އާޓިކަލް އެކެވެ.