Roadha Mihaaru
ޓްރޭޑުކުރާ އިންވެސްޓަރުން ވިސްނަންވީ ކަންތައްތައް

ޓްރޭޑުކުރާ އިންވެސްޓަރުން ވިސްނަންވީ ކަންތައްތައް

26 ސެޕްޓެމްބަރ 2022

ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ސެކިއުރިޓީޒް ޓްރޭޑްކުރުމުގެ މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތައް އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ. އަދި ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި މާކެޓް އިންޓަމީޑިއަރީޒް އަންނަނީ، މާކެޓު އޮޕަރޭޝަން އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ސެކިއުރިޓީޒް ޓްރޭޑްކުރުމުގެ މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތައް އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ. އަދި ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި މާކެޓް އިންޓަމީޑިއަރީޒް އަންނަނީ، މާކެޓު އޮޕަރޭޝަން އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޓްރޭޑްކުރުމުގެ މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކުން ޓްރޭޑުކުރަން ފެށުމުގެ ކުރިން އެނގެންޖެހޭ މުހިންމު ކަންތައްތަކެއް އެބަ ހުއްޓެވެ. ސެކިއުރިޓީޒް ދޫކޮށްފައިވާ ކުންފުނީގެ މާލީ ދުޅަހެޔޮކަން ދެނެގަތުމަށް ބޭނުންކުރާ އެކި ރޭޝިއޯތަކާއި އެއިން ދޭހަވާ ކަންތައްތައް ދެނެގަންނަން ދަންނަން ޖެހެ އެވެ.

މާލީ ލަފާދޭ މާހިރުން ބޭނުންކުރާ ތަފާތު އެކި ރޭޝިއޯތައް ހުރި އިރު، އޭގެތެރެއިން ފާހަގަ ކޮށްލެވޭ މުހިންމު ހަ ރޭޝިއޯއެއް އެބައޮތެވެ.

ނެޓް ޕްރޮފިޓް މާޖިން

ނެޓް ޕްރޮފިޓް މާޖިން ހިސާބުކުރުމުގައި ކުންފުންޏަށް އެ އަހަރެއްގެ ތެރޭގައި ލިބިފައިވާ ސާފު ފައިދާ (ނެޓް ޕްރޮފިޓް) އެއަހަރެއްގައި ލިބުނު ޖުމްލަ އާމްދަނީ (ރެވެނިއު)އިން ބައިކޮށްލުމަށް ފަހު، އިންސައްތައިން މިންކުރެވެ އެވެ.

އެވްރެޖްކޮށް ބަލާއިރު، 10 ޕަސެންޓު ނުވަތަ އެއަށްވުރެ ބޮޑު ނެޓް ޕްރޮފިޓް މާޖިންއެއް ހާސިލް ކުރެވިފައި ވާނަމަ، އެއީ ރަނގަޅު މާޖިންނެއް ކަމުގައި ބެލެވިދާނެއެވެ. ކުންފުނީގެ ނެޓް ޕްރޮފިޓް މާޖިން ބޮޑު ނަމަ، މާނައަކީ ކުންފުނީގެ ހަރަދުތައް ކޮންޓްރޯލް ކުރެވި، އާމްދަނީގެ ބޮޑުބައެއް ވަނީ ސާފު ފައިދާގެ ގޮތުގައި ރެކޯޑު ކުރެވިފަ އެވެ.

ރިޓާން އޮން އެސެޓްސް

ރިޓާން އޮން އެސެޓްސް ނުވަތަ ކުންފުނީގެ މުދަލާއި ލިބުނު ފައިދާ އަޅާކިއުމުގައި، ކުންފުންޏަށް ލިބުނު ފައިދާ އެ އަހަރެއްގެ އެވްރެޖް އެސެޓްސް އިން ބައިކޮށްލުމަށް ފަހު، އިންސައްތައިން ގެނެސްދެވެ އެވެ.

މި ރޭޝިއޯ އިން މިންކޮށްދެނީ ކުންފުނިން އެކުންފުނީގެ މުދާ، މާލިގޮތުން ނަފާވާނެ ކަންކަމަށް ބޭނުން ކޮށްފައިވާ މިންވަރެވެ. 05 އިންސައްތަ ނުވަތަ އެއަށްވުރެ ބޮޑު ރިޓާން އޮން އެސްޓްސްއެއް ލިބިފައިވާ ކުންފުނިތައް، އެކުންފުނިތަކުގެ މުދާ އެވްރެޖް ގޮތެއްގައި ބޭނުން ކޮށްފައިވަނީ މާލީގޮތުން ފައިދާހުރި ކަންކަމަށް ކަމުގައި ބެލެވިދާނެ އެވެ.

ރިޓާން އޮން އިކުއިޓީ

ރިޓާން އޮން އިކުޓީއަކީ ކުންފުނީގެ ފައިދާ ހިއްސާދާރުންގެ ރައުސުލްމާލުން ބައިކޮށް، މިންކުރުމަށް ބޭނުންކުރެވޭ ރޭޝިޔޯއެކެވެ.

ފަނަރަ ނުވަތަ 20 ޕަސެންޓަކީ އެވްރެޖްކޮށް ބަލާއިރު ރަނގަޅު ރިޓާން އޮން އިކުއިޓީ ރޭޓެއް ކަމުގައި ބެލެވިދާނެ އެވެ.

ޑެޓް އިކިއުޓީ ރޭޝިޔޯ

ޑެޓް އިކުއިޓީ ރޭޝިޔޯއަކީ ސޯލްވެންސީ ރޭޝިއޯއެކެވެ.

މި ރޭޝިޔޯގެ އަލީގައި، ކުންފުންޏަކުން ނަގާފައިވާ ދަރަންޏާއި ހިއްސާދާރުންގެ ރައުސުލްމާލު (އިކުއިޓީ) އާއި އަޅާކިޔައި، މިންކުރެވޭނެއެވެ. ރޭޝިޔޯގެ ނަތިޖާއަކީ 100 އިންސައްތަ ނުވަތަ އެއަށްވުރެ ދަށް މިންވަރެއް ނަމަ، އެކުންފުންޏެއްގެ ހުރިހާ ދަރަންޏެއް، ކުންފުނީގެ ހިއްސާދާރުން އިންވެސްޓު ކޮށްފައިވާ ފައިސާއަށްވުރެ ކުޑައެވެ.

ރޭޝިޔޯގެ ނަތީޖާ 100 އިންސައްތަ އަށްވުރެން މަތިން ދައްކާ ނަމަ، 100 ޕަސެންޓަށްވުރެ މަތި ބައި އެއީ ކުންފުނީގެ އިކުއިޓީ އަށްވުރެ އިތުރަށް ނަގާފައިވާ ދަރަންޏެވެ. އާންމުކޮށް ބަލާއިރު މިރޭޝިޔޯގެ ނަތީޖާ 200 ޕަސެންޓަށް ވުރެން ދަށުގައި ހިފެހެއްޓުން އެދެވިގެންވެ އެވެ.

ފައިނޭންސިން ލެވަރޭޖް

ފައިނޭންސިން ލެވަރޭޖް ރޭޝިޔޯއަށް "އިކުއިޓީ މަލްޓިޕްލަޔާ" އޭ ވެސް ކިޔަ އެވެ.

މި ރޭޝިޔޯއިން، ކުންފުންޏަކުން، އެ ކުންފުންޏަށް ބޭނުންވާ މުދާ (އެސެޓްސް) ހޯދުމުގައި ދަރަނި (ޑެޓް) ބޭނުންކޮށްފައިވާ މިންވަރު އެގިގެންދެ އެވެ. މިރޭޝިއޯ ހޯދިދާނެ އެއްގޮތަކީ، ކުންފުނީގެ އެސެޓްސްގެ ޖުމްލަ އަގު، ކުންފުނީގެ ހިއްސާދާރުންގެ ރައުސުލްމާލު (އިކުއިޓީ) އިން ބައިކޮށް، ޕަސެންޓުން ގެނެސްދީގެންނެވެ. އެގޮތުން، ކުންފުންޏަށް ބޭނުންވާ ހުރިހާ އެސެޓްސް ހޯދުމަށް ހިއްސާދާރުންގެ ފަންޑު (އިކުއިޓީ) ބޭނުން ކުރެވިފައިވާ ނަމަ މަލްޓިޕްލަޔާގެ ނަތީޖާ އަކަށްވާނީ 100 ޕަސެންޓް ނުވަތަ އެއަށްވުރެ ދަށް މިންވަރެކެވެ. ނިސްބަތުން، ކުންފުނީގެ ދަރަނި އިތުރުވާ ވަރަކަށް، މަލްޓިޕްލަޔަ ނުވަތަ ފައިނޭންސިން ލެވަރޭޖް ރޭޝިޔޯގެ ނަތީޖާ މައްޗަށް ދާނެ އެވެ. އަދި 100 ޕަސެންޓަށް ވުރެ މަތިން ރޭޝިޔޯގެ ނަތީޖާ ލިބޭ ކުންފުނިތަކުން ވަނީ، މުދާ ހޯދުމަށް އިތުރަށް ހޭދަކުރި މިންވަރަށް ޑެޓް (ދަރަނި) ބޭނުން ކޮށްފަ އެވެ.

އާންމުކޮށް ބަލާއިރު މިރޭޝިއޯގެ ނަތީޖާ 300 ޕަސެންޓަށް ވުރެން ދަށުގައި ހިފެހެއްޓުން އެދެވިގެންވެ އެވެ. ކުންފުނީގެ ދަރަނި އެކަށޭނެ މިންވަރެއްގައި ނުހިފެހެއްޓިއްޖެ ނަމަ، އެއީ ކުންފުނީގެ ކުރިމަގަށް އޮތް ހިރާސް (ރިސްކް)އެއްގެ ގޮތުގައި ބެލެވޭނެ އެވެ.

ތަފާތު ދެގޮތަކަށް ހިސާބުތައް ހެދިކަމުގައި ވީނަމަވެސް، ފައިނޭންސިން ލެވަރޭޖް ރޭޝިޔޯގެ ނަތީޖާ އާއި ޑެޓް އިކުއިޓީ ރޭޝިޔޯގެ ނަތީޖާގައި އެއްގޮތްކަމެއް ހުންނަކަން ފާހަގަކުރެވޭނެ އެވެ.

ޕްރައިސް އާނިން ރޭޝިޔޯ

ޕްރައިސް އާނިން (ޕީއީ) ރޭޝިޔޯއަކީ ސެކިއުރިޓީޒް ގަނެވިއްކުމުގެ މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް މުހިންމު މައުލޫމާތު ތަކެއް ލިއްބައިދޭނެ ރޭޝިޔޯއެކެވެ. މި ރޭޝިއޯ މިންކުރަނީ ކުންފުނީގެ ހިއްސާގެ މާކެޓުއަގު، ހިއްސާއަކަށް އެއަހަރެއްގެ ފައިދާއިން ޖެހޭ މިންވަރު (އާނިން ޕާ ޝެއާ)އިން ބައިކޮށްގެނެވެ.

ވަރަށް މަތި ޕީއީ ރޭޝިޔޯއެއް ލިބިއްޖެ ނަމަ، އެ ކުންފުނީގެ ހިއްސާ ގަނެވިއްކުމުގައި ބައިވެރިވާ އިންވެސްޓަރުން، އެކުންފުނީގެ ވިޔަފާރި ކުރިއަށް އޮތްތާގައި ވަރަށްބޮޑަށް ކުރި އަރައިގެން ދާނެކަމަށް ގަބޫލުކުރަނީއެވެ. ނޫންނަމަ، އެކުންފުނީގެ ހިއްސާގެ މާކެޓުވެލިއު ވަނީ މާމަތި ވެފަ (އޯވަރ ވެލިއުޑް)އެވެ.

އާންމުކޮށް ބަލާއިރު، މި ރޭޝިޔޯގެ ނަތީޖާގެ އެންމެ އެދެވޭ ރޭންޖަކީ 20 އާއި 25 ފަހަރު (ޓައިމްސް) އެވެ. އެހެން ނަމަވެސް، ކުންފުނީގެ ބާވަތައް (އިންޑަސްޓްރީ) އަށް ބަލައި، މި މިންގަޑާ ތަފާތު މިންގަޑެއް އެ ކުންފުންޏަކަށް އެންމެ އެކަށޭނެ ރޭންޖުގެ ގޮތުގައި ބެލެވިދާނެ އެވެ. އެގޮތުން، ތަފާތު ރޭންޖެއް ނަގާ ނަމަ އެ ކުންފުންޏެއް އޮޕަރޭޓްކުރާ އިންޑަސްޓްރީގެ އެވްރެޖަށް ބަރޯސާވުން މުހިންމެވެ.

ވަރަށް ދަށް ޕީއީ ރޭޝިޔޯއެއް ލިބިއްޖެ ނަމަ، އެއްހާލަތަކީ، އެ ކުންފުންޏެއްގެ މާލީ ދުޅަހެޔޮ ކަމާ މެދު ހިއްސާގެ ބާޒާރުގައި ޓްރޭޑްކުރާ ފަރާތްތަކުން ސުވާލު އުފައްދަނީ އެވެ. ނުވަތަ ދެވަނަ ހާލަތަކީ، މާކެޓުގައި އެ ކުންފުނީގެ ހިއްސާގެ މުއާމަލާތްތައް ހިނގަމުންދާ އަގާ އަޅާބަލާއިރު، ޑިވިޑެންޑްގެ ގޮތުގައި ވޭތުވެދިޔަ އަހަރު ކުންފުނިން ހިއްސާއަކަށް ބަހާފައިވާ އަދަދު ބޮޑީ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ހިއްސާގެ މާކެޓު އަގު "އަންޑަ ވެލިއު" ކުރަނީ އެވެ. އެ ހާލަތުގައި، އެފަދަ ކުންފުނިތަކުގެ ސެކިއުރިޓީޒްގައި ޓްރޭޑް ކޮށްގެން އެދެވޭ ފައިދާއެއް ހޯދިދާނެ އެވެ.

ޕްރައިސް އާނިން ރޭޝިޔޯގެ ނަތީޖާއާ މެދު ގޮތެއް ނިންމުމުގައި، ކުންފުނީގެ އަހަރީ ރިޕޯޓުގައި ބަޔާން ކޮށްފައިވާ، ކުރިއަށް ރޭވިފައިވާ ހަރަކާތްތަކުގެ އިތުރުން، މާލީ މާހިރުންގެ ލަފާ މުހިންމު ރޯލެއް އަދާކުރެ އެވެ. ނިންމޭ ނިންމުން ރަނގަޅު ނަމަ، ކުންފުނީގެ މާލި ސެކުއުރިޓީޒްގައި ޓްރޭޑްކޮށްގެން އެދެވޭ ނަފާއެއް ލިބިގެންދާނެ އެވެ.

ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ 9 ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ބައެއް ހިސާބުތައް. ޕީއީ ރޭޝިއޯ ހަދާފައި ވަނީ މި މަހުގެ 5 ވަނަ ދުވަހާ ހަމައަށް ސްޓޮކް އެކްސްޗޭންޖުގައި ޝާއިއުކޮށްފަައިވާ އަގުތައް.

ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ 9 ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ބައެއް ހިސާބުތައް. ޕީއީ ރޭޝިއޯ ހަދާފައި ވަނީ މި މަހުގެ 5 ވަނަ ދުވަހާ ހަމައަށް ސްޓޮކް އެކްސްޗޭންޖުގައި ޝާއިއުކޮށްފަައިވާ އަގުތައް.

ސެކިއުރިޓީޒް ގަނެވިއްކުމުގެ މުއާމަލާތް ތަކުގައި ބައިވެރިވެ އެދެވޭ ނަފާއެއް ހޯދަމުން ކުރިއަށް ދިއުމުގައި ކުންފުނިތަކުގެ މާލީ ޕާފޯމަންސް ރޭޝިއޯތައް ހަދައި، ލިބޭ ނަތީޖާއަށް ބަރޯސާވުން މުހިންމެވެ. މަތީގައިވާ ހަ ރޭޝިއޯގެ އިތުރުން، ޑިވިޑެންޑް ޔީލްޑަކީ މާލީ ދުޅަހެޔޮކަން ދެނަގަތުމަށް ހިއްސާދާރުން ބޭނުންކުރާ މުހިންމު ރޭޝިޔޯއެކެވެ.

އިތުރު މައުލޫމާތު

މި އަހަރު ޖުލައި މަހުގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓު އޮތޯރިޓީއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގުޅިގެން ތައްޔާރުކޮށް ބީޓާ-ލައިވް ކޮށްފައިވާ "ވިޔަނަ" – ޕްރައިވެޓް ޕްލޭސްމަންޓް ޕްލެޓްފޯމަކީ، ކުރިއަށް އޮތް ތަނުގައި ލިސްޓެޑް ކުންފުނިތަކުގެ ސެކުރިޓީޒްގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުން ދޫކުރާ ސުކޫކާއި ޑެޓް އިންސްޓްރުމަންޓުތަކުގައި ޓްރޭޑް ކުރުމަށް ފަހި ފުރުސަތުތަކެއް ގެނެސްދޭނެ ޕްލެޓްފޯމެކެވެ.

އިތުރު މައުލޫމާތު

ނޯޓު: މިއީ ސީއެމްޑީއޭއިން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.