Roadha Mihaaru
ޕޮޗެޓީނޯގެ ވާހަކަތައް އަންޗެލޮޓީ ނުސީދާކޮށް ދޮގުކޮށްފި

އެމްބާޕޭ އާބެހޭގޮތުން ޕޮޗެޓީނޯ ދޮގުހަދާކަން ހާމާވާގޮތަށް އަންޗެލޮޓީ ވާހަކަ ދައްކައިފި

30 އެޕްރީލް 2022

މެޑްރިޑް (އޭޕްރީލް 29) - އަންނަ ސީޒަނުގައި ވެސް ކިލިއަން އެމްބާޕޭ ފްރާންސްގެ ޕީއެސްޖީގައި ހުންނާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް ބުނެ އެޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ދެއްކި ވާހަކަތަކުގައި ހަގީގަތެއްނެތްކަން ހާމަވާ ގޮތަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ވާހަކަ ދައްކައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (އޭޕްރީލް 29) - އަންނަ ސީޒަނުގައި ވެސް ކިލިއަން އެމްބާޕޭ ފްރާންސްގެ ޕީއެސްޖީގައި ހުންނާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް ބުނެ އެޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ދެއްކި ވާހަކަތަކުގައި ހަގީގަތެއްނެތްކަން ހާމަވާ ގޮތަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ވާހަކަ ދައްކައިފި އެވެ.

ޕޮޗެޓީނޯގެ އެވާހަކަތަކާ ގުޅޭގޮތުން އަންޗެލޮޓީއާ ސުވާލުކުރުމުން، ސަމާސާ ރާގެއްގައި އޭނާ ބުނީ، ޕްރެސް ކޮންފަރެންސް ތަކުގައި ކޯޗުން އާއްމު ގޮތެއްގައި ކަމުގެ ފުރިހަމަ ހަގީގަތް ހާމަ ނުކުރާނެ ކަމަށާއި، އެވާހަކަތަކަށް ރެއާލުން މާ ސަމާލުކަމެއް ނުދޭ ކަމަށެވެ.

"ޕޮޗެޓީނޯ ބުނީ 100 ޕަސެންޓް ޔަގީން ކަމާ އެކު އެމްބާޕޭ ޕީއެސްޖީގައި މަޑުކުރާނެއޭ؟،" ސުވާލެއް އުފައްދައި އަންޗެލޮޓީ ހެމުން ބުންޏެވެ.

"ބައެއް ފަހަރު ކޯޗުނަށް ޕްރެސް ކޮންފަރެންސް ތަކުގައި ފުރިހަމަ ހަގީގަތް ހާމައެއް ނުކުރެވޭ."

މި ސީޒަނުގެ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ރެއާލް މެޑްރިޑާއި ޕީއެސްޖީ ބައްދަލުކުރި މެޗަކަށް ފަހު، ރެއާލްގެ ކޯޗު އަންޗެލޮޓީ (ކ) އާއި ޕީއެސްޖީގެ އެމްބާޕޭ (ވ) ސަލާން ކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް

މި ސީޒަނުގެ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ރެއާލް މެޑްރިޑާއި ޕީއެސްޖީ ބައްދަލުކުރި މެޗަކަށް ފަހު، ރެއާލްގެ ކޯޗު އަންޗެލޮޓީ (ކ) އާއި ޕީއެސްޖީގެ އެމްބާޕޭ (ވ) ސަލާން ކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް

"ރެއާލް މެޑްރިޑުގެ ކޮންމެ ކުޅުންތެރިއަކު ވެސް އަދި ސަޕޯޓަރެއް ވެސް މި ވަގުތު އެންމެ އިސްކަމެއް ދޭނީ ލީގު ޗެމްޕިއަންކަން ކަށަވަރު ކުރާށާއި ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ ދެވަނަ ލެގަށް،" ލީގުގައި މާދަމާރޭ އެސްޕަނިޔޯލާ ދެކޮޅަށް ކުޅުމުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އަންޗެލޮޓީ ބުންނެވެ.

އެމްބާޕޭ އާއި ޕީއެސްޖީއާ ދެމެދު އޮތް ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަ ވާއިރު، ހިލޭ ޓްރާންސްފާގައި އޭނާ ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ވާހަކަ މީޑިއާ ތަކުން ރިޕޯޓް ކޮށްފައި ވެއެވެ. ފްރާންސް ލީގުގައި މިހާތަނަށް 22 ލަނޑު ޖަހައިގެން ލަނޑު ލިސްޓުގެ ކުރީގައި އޮތީ ވެސް އެމްބާޕޭ އެވެ. އަދި 14 އެސިސްޓާ އެކު މިހާތަނަށް އެންމެ ގިނަ އެސިސްޓް ވެސް ކޮށްފައި ވަނީ އޭނާ އެވެ.

ބާކީ ހަތަރު މެޗު އޮއްވައި ޕީއެސްޖީ އަށް ފްރާންސް ލީގު ޔަގީން ވެފައި ވީ ނަމަވެސް މި ސީޒަނަށް ފަހު ކޯޗު ޕޮޗެޓީނޯ ވެސް މަގާމުން ދުރުކުރަން އެޓީމުގެ ސަޕޯޓަރުން އަންނަނީ ގޮވާލަމުންނެވެ. އެކަމަކު ޕޮޗެޓީނޯ ބުނަނީ އޭނާ ޓީމުގައި މަޑުކުރާނެ ކަމަށެވެ.

ލިއޮނެލް މެސީ އާއި ނޭމާ އަދި އެމްބާޕޭ އާއެކު މި ސީޒަނުގައި ނުކުތް ޕީއެސްޖީ ޗެމްޕިއަންސް ލީގުން ކެޓީ ގަދަ 16 ޓީމު ވާދަކުރި ބުރުގައި ރެއާލް މެޑްރިޑް އަތުން ބަލިވެގެންނެވެ.

ރެއާލުން ލީގު ޔަގީން ކުރަން ނުކުންނައިރު ސަސްޕެންޝަނާއި އަނިޔާގެ މައްސަލަ

ރެއާލް މެޑްރިޑު ލީގު ޔަގީން ކުރަން ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ފަސް މެޗު އޮތްއިރު މިވަގުތު އެއްވަނައިގައި އޮތީ 33 މެޗުން 78 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ބާސެލޯނާ އާއި ތިންވަނައިގައި އޮތް ސެވިއްޔާ އަށް ވަނީ 63 ޕޮއިންޓް ލިބިފަ އެވެ.

ކެޓަލޫނިއާ އަށް ނިސްބަތްވާ އެސްޕަނިޔޯލުން ވަނީ ލީގުގައި މިދިޔަ އޮކްޓޯބަރު މަހު އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑު 2-1 އިން ބަލި ކޮށްފަ އެވެ. އޭރު މެޑްރިޑް އޮތީ އެހާ ރަނގަޅު ފޯމަކު ނޫނެވެ. ނަމަވެސް އެކަން ބަދަލުކޮށް، ރެކޯޑް 35 ވަނަ ފަހަރަށް ސްޕެނިޝް ލަ ލީގާ ގެ ޗެމްޕިއަންކަން ހޯދަން ރެއާލް މެޑްރިޑުން މާދަމާ ރޭ ސަންޓިއާގޯ ބާނަބައޫ ގައި އެސްޕަނިޔޯލާ ދެކޮޅަށް ނުކުންނައިރު، ރެއާލްގެ ޑިފެންސަށް ވަނީ ސަސްޕެންޝަނާއި އަނިޔާގެ މައްސަލަތަށް ކުރިމަތި ވެފަ އެވެ.

"އަހަރެމެންގެ ޑިފެންސުގައި މައްސަލަ އުޅޭ. އަހަރެންނަށް ޖެހޭނީ ޖީސަސް ވަލޭހޯ އަރުވަން، އޭނާ ކުޅެފައި ވާނީ ވަރަށް މަދު މިނިޓުކޮޅަކު. އިތުރު ސެންޓަބެކެއް ވެސް ނަގަން އެބަ ޖެހޭ. ވެދާނެ ކަސެމީރޯ އަށް ކަމަށް ވެސް،". އަންޗެލޮޓީ ބުންޏެވެ.

ނާޗޯ ފެނާންޑޭޒް އާއި އެޑާ މިލިޓާއޯ ސަސްޕެންޝަނުގައި ހުރިއިރު، ޑޭވިޑް އަލަބާ ހުރީ އަނިޔާގަ އެވެ. އަލަބާ އަނިޔާގައި ހުރި ނަމަވެސް ބުދަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ދެވަނަ ލެގުގައި އޭނާ ފެންނާނެ ކަމަށް އޭނާ ބުންޏެވެ.

މި ސީޒަނުގެ ލީގު މެޗަކަށް ފަހު ބެންޒެމާ އާއި ކޯޗު އަންޗެލޮޓީ އެކުގައި.-- ފޮޓޯ: ގެޓީ އިމޭޖަސް

މި ސީޒަނުގެ ލީގު މެޗަކަށް ފަހު ބެންޒެމާ އާއި ކޯޗު އަންޗެލޮޓީ އެކުގައި.-- ފޮޓޯ: ގެޓީ އިމޭޖަސް

"މިޑްފީލްޑުގައި އޮޕްޝަންސް އެބަތިބި. އެޑުއާޑޯ ކަމަވިންގާ އާއި ޑެނީ ސެބާޔޯސް އާއި މާކޯ އަސެންސިއޯ ކަހަލަ ފްރެޝް ކުޅުންތެރިން އެބަ ތިބި، ދެން ބަލަންވީ ކަރީމް ބެންޒެމާ ހުރީ ފްރެޝް ކޮށް ތޯ. ވަރުބަލިކަން އިހުސާސް ކުރެވޭ ކުޅުންތެރިން ކުޅުވައިގެން އަނިޔާވާކަށް އަހަރެން ބޭނުމެއް ނޫން."

ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގު ފައިނަލުން ޖާގަ ހޯދަން ރެއާލް އިން އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭއިރު އެޓީމުގެ ބެންޒެމާ އާއި ވިނީޝަސް ޖޫނިއާ އަކީ ޓީމުގެ ކުރީގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިންނެވެ. އަންޗެލޮޓީ ވަނީ ދެ ކުޅުންތެރިންނަށް ޗެމްޕިއަންސް ލީގު މެޗުގެ ކުރިން އަރާމު ބޭނުންވާނެ ކަމަށެވެ.

"އަހަރެންނަށް ހީވަނީ ބެންޒެމާ އާއި ވިނީޝިއުސް އަށް ރެސްޓް ކުރެވޭނެހެން، އެކަމަކު އެ ކުޅުންތެރިން ކުޅެން ތައްޔާރަށް ތިބި ކަމުގައި ވާނަމަ އަހަރެންގެ ޝަކުވާއެއް ނެތް،" އަންޗެލޮޓީ ބުންޏެވެ.

"އެއްވެސް ކުޅުންތެރިއަކަށް އަރާމު ބޭނުން ވާނަމަ އަހަރެން ރެސްޓު ދޭނަން. އެކަމަކު އެއީ މެޗު މާ ފަސޭހަ ވާނެކަމަށް ބަލައިފަ އެއް ނޫން. އެއީ އެ ކުޅުންތެރިންނަށް އަނިޔާއެއް ކުރިމަތިވިޔަ ނުދޭން، އަރާމު ކުރަނީ."