Roadha Mihaaru
ސުޕަ ކަޕްގެ ތައްޓާއެކު އެމްބާޕޭއަށް ހުވަފެނީ ފެށުމެއް

ސުޕަ ކަޕްގެ ތައްޓާ އެކު ރެއާލްގައި އެމްބާޕޭ އަށް ހުވަފެނީ ފެށުމެއް

15 އޯގަސްޓް 2024

ވާސޯ (އޮގަސްޓް 15) - ކިލިއަން އެމްބާޕޭގެ ގޯލަކާ އެކު 2-0 އިން އެޓަލާންޓާ ބަލިކޮށް ރެއާލް މެޑްރިޑުން ޔޫއެފާ ސުޕަ ކަޕްގެ މެޗު ކާމިޔާބު ކޮށްފި އެވެ.

ވާސޯ (އޮގަސްޓް 15) - ކިލިއަން އެމްބާޕޭގެ ގޯލަކާ އެކު 2-0 އިން އެޓަލާންޓާ ބަލިކޮށް ރެއާލް މެޑްރިޑުން ޔޫއެފާ ސުޕަ ކަޕްގެ މެޗު ކާމިޔާބު ކޮށްފި އެވެ.

ޔޫއެފާގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް މާ ބޮޑު ކަމެއް ނުކުރެވުނެވެ. އެކަމަކު ދެވަނަ ހާފުގައި ދެ ޓީމުން ވެސް ގޯލަށް ނުރައްކާ ކުރި އެވެ. ރެއާލުން ލީޑް ލީޑު ނެގީ 59 ވަނަ މިނިޓުގައި ވިނީޝީއުސް ޖޫނިއާ ދިން ބޯޅައިން ފެޑެރިކޯ ވެލްވާޑޭ އެވެ.

ރެއާލުން ލީޑު ފުޅާ ކުރި ގޯލު، މިސީޒަންގައި އެޓީމަށް އަލަށް ބަދަލުވި އެމްބާޕޭ ޖަހައިދިނީ އޭގެ ނުވަ މިނިޓު ފަހުންނެވެ. އެ ކްލަބަށް ބަދަލުވެ، ކުޅުނު ފުރަތަމަ މެޗުން އެމްބާޕޭ ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ޖޫޑް ބެލިންހަމް އެވެ.

އެމްބާޕޭ ރެއާލަށް ގޯލު ޖަހައިދިނުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެމްބާޕޭ ރެއާލަށް ގޯލު ޖަހައިދިނުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއީ ކްލަބް ފުޓްބޯޅައިގައި، ސަރަހައްދީ މުބާރާތެއްގެ ޓްރޮފީއެއް އެމްބާޕޭ، 25، ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ އޭނާ ޔޫއެފާ ސުޕަ ކަޕް މެޗެއް ކުޅުނު ފުރަތަމަ ފަހަރު ވެސް މެއެވެ.

ހިލޭ ޓްރާންސްފާގައި ޕީއެސްޖީ ދޫކޮށްލައި، ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ތައާރަފު ވުމަށް ފަހު އެމްބާޕޭ ބުނީ، ރެއާލަށް ބަދަލުވުމާ އެކު އޭނާ އަހަރުތަކެއް ކުރިން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެއްޖެ ކަމަށެވެ.

ކޯޗު އަންޗެލޮޓީ، އެމްބާޕޭ ގައިގައި ބައްދާލަނީ.-- ފޮޓޯ: އޭއެފްޕީ

ކޯޗު އަންޗެލޮޓީ، އެމްބާޕޭ ގައިގައި ބައްދާލަނީ.-- ފޮޓޯ: އޭއެފްޕީ

ރެއާލް މެޑްރިޑަކީ ރެކޯޑް 15 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ޓީމެކެވެ. ޔޫރޮޕާ ލީގުގެ ޗެމްޕިއަން އެޓަލާންޓާ ބަލި ކުރުމާ އެކު، ރެއާލް މިވަނީ ރެކޯޑް ހަވަނަ ފަހަރަށް ޔޫއެފާ ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.

ވާދަވެރި ބާސެލޯނާ އާއި އިޓަލީގެ އޭސީ މިލާން ވަނީ ފަސް ފަހަރު މި ތަށި އުފުލާލައިފަ އެވެ.

ހަމަ އެއާއެކު ރެއާލްގެ ކެޕްޓަން ލޫކާ މޮޑްރިކާއި ކޯޗު ކާލޯ އަންޗެލޮޓީ ވެސް މިވަނީ ކްލަބުގައި ބޮޑު ޝަރަފެއް ހޯދައިފަ އެވެ.

މެޕްޓަން މޮޑްރިކް ތަށި އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ

މެޕްޓަން މޮޑްރިކް ތަށި އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ

މި ތައްޓާ އެކު މޮޑްރިކް މިވަނީ ރެއާލުގައި ރެކޯޑް 27 ޓްރޮފީ ހަމަކޮށްފަ އެވެ. ރޭގެ މެޗުގައި މޮޑްރިޗް ކުޅެން ނުކުތީ ފަހު 15 މިނިޓަށެވެ.

އެޓަލާންޓާއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި، ކެޕްޓަން ބޭންޑް އަޅައިގެން ފެށި، ޓީމުގެ ވައިސް ކެޕްޓަން ޑެނީ ކާވަހާލް އާއި މިދިޔަ ސީޒަނަށް ފަހު ރެއާލް ދޫކޮށް ސައުދީ ލީގަށް ބަދަލުވި ނާޗޯ ފެނާންޑޭޒް ވަނީ 26 ޓްރޮފީ ހާސިލް ކޮށްފަ އެވެ.

މިއީ ރެއާލާ އެކު ކޯޗު އަންޗެލޮޓީ ކާމިޔާބު ކުރި 14 ވަނަ ތައްޓެވެ. އެ ކްލަބާ އެކު އެންމެ ގިނަ ތަށި ކާމިޔާބު ކުރި ކޯޗުގެ ޝަރަފް އޮންނަނީ 14 ތަށި ކާމިޔާބުކުރި މިގޭލް މުނޯޒް އަތުގަ އެވެ. އެޓަލާންޓާ ބަލިކޮށް އަންޗެލޮޓީ މީގެ 52 އަހަރު ކުރިން މިނޯޒް ހެދި އެ ރެކޯޑާ އެއްވަރުކޮށްފަ އެވެ.