Roadha Mihaaru
ނޫސްވެރިކަމަށް މިނިވަންކަން ލިބުމުން އުފާކުރަން: ރައީސް

ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި އޮތް ނޫސްވެރިކަމަށް މިނިވަންކަން ލިބުމުން އުފާކުރަން: ރައީސް

03 މެއި 2022

އެ މަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހަރުކަށި ހިފެހެއްޓުމެއްގެ ތެރޭގައި އޮތް ނޫސްވެރިކަމަށް މިހާރު ފުރިހަމަ މިނިވަންކަމެއް ލިބިފައި ވާތީ އުފާފުޅު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެ މަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހަރުކަށި ހިފެހެއްޓުމެއްގެ ތެރޭގައި އޮތް ނޫސްވެރިކަމަށް މިހާރު ފުރިހަމަ މިނިވަންކަމެއް ލިބިފައި ވާތީ އުފާފުޅު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ދިވެހި ނޫސްވެރިންނަށް ފަހިކޮށްދިން މިނިވަން މާހައުލުގެ ސަބަބުން، ނޫސްވެރިންގެ ފަރާތުން ފެންނަނީ ޒިންމާދާރުކަމާ އެކު، އެ މީހުންގެ ވާޖިބު އަދާކޮށް، ކަންކަމުގެ ތެދު މައުލޫމާތާއި ހަގީގަތް ހާމަކޮށްދޭން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ.

"ވަރަށް ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި މީގެ ތިން އަހަރު ކުރިން އޮތް ދިވެހި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު މިއަދު އަޅުގަނޑު އުފާކުރަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ތެރެއިން ރައްޔިތުންނާ ހަމަ އަށް ތިލަކުރުމަކީ، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމަށް ވެސް ލިބޭ ނުހަނު ބޮޑު ބާރެއް ކަމަށް ވިދާޅުވެ ރައީސް ނޫސްވެރިންނަށް ތައުރީފު ކުރެއްވި އެވެ.

"ނޫސްވެރިންގެ ހައްގު ރާއްޖޭގައި ފުރިހަމަ އަށް ލިބޭ"

ރައީސް ވިދާޅުވި ގޮތުގައި، އޭޝިއާ ސަރަހައްދަށް ބަލާއިރު، ރާއްޖެ އަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު މިހާރު އެންމެ ފުރިހަމަ އަށް ލިބޭ އަދި އެ ހައްގުގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަމަށެވެ. އަދި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު އެންމެ ފުރިހަމަ އަށް ލިބެނީ ރާއްޖޭގައި ކަމަށް ވެސް ވިދާޅުވި އެވެ.

2018 ވަނަ އަހަރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

2018 ވަނަ އަހަރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

"ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހިމާޔަތް ކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް، ޚަބަރާއި މައުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކުރިމަގުގައި ވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމަ އަށް ލިބިދޭނެ ކަން މި ފުރުސަތުގައި ޔަގީންކޮށް އަރުވަން،" ރައީސް ވިދާޅުވި އެވެ.

މިނިވަން ނޫސްވެރިކަމަށް ފުރުސަތު ދިނުމަކީ، ސަރުކާރު ޒިންމާދާރު ކުރުވައި، ޑިމޮކްރެސީ ހަރުދަނާ ކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި ކޮރަޕްޝަނާއި ހިޔާނާތުގެ އަމަލުތައް ނައްތާލެވެނީ އެ މިނިވަކަން ފުރިހަމަ ކަމާ އެކު ލިބިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިދިޔަ ތިން އަހަރުގެ ތަޖުރިބާއިން އެނގިވަޑައިގަތީ، ކުރިއަރާފައިވާ ޑިމޮކްރެސީތަކުން ފެންނަ ފަދަ ޒިންމާދާރު ނޫސްވެރިކަމެއް ބޭއްވޭނީ ނޫސްވެރިކަން ހިފެހެއްޓުމުގެ ބަދަލުގައި ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ދިނުމުން ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައި އޮތަސް، ކޮންމެ ނޫސްވެރިއެއްގެ ކޮނޑުގައި ވެސް ވަރަށް މަތިވެރި ގައުމީ މަސްއޫލިއްޔަތެއް އެޅިފައިވާ ކަން ހަނދާން ކޮށްދެއްވާއި، ރައީސް އެދިވަޑައިގަތީ ހަގީގަތާއި ތެދު މައުލޫމާތު ހާމަކޮށް، މީހުންގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތް ކޮށްދިިނުމަށެވެ.