Roadha Mihaaru
މިއީ ނޫސްވެރިކަމުގައި އިންގިލާބީ އަހަރެއް: ޝަހުބާން

ނޫސްވެރިކަމުން ލިބުނީ މި ސަރަހައްދުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް: ޝަހުބާން

03 މެއި 2021

ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ "ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ އިން އިތުރު ހަތް ދަރަޖައިގެ ކުރިއެރުމެއް ހޯދުމަކީ ދެކުނު އޭޝިއާގެ ސަރަހައްދުން ވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ޝަހުބާން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ "ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ އިން އިތުރު ހަތް ދަރަޖައިގެ ކުރިއެރުމެއް ހޯދުމަކީ ދެކުނު އޭޝިއާގެ ސަރަހައްދުން ވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ޝަހުބާން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން، އޭނާ ނެރުއްވި ހިތާބުގައި ވިދާޅުވީ، މި އަހަރަކީ ރާއްޖޭގެ ނޫސްވެރިކަމުގައި އާ ހަރުފަތްތަކެއް ގިރާކޮށް، އިންގިލާބީ ބަދަލަކާ ހަމައަށް އައި އަހަރެއް ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ "ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ އިން އިތުރު ހަތް ދަރަޖައިގެ ކުރިއެރުމެއް ހޯދައި އެ އިންޑެކްސްގެ 72 ވަނަ އަށް އަރާފައިވާ ކަން ޝަހުބާން ފާހަގަކުރެއްވި އެވެ.

"މިއީ ދެކުނު އޭޝިއާ ސަރަހައްދުން މި އަހަރު ވެސް ފާހަގަކޮށްލެވޭ ކާމިޔާބެއް ކަމަށް ވާތީ، ރާއްޖޭގެ އެންމެހާ ނޫސްވެރިންނާއި މީޑިއާތަކަށް މަރުހަބާ ދަންނަވަމެވެ،" އެމްއެމްސީގެ ރައީސްގެ ހިތާބުގައި ވެ އެވެ.

އޭނާ ވިދާޅުވީ، މިދިޔަ ތިން އަހަރު ވެސް ނޫސްވެރިކަމުގެ މިނިވަންކަމުގައި، ރާއްޖެ އިން އެއް އަހަރަށް ވުރެ އަނެއް އަހަރު ކުރިއެރުން ހޯދާފައިވާ ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމުން، އެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ލިބިދިނުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ޝަހުބާން ވިދާޅުވި އެވެ.

އޭނާ ވަނީ ކޮވިޑް-19 ގެ ހާލަތުގައި ވެސް ރާއްޖޭގެ ނޫސްވެރިން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި، ތައުރީފު ކުރައްވައިފަ އެވެ.

މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަށް ޔުނެސްކޯ އިން ކަނޑައެޅި ޝިއާރަކީ "މައުލޫމާތު ރައްޔިތުންގެ ހައްގެއްގެ ގޮތުގައި" އެވެ.

އެމްއެމްސީގެ ރައީސް ވިދާޅުވީ، މިދިޔަ ތިން އަހަރު ވެސް ނޫސްވެރިކަމުގެ މިނިވަންކަމުގައި، ރާއްޖެ އިން އެއް އަހަރަށް ވުރެ އަނެއް އަހަރު ކުރިއެރުން ހޯދާފައިވާ ކަމަށެވެ.

އެމްއެމްސީގެ ރައީސް ވިދާޅުވިގޮތުގައި، އެ ޝިއާރުން ދޭހަކޮށްދެނީ، ފޮރުވުމެއް ނެތި ހާމަކަމާއެކު މައުލޫމާތު ލިބިގަތުމަކީ ރައްޔިތުންގެ ހައްގެއް ކަމާއި މައުލޫމާތަކީ، އެއްވެސް ފަރާތެއް ބާކީ ކުރުމެއް ނެތި، މުޅި މުޖުތަމައުގެ ވެސް މިލްކެއްގެ ގޮތުގައި ދެކިގެން މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމު ކަމެވެ.

ނޫސްވެރިންނަކީ ރައްޔިތުންނާއި މުއައްސަސާތަކާއި ގުޅުވައިދޭ މުހިއްމު ފާލަމެއް ކަމުން ނޫސްވެރިންނާއި ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން އެ މަގަށް މަސައްކަތްކުރުމަކީ، ރާއްޖޭގެ ނޫސްވެރިކަން އިތުރު ހަރުފަތަކަށް ގެންދިޔުމަށް މަގުފަހިވެގެން ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަހުބާން ވިދާޅުވީ، ނޫސްވެރިންގެ ހަޔާތުގެ ދަތުރަކީ ނިކަން އަޑިގުޑަން ބޮޑު އަދި އުނދަގޫ މަގެއްގައި ކުރެވޭ ދަތުރެއް ކަމަށެވެ.

"މިހެން ކަމުން ހުރިހާ ނޫސްވެރިން ވެސް ކަންކަމުން އިބުރަތް ހާސިލުކޮށް، ކުރިއަށް ދިމާވެދާނެ ކޮންމެ ކަމަކަށް ލޯ ހުޅުވައިގެން ތިބުމަކީ ނުހަނު ބޭނުންތެރިކަމެކެވެ،" އޭނާ ވިދާޅުވި އެވެ.

އެމްއެމްސީގެ ރައީސް ވަނީ ދިވެހި ހުރިހާ ނޫސްވެރިންނާއި މީޑިއާތަކުން، އިސްލާމީ ރިވެތި އަހުލާގުގެ މިންގަނޑުގެ ތެރޭގަ އާއި ބައިނަލްއަގްވާމީ ގޮތުން ބަލައިގަނެފައިވާ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑަށް ފުރިހަމަ އަށް އަމަލުކުރަމުންދާ ވެއްޓެއް ރާއްޖެ އިން ފެނުމަށް އުއްމީދު ކުރައްވާ ކަމަށެވެ.