Roadha Mihaaru
އަންހެނަކު ގަދަކަމުން ގޯޅިގަނޑަކަށް ވެއްދި މީހާ ޖަލަށް

އަންހެނަކު ގަދަކަމުން ގޯޅިގަނޑަކަށް ވެއްދި މީހަކު ހަތަރު މަހަށް ޖަލަށް

14 މެއި 2022

މާލޭގެ މަގުމަތިން އަންހެނަކު ހިފެހެއްޓުމަށް ފަހު ގަދަކަމުން ގޯޅިގަނޑަކަށް ވެއްދި މައްސަލާގައި އެކަކު ހަތަރު މަހާއި 15 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ މަގުމަތިން އަންހެނަކު ހިފެހެއްޓުމަށް ފަހު ގަދަކަމުން ގޯޅިގަނޑަކަށް ވެއްދި މައްސަލާގައި އެކަކު ހަތަރު މަހާއި 15 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރު މެއި މަހު އަންހެނަކު ހިނގާފައި ދަނިކޮށް މަގުމަތިން ހިފެހެއްޓުމަށް ފަހު ގޯޅިގަނޑަކަށް ގަދަކަމުން ވެއްދި މައްސަލާގައި ދައުލަތުން ދައުވާކުރި ދެ މީހުންގެ ތެރެއިން ކުށް ސާބިތުވީ ހދ. ނޭކުރެންދޫ ވިނަރެސް، އާދަމް ވިޝާންގެ މައްޗަށެވެ. އެ މައްސަލާގައި ދެން ދައުވާ ލިބުނު ހދ. ވައިކަރަދޫ މިލާފަރު އަލީ ރަޝީދުގެ ބަައި އަދި ނުނިންމަ އެވެ.

ވިޝާންގެ މައްޗަށް ކުރި ދެ ދައުވާ ސާބިތުވީ އޭނާ ކޯޓުގައި އެކަމަށް އެއްބަސްވުމުންނެވެ. ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާގެ އިތުރުން އަނިޔާއެއް ދިނުމުގެ ދައުވާ އޭނާގެ މައްޗަށް ކުރި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ އަދަބެއްގެ ގޮތުން ތިން މަހާއި 18 ދުވަހަށް އަދި އަނިޔާއެއް ދިނުމުގެ ކުށުގައި 27 ދުވަހަށް ޖަލަށްލުމަށް، އެކު ޖުމްލަ ހަތަރު މަހާއި 15 ދުވަހަށް ޖަލަށްލުމަށެވެ.

އެކަމަކު ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ދެ މަހާއި 16 ދުވަހާއި އަދި އިތުރު 27 ދުވަހުގެ ހުކުމެކެވެ.

އެ މައްސަލާގެ އެ ދެ މީހުން ފުރަތަމަ ހައްޔަރުކުރީ ރޭޕްކުރަން އުޅުމުގެ ތުހުމަތުގަ އެވެ. އެކަމަކު ފަހުން ނިންމީ ރޭޕްކުރަން އުޅުނު ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަންހެން މީހާ ސަލާމަތްކުރީ އެ ސަރަހައްދު މިސްކިތުން ނިކުތް ބަޔަކު ގޮސްގެންނެވެ.