Roadha Mihaaru
ސީޒަން ނިންމާލައި ޓެން ހަގް ޔުނައިޓެޑުގެ މަސައްކަތަށް

އަޔެކްސްއާ އެކު ސީޒަން ނިންމާލައި ޓެން ހަގް ޔުނައިޓެޑުގެ މަސައްކަތަށް

16 މެއި 2022

އެމްސްޓެޑަމް (މެއި 16) - ނެދަލެންޑްސްގެ އަޔެކްސްއާ އެކު އެ ގައުމުގެ ފުޓުބޯޅަ ސީޒަން ނިންމާލައި، އެޓީމުގެ ކޯޗު އެރިކް ޓެން ހަގް އަންނަ ސީޒަނަށް އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑު ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެމްސްޓެޑަމް (މެއި 16) - ނެދަލެންޑްސްގެ އަޔެކްސްއާ އެކު އެ ގައުމުގެ ފުޓުބޯޅަ ސީޒަން ނިންމާލައި، އެޓީމުގެ ކޯޗު އެރިކް ޓެން ހަގް އަންނަ ސީޒަނަށް އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑު ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އަޔެކްސް އިން ރޭ ސީޒަނުގެ ފަހު މެޗު ނިންމާލީ ލީގުގައި ވިޓެސޭ އަތުން ރަށުން ބޭރުގައި 2-2 އިން އެއްވަރު ކޮށްލައިގެންނެވެ. ނަމަވެސް މިދިޔަ ހަފްތާގައި އަމިއްލަ ދަނޑުގައި ހީރެންވީން 5-0 އިން ބަލިކޮށް އޭނާ ވަނީ އަޔެކްސް އަށް ލީގު ދިފާއު ކޮށްދީފަ އެވެ. އޭނާ ވަނީ އަޔެކްސްއާ އެކު ތިން ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑުގައި މިހާރު ހުރި ވަގުތީ ކޯޗު ރަލްފް ރަންގްނިކް މި ސީޒަނަށް ފަހު ޔުނައިޓެޑުގެ ކޮންސަލްޓެންސީ މަގާމަކާ އެކު ވަނީ އޮސްޓްރިއާގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެފަ އެވެ. ޓެން ހަގް ވަނީ މިދިޔަ މަހު ޔުނައިޓެޑުގެ ދާއިމީ ކޯޗުގެ މަގާމާ ހަވާލުވާން އެއްބަސްވެފަ އެވެ.

އަޔެކްސްގެ އެންމެ ފަހު މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެން ހަގް ބުނީ އަންނަ ސީޒަނުގެ ކުރިން ޔުނައިޓެޑް ތައްޔާރު ކުރުމަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަމަށާއި، އެ ކަންކަމަށް ވަގުތު ބޭނުންވާތީވެ އަޔެކްސް އިން ސީޒަނަށް ފަހު ބާއްވާ އުފާފާޅުކުރުންތަކުގައި ވެސް އޭނާއަށް ބައިވެރި ނުވެވޭނެ ކަމަށެވެ.

"ޓީމުގެ ސެލެބްރޭޝަންތަކުގައި އަހަރެން ބައިވެރި ނުވާނަން، ތެދެއް. އުންމީދު ކުރަން ކްލަބަށް ވެސް އެކަން ވިސްނޭނެ ކަމަށް. ވަރަށް ބައިވަރު މަސައްކަތް ކުރަން އެބަހުރި (ޔުނައިޓެޑުގައި). ކޮންމެ ކުލަބެއްގައި ވެސް މަސައްކަތް ހުންނާނެ،" ޓެން ހަގް ބުންޏެވެ.

"މެނޭޖަރުގެ މަސައްކަތެއް އެއީ ހާއްސަކޮށް ޕްރީ-ސީޒަނުގައި ޓީމު ތައްޔާރު ކުރުން. އަހަރެމެންގެ (ޔުނައިޓެޑުގެ) ޕްރީސީޒަނަށް ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި. ސްޓާފުންނާއި ސްކޮޑު ވެސް އޯގަނައިޒް ކުރަން އެބަ ޖެހޭ. މާދަމާއިން ފެށިގެން (މިއަދުން ފެށިގެން) ވަރަށް ބޮޑަށް މަސައްކަތް ކުރާނަން."

ޔުނައިޓެޑަށް ލީގުގައި ބާކީ އޮތީ އެންމެ ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ ޓީމު ލީގުގެ ހަވަނައިގައި އޮތް ނަމަވެސް ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ވަނީ ހަތަރު މެޗުން ބަލިވެފަ އެވެ. ލީގުގައި މިހާރު އޮތް މަގާމާ އެކު ޔުނައިޓެޑް ޖެހޭނީ ޔޫރޮޕާ ލީގު ކުޅޭށެވެ. އެކަމަކު ފަހު މެޗުގައި ނަތީޖާ ނުނެރެވިއްޖެ ނަމަ ޔޫރޮޕާ ކޮންފަރެންސް ލީގު ކޮލިފައިން ވެސް ކުޅެން ޖެހިދާނެ އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުނައިޓެޑުގައި ކާމިޔާބު ހޯދަން ޓެން ހަގް އަށް ވަގުތު ދޭން ޖެހޭނެ ކަމަށް މިދިޔަ ހަފްތާގައި ބުނެފަ އެވެ. ރޮނާލްޑޯ ބުނީ، ޓެން ހަގް އަކީ ތަޖުރިބާ ހުރި މޮޅު ކޯޗެއް ކަމަށާއި، އޭނާ ބޭނުންވާ ގޮތަށް ޓީމު ބައްޓަން ކުރަން ވަގުތު ބޭނުންވާނެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"އޭނާ ބޭނުންވާ ގޮތަށް ކަންކަން ބަދަލުކުރެވެން ޖެހޭ. އުންމީދު ކުރަނީ އަހަރެމެންނަށް ކާމިޔާބީ ލިބޭނެ ކަމަށް، ހަމަގައިމު ވެސް އަހަރެމެންގެ ކޮންމެ ކާމިޔާބީއެއް ވާނީ މުޅި މެންޗެސްޓާ އަށް ލިބޭ ކާމިޔާބަކަށް،" ރޮނާލްޑޯ ބުންޏެވެ.

"ހަމައެކަނި ކުޅުންތެރިއެއްގެ ހައިސިއްޔަތަކުން ނޫން، ސަޕޯޓަރުންގެ ގޮތުގައި ވެސް މިތިބީ އުފަލުން. އަހަރެން އޭނާއަށް ކާމިޔާބަށް އެދެން. އަދި ގަބޫލުކުރަނީ އަންނަ އަހަރު އަހަރެމެންނަށް ޓްރޮފީތަކެއް ހޯދޭނެ ކަމަށް."