Roadha Mihaaru
އަަޔަކްސްގެ ވެން ޑަ ބީކް ޔުނައިޓެޑަށް

އަަޔަކްސްގެ ވެން ޑަ ބީކް ޔުނައިޓެޑަށް

31 އޯގަސްޓް 2020

އަމްސްޓަޑަމް (އޮގަސްޓް 31) - އަޔަކްސްގެ ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޯނީ ވެން ޑަ ބީކް އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އަމްސްޓަޑަމް (އޮގަސްޓް 31) - އަޔަކްސްގެ ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޯނީ ވެން ޑަ ބީކް އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ނެދަލެންޑްސް އާއި އިންގްލެންޑްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވެން ޑަ ބީކް ޔުނައިޓެޑަށް ބަދަލުވާނީ 40 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށެވެ. އަދި ޔުނައިޓެޑާ އެކު 2025 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓްގައި ސޮއިކުރަން ވަނީ ނިންމައިފަ އެވެ. ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން ވެން ޑަ ބީކްގެ މެޑިކަލް ޓެސްޓްތައް ހަދަން ނިންމާފައިވަނީ ނެދަލެންޑްސްގަ އެވެ.

އުމުރުން 23 އަހަރުގެ ވެން ޑަ ބީކް އަކީ މި ފަހަރުގެ ޓްރާންސް މާކެޓްގައި އަޔަކްސް ދޫކޮށްލާނެ ކުޅުންތެރިއެއް ކަމަށް މިދިޔަ މެއި މަހު އަޔަކްސްގެ ޗީފް އެގްޒެކްޓިވް އަދި ޔުނައިޓެޑްގެ ކުރީގެ ކީޕަރު އެޑްވިން ވެން ޑަ ސާ ވަނީ ބުނެފަ އެވެ.

ވެން ޑަ ބީކް ހޯދަން އެންމެ ފުރަތަމަ މަސައްކަތްކުރީ ރެއާލް މެޑްރިޑުންނެވެ. މިދިޔަ ޖެނުއަރީ މަހު ވެން ޑަ ބީކްއާ އެކު ރެއާލުން މަޝްވަރާތަކެއް ކުރި އެބެ. އެކަމަކު ވެން ޑަ ބީކް ގަތުމާ މެދު ރެއާލުން ދެ ވަނަ ވިސްނުމަކަަށް ދިޔައީ ކޮވިޑް-19ގެ ސަބަބުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ކްލަބްގެ ހަރަކާތްތައް މަޑުޖައްސާލުމުގެ ގޮތުންނެވެ. ދާދި ފަހުން ބާސެލޯނާއާ ހަވާލުވި ނެދަލެންޑްސްގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ރޮނާލްޑް ކޫމަން ވެސް ވެން ޑަ ބީކް ގެންދަން ޝައުގުވެރިވި އެވެ. އެކަމަކު ބާސެލޯނާ އަށް ކުޅުންތެރިއަކު ގަނެވެން އޮތީ ކުޅުންތެރިން ވިއްކައިގެން ކަމަށް ކްލަބްގެ ބޯޑުން ބުނުމުން ވެން ޑަ ބީކްގެ ވާހަކަތައް މަޑުޖައްްސައިލީ އެވެ.

އަޔަކްސް ޔޫތު ޓީމުން ކެރިއަރު ފަށައި 2015 ވަނަ އަހަރު ސީނިއާ ޓީމަށް ކުޅެން ފެށި ވެން ޑަ ބީކް އަކީ އަޔަކްސް އިން 2018-2019 ވަނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީން ފުރުސަތު ހޯދި ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އަދި އޭނާ އަންނަނީ ނެދަލެންޑްސް ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޔުނައިޓެޑުން ވެން ޑަ ބީކްގެ ސޮއި ހޯދައިފިނަމަ އޭނާ ވަނީ މި ފަހަރުގެ ޓްރާންސްފާގައި ޔުނައިޓެޑަށް ބަދަލުވާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ޔުނައިޓެޑުން އެއް ވަނަ ޓާގެޓެއްގެ ގޮތުގައި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގެނެވޭތޯ ބެލީ ބޮރޫޝިއާ ޑޯޓްމަންޑުގެ ޖޭޑަން ސަންޗޯ އެވެ. އެކަމަކު އޭނާ ވިއްކާލަން ކިޔާ އަގު ބޮޑުވުމުން ޔުނައިޓެޑުން ވަނީ ވަގުތީ ގޮތުން މަޝްވަރާތައް ހުއްޓާލައިފަ އެވެ.