Roadha Mihaaru

ސެކިއުރިޓީޒް ގަނެވިއްކުމަށް އޮންލައިން ޓްރޭޑިން ޕްލެޓްފޯމެއް

ރާއްޖޭގައި ފުރަތަމަ ފަހަރަށް މާލީ ސެކިއުރިޓީޒް ގަނެ ވިއްކުމަށް އޮންލައިން ޓްރޭޑިން ޕްލެޓްފޯމެއް އަމިއްލަ ފަރާތަކުން ތައާރަފުކޮށްފި އެވެ.

ސެކިއުރިޓީޒް ގަނެވިއްކުމަށް އޮންލައިން ފްލެޓްފޯމެއް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

17 މެއި 2022

ރާއްޖޭގައި ފުރަތަމަ ފަހަރަށް މާލީ ސެކިއުރިޓީޒް ގަނެ ވިއްކުމަށް އޮންލައިން ޓްރޭޑިން ޕްލެޓްފޯމެއް އަމިއްލަ ފަރާތަކުން ތައާރަފުކޮށްފި އެވެ.

"ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަން" އިން އެ މުއާމަލާތުގެ ތެރެއަށް ވަތް އިރު، އެއީ ރާއްޖޭގައި މާލީ ސެކިއުރިޓީސް ގަނެ ވިއްކުމަށް ތައާރަފުކުރި ފުރަތަމަ އޮންލައިން ޕްލެޓްފޯމެވެ. އެއީ ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓް ކޮށްފައިވާ ހުރިހާ ސެކިއުރިޓީގެ މައުލޫމާތު ވެސް ހިމަނާފައިވާ ޕްލެޓްފޯމެކެވެ.

އޭގެ ތެރޭގައި އެ ސެކިއުރިޓީއެއް އެކްސްޗޭންޖްގައި ލިސްޓުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ޓްރޭޑް ކޮށްފައިވާ އަގާއި ހިއްސާގެ އަދަދު އަދި ކުންފުނިތަކުގެ އިތުރު މައުލޫމާތު ފެންނަން ހުންނާނެ އެވެ.

Invest with First National

ފަސްޓް ނޭޝަނަލްގެ ވެބްސައިޓް

އިންވެސްޓް ކުރުމަށް ފުރަންޖެހޭ ހުރިހާ ފޯމެއް ވެސް މި ޕްލެޓްފޯމުގައި ހުންނާނެ އެވެ. ފޯމު ފުރުމާއި އެ މީހަކު ބޭނުންވާ ހިއްސާއެއް ގަތުމަށް އޯޑަރު ކުރުމާއި އެ ޓްރޭޑް މެޗް ވުމުން ފައިސާގެ ޓްރާންސެކްޝަން ވެސް އޮންލައިންކޮށް ފުރިހަމަ ކުރެވޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.

ފަސްޓް ނެޝަނަލް އިން ބުނީ، މި ޕްލެޓްފޯމާ އެކު އިންވެސްޓަރުން ވެސް ހިއްސާގެ ބާޒާރުގައި ހަރަކާތްތެރިވެ އުޅުމަށް ފުރުސަތު ފަހިވާނެ ކަމަށެވެ.

އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި ކުރީގެ އޮޑިޓަ ޖެނެރަލް ހަސަން ޒިޔާތު މިއަދު ވިދާޅުވީ، މި ޕްލެޓްފޯމް ފަރުމާކުރީ އިންވެސްޓަރުންގެ މެދުގައި ހިއްސާ ގަތުމުގައި ދިމާވާ އުނދަގޫތަކަށް ވިސްނައި، އިންވެސްޓަރުންނަށް އިތުރަށް ފަސޭހަ ވާނެ ގޮތްތައް ބަލައިގެން ކަމަށެވެ.

ސީއެމްޑީއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަބްދުﷲ ކަމާލުއްދީން ވިދާޅުވިގޮތުގައި، މިއީ ބްރޯކަރަކު އިސްވެ ކުރެއްވި ވަރަށް މުހިއްމު ކަމެކެވެ. މި ޕްލެޓްފޯމުގެ ސަބަބުން ސްޓޮކް އެކްސްޗޭންޖްގެ ސެކަންޑަރީ މާކެޓް އިތުރަށް ހިނގައިގަންނާނެ ކަމަށް އޭނާ އުންމީދު ކުރައްވަ އެވެ.

ފާތިމަތު ވިދާޅުވީ، ހިއްސާ ގަނެވިއްކުމުގެ ވިޔަފާރީގައި އެންމެ ގިނައިން ކުރާ ޝަކުވާ އަކީ ހިއްސާއެއް ގަތުމަށް ފޯމު ފުރައި، އެ ކަންކަން ކުރެވޭނެ ފަސޭހަ ގޮތްތަކެއް ނެތުން ކަމަށެވެ. ނަމަވެސް "ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަން" ގެ ޕްލެޓްފޯމާ އެކު އެކަން ހާސިލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕްލެޓްފޯމުން އިންވެސްޓަރުންނަށް ގަނެވިއްކާފައިވާ ހިއްސާގެ ރެކޯޑް ބަލައިލުމާއި ފައިސާގެ މުއާމަލާތުގެ ރިކޯޑް ފެނުމާއި ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓް ކޮށްފައިވާ ކުންފުނިތަކުގެ ފައިނޭންޝަލް އެނަލިސިސް ޑޭޓާ ތައް ވެސް ލިބޭނެ އެވެ.