Roadha Mihaaru
ވެއާ އޯއެސްގެ ގަޑިތަކުން އަނެއްކާވެސް ލަވަ އަޑުއެހޭނެ

ވެއާ އޯއެސްގެ ގަޑިތަކުން އަނެއްކާ ވެސް ލަވަ އަޑުއަހާލެވޭނެ

19 މެއި 2022

ގޫގުލްގެ ސްމާޓްވޮޗް އޮޕަރޭޓިން ސިސްޓަމް ކަމަށްވާ "ވެއާ އޯއެސް" ބޭނުންކުރާ ގަޑިތަކަށް، ޔޫޓިއުބް މިއުޒިކް އެޕް އަޅައިގެން ބޭނުންކުރެވޭ ގޮތް ހަދައިފި އެވެ.

ގޫގުލްގެ ސްމާޓްވޮޗް އޮޕަރޭޓިން ސިސްޓަމް ކަމަށްވާ "ވެއާ އޯއެސް" ބޭނުންކުރާ ގަޑިތަކަށް، ޔޫޓިއުބް މިއުޒިކް އެޕް އަޅައިގެން ބޭނުންކުރެވޭ ގޮތް ހަދައިފި އެވެ.

އެ އެޕް އަޅައިގެން، އެ ސްމާޓް އަތުކުރިގަޑިތަކުން ލަވަ އަޑުއަހަލާވޭ ގޮތް ހެދިއިރު، އެ އެޕުން އަޑުއަހަން އެންމެ ބޭނުންވާ ލަވަތަކުގެ ޕްލޭލިސްޓެއް ވެސް ވިޖެޓްގެ ގޮތުގައި ހެދޭނެ ގޮތް ވަނީ ހަދައިފަ އެވެ.

ގޫގުލް އިން ބުނި ގޮތުގައި "ވެއާ އޯއެސް" އަށް ހާއްސަ އެ އެޕްގެ ވާޝަނުން 80 މިލިއަނަށް ވުރެ ގިނަ ލަވަ އަޑުއަހާލެވެ އެވެ. އިޝްތިހާރު ނެތި ބޭނުންކުރެވޭ އެ އެޕްގައި ސްމާޓް ޑައުންލޯޑްސް ފީޗާ ވެސް އިންނާނެ އެވެ. އެހެންކަމުން، ފޯނުގައި އިންނަ އެ އެޕްގެ ވާޝަނަށް ލަވައެއް ޑައުންލޯޑްކުރިޔަސް، ވައިފައިއާ ކަނެކްޓްކުރުމުން އެ ލަވައެއް ގަޑި އަށް ވެސް ދާނެ އެވެ.

އެކަމަކު، "ވެއާ އޯއެސް" ގައި އެ ހިދުމަތް ލިބޭނީ ޔޫޓިއުބް މިއުޒިކްގެ ޕްރިމިއަމް ސަބްސްކްރައިބާއަކަށްވާ ނަމަ އެވެ. އަދި "ވެއާ އޯއެސް 2" ބޭނުންކުރާ ގަޑިތަކުގައި ސެލިއުލާ ނެޓްވޯކަކުން އެ އެޕް ބޭނުމެއް ނުކުރެވޭނެ އެވެ. ޖެހޭނީ ވައިފައި އިން ލަވަ ސްޓްރީމް ކުރާށެވެ.

"ވެއާ އޯއެސް" އަށް ޔޫޓިއުބް މިއުޒިކް އެ އައީ ދިގު ރާސްތާއެއް ވެސް ހުރަސްކޮށްފަ އެވެ. ގޫގުލް އިން 2020 ވަނަ އަހަރު ވަނީ "ވެއާ އޯއެސް" ގައި ކުރިން ލަވަ ޖަހަން ބޭނުންކުރި ހަމައެކަނި އެޕް "ގޫގުލް ޕްލޭ މިއުޒިކް" ހުއްޓާލައިފަ އެވެ. އަދި އެ އެޕް ބޭނުންކުރާ މީހުން "ޔޫޓިއުބް މިއުޒިކް" އެޕަށް މައިގްރޭޓް ކުރެވޭ ގޮތް ހެދިޔަސް، އެ އެޕް މިއަދާ ހަމަ އަށް ގަޑިތަކުން ބޭނުންނުކުރެވެ އެވެ.

މިދިޔަ ހަފުތާގައި ގޫގުލް އިން ވަނީ އެ ކުންފުނީގެ ފުރަތަމަ ސްމާޓްވޮޗް "ޕިކްސެލް ވޮޗް" ވެސް މި އަހަރު ނެރޭނެ ކަން އިއުލާންކޮށްފަ އެވެ. އެ ގަޑިއާ އެކު "ވެއާ އޯއެސް 3" ވެސް ނުކުންނާނެ އެވެ.