ހައި ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިޔާލު ތަފާތުވެއްޖެ އެވެ.
19 މެއި 2022
ހައި ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިޔާލު ތަފާތުވެއްޖެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން ޖުޑިޝަރީ ކޮމިޓީގެ ނިންމީ އެ ކޮމިޝަނުން އަމަލުކުރީ އިޖުރައާތު ގޯސްކޮށް ކަމަށެވެ. އަދި އެ މައްސަލަ އަލުން އެ ކޮމިޝަނަށް ފޮނުވުމަށެވެ. މިއީ ޖުޑިޝަރީ ކޮމިޓީން ޖޭއެސްސީގެ ނިންމުމަކަށް ނޫނެކޭ ބުނި ފުރަތަމަ ފަހަރެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ރިޔާސަތު ބަލަހައްޓަވާ އެ ކޮމިޓީގެ ނިންމުމާ އެކު، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ރައީސް ކަން ކުރައްވާ ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ވަނީ ކޮމިޓީގެ ތުހުމަތުތައް ދޮގުކޮށް، ދެ ފަނޑިޔާރުން ވަކިކުރުމުގައި އިޖުރައާތާ ހިލާފަށް އެއްވެސް ކަމެއް އެ ކޮމިޝަނުން ކޮށްފައި ނުވާ ކަމަށެވެ.
ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިންތި -- ފޮޓޯ/މިހާރު
ޖޭއެސްސީގެ ބަޔާން ލިޔެފައި އޮތީ ކޮމިޓީގެ ނިންމުން މީޑިއާ އިން ގެނެސްދިނުމުން މީޑިއާ ރިޕޯޓްތަކާ ހަވާލާދީ އެވެ. އެހެންވުމުން އެ ބަޔާން ނެރުނީ ކޮމިޓީގެ އެ ނިންމުން ރަސްމީކޮށް އެ ކޮމިޝަނާ ހަމައަށް ވެސް ނުދަނީހެވެ. ކޮމިޓީގެ އެ ނިންމުން ފާސްވާނީ ވެސް މަޖިލީހުގެ ތަޅުމުންނެވެ.
ޖޭއެސްސީގެ ބަޔާނުގައިވާ ގޮތުން، ތަހުގީގު ކޮށްފައި ވަނީ ތުހުމަތުކުރި ސުލޫކީ މައްސަލަ ނޫން ކަމަށް ކޮމިޓީން ބުންޏަސް، މައްސަލައިގެ ބޭރުން އެއްވެސް ކަމެއް ތަހުގީގު ކޮށްފައެއް ނުވެ އެވެ. އަދި ތަހުގީގު ކޮމިޓީން ނެރުނު ފުރަތަމަ ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެ ފަނޑިޔާރުންނަށް ދިން ކަމަށާއި ފައިނަލް ރިޕޯޓަށް ޖަވާބުދިނުމުގެ ފުރުސަތު ނުދިނީ އެ ގޮތަށް ގާނޫނުގައި ބުނެފައި ނެތުމުން ކަމަށް ޖޭއެސްސީން ބުނެ އެވެ. މީގެ ކުރިން ވަކިކުރި ފަނޑިޔާރުންނާ މެދު ވެސް އަމަލުކުރީ އެ އުސޫލުން ކަމަށް އެ ކޮމިޝަންގެ ބަޔާނުގައި ވެ އެވެ.
"މިގޮތުގެ މަތިން ހިންގަވާފައިވާ ތަހުގީގުތަކަކީ އިޖްރައާތުތަކާ އެއްގޮތަށް ހިންގަވާފައިވާ ތަހުގީގުތަކެއް ކަމަށް ޖުޑިޝަރީ ކޮމެޓީން ނިންމަވައި، ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކުރައްވާފަ އެވެ،" ކުރީގެ މައްސަލަތަކާ ހަވާލާދީ ޖޭއެއްސީން ބުންޏެވެ.
ތަހުގީގު ކޮމިޓީ ބަދަލުކުރި ކަމަށް ޖުޑިޝަރީ ކޮމިޓީން ބުނާ ވާހަކަ ދޮގުކޮށް، ޖޭއެސްސީގެ ބަޔާނުގައިވަނީ ކުރިން ހުންނެވި މެެމްބަރަކު އިސްތިއުފާ ދެއްވުމުން އާ މެމްބަރަކު އައްޔަން ކުރުން ނޫން އިތުރު ބަދަލެއް ކޮމިޓީ އަށް ގެނެސްފައި ނުވާނެ ކަމަށެވެ. އެހެންވެ، އެ ދެ ފަނޑިޔާރުން ވަކިކުރުމުގައި އިޖުރައާތާ ހިލާފް އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޖޭއެސްސީން ބުނެ އެވެ.
އެ ކޮމިޝަންގައި ހިސާންގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެމްބަރު މަސްތޫރު ހުސްނީ އާއި ވަކީލުންގެ މެމްބަރަކާއި އާންމު މެމްބަރެއް އަދި ތިން މަރުހަލާގެ ކޯޓުތަކުން ތިން ފަނޑިޔާރުން ތިއްބަވަ އެވެ.
ފަނޑިޔާރުންނަށް ސެކިއުރިޓީ ކަށަވަރު ކޮށެއް ނުދެވޭ!
މުރުތައްދު ވެއްޖެ ނަމަ ކާފަރެކޭ ބުނުން މަނައެއް ނުވާނެ
ކޮމިޓީގައި، ޖޭއެސްސީގެ ކަންކަމުން ހިސާން އެކަހެރިކޮށްފި
މަސްލަހަތު ފުށުއަރާ ކޮމިޓީއެއްގައި ހިސާން!
ޖޭއެސްސީގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުކުރަނީ
އަލީ އާދަމް ވަކިކުރަން ނިންމީ ރަނގަޅަށް: ކޮމެޓީ
އަލީ އާދަމް ކޮމިޓީއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެނީ
ފުޅަދޫގެ އިސް މެޖިސްޓްރޭޓްގެ މައްސަލަ ކޮމިޓީއަށް
ހިސާންގެ ތާއީދާ ނުލައި ޖޭއެސްސީގެ ގާނޫނު ފާސްކޮށްފި
ފަނޑިޔާރު ހަމީދު ވަކިކުރަން ފާސްކޮށްފި