Roadha Mihaaru
އެޗްޕީއޭގެ މަދިރި ހޯހޯ ކެމްޕެއިން އިފްތިތާހުކޮށްފި

އެޗްޕީއޭގެ މަދިރި ހޯހޯ ކެމްޕެއިން އިފްތިތާހުކޮށްފި

21 މެއި 2022

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ކޮންމެ އަހަރު ކުރިއަށް ގެންދާ، "މަދިރި ހޯހޯ" ކެމްޕެއިން އިފްތިތާހުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ކޮންމެ އަހަރު ކުރިއަށް ގެންދާ، "މަދިރި ހޯހޯ" ކެމްޕެއިން އިފްތިތާހުކޮށްފި އެވެ.

ހުޅުމާލޭ ރުއްގަނޑު އެކެއްގައި މިއަހަރުގެ އެ ޕްރޮގްރާމު އިފްތިތާހުކޮށްދެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

އެ ހަރަކާތް އިފްތިތާހުކޮށްދެއްވައި، މުއިއްޒު ވިދާޅުވީ މާލޭގައި މަދިރި އާލާވާ ތަންތަނާއި ކުނި ގިނަވެ ނުތާހިރުކޮށް އޮންނަ ތަންތަން އިތުރުވަމުންދާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކާއި ސްކޫލްތަކުން ހާއްސަ ދުވަހެއްގައި ނުކުމެ ސާފުކޮށްލުމުން އެކަނި އެ މައްސަލަ ހައްލު ނުކުރެވޭނެކަމަށާއި މިއީ ފަރުދީ ޒިންމާ އަދާކޮށް، އެންމެން އެކުގައި ނޫނީ ހައްލު ނުކުރެވޭނެ މައްސަލައެއް ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެންމެން ވެސް މަސައްކަތްކުރަންވީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް އޮތް ކަމަށް ދެކިގެން ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމަށެވެ. އަދި ބަލިތަކުން ރައްކާތެރި ވެފައިވާ ސާފުތާހިރު ތަނަކަށް މާލޭ ހެދުމަށް އެންމެން މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވި އެވެ.

މުއިއްޒު ވިދާޅުވީ މިއަދު އިފްތިތާހުކުރި މަދިރި ހޯހޯ ކެމްޕެއިނުގެ ނަތީޖާ ވެސް ހާސިލުކުރެވޭނީ ފަރުދީ ޒިންމާ ނެގުމާ އެކު ސާފުތާހިރުކަމަށް އިސްކަންދީގެން ކަމަށެވެ.

މި ދުވަސްވަރު މާލެއެކޭ އެއްގޮތަށް ރަށްރަށުގައި ވެސް މަދިރީގެ އުނދަގޫ ބޮޑުވެފައިވާއިރު މިދިޔަ މަހު ޑެންގޫ ހުން ޖެހުނު މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެޗްޕީއޭ އިން އިލްތިމާސްކުރަނީ މަދިރިން ރައްކާތެރިވުމުގެ ގޮތުން، ހަށިގަނޑު ރަނގަޅަށް ނިވައިވާނެ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި ރެޕެލެންޓް ބޭނުންކުރުމަށެވެ.