Roadha Mihaaru
ގަރާރާ އެއްކޮޅަށް ވޯޓު ދިން ގައުމުތައް ސަސްޕެންޑްކޮށްފި

ގަރާރާ އެއްކޮޅަށް ވޯޓު ދިން 12 ގައުމެއް އިޒްރޭލުން ސަސްޕެންޑްކޮށްފި

27 ޑިސެމްބަރ 2016

ތެލް އަވީވް (ޑިސެމްބަރު 27) - ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އިމާރާތް ކުރުން ހުއްޓާލުމަށް ގޮވާލާ ސަލާމަތީ މަޖިލީހުގައި ހުކުރު ދުވަހު ނެގި ވޯޓަށް ތާއީދުކުރި 12 ގައުމަކާ އެކު އޮންނަ ގުޅުންތައް ސަސްޕެންޑް ކުރުމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަންގަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެލް އަވީވް (ޑިސެމްބަރު 27) - ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އިމާރާތް ކުރުން ހުއްޓާލުމަށް ގޮވާލާ ސަލާމަތީ މަޖިލީހުގައި ހުކުރު ދުވަހު ނެގި ވޯޓަށް ތާއީދުކުރި 12 ގައުމަކާ އެކު އޮންނަ ގުޅުންތައް ސަސްޕެންޑް ކުރުމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަންގަވައިފި އެވެ.

ސަލަމާތީ މަޖިލީހުގައި ފާސްކުރި ގަރާރަށް 14 ގައުމަކުން ތާއީދުކޮށްފައިވެ އެވެ. ގަރާރު ފާސްވީ އެމެރިކާ އިން ވީޓޯ ނުކުރުމުގެ ސަބަބުންނެވެ. އިޒްރޭލުން ގުޅުންތައް ސަސްޕެންޑް ކުރީ އެ ގައުމާ އެކު ސިޔާސީ ގުޅުން އޮންނަ ގައުމުތަކެވެ. އެއީ އިނގިރޭސި ވިލާތް، ފްރާންސް، ރަޝިޔާ، ޗައިނާ، ޖަޕާން، ޔޫކްރޭން، އެންގޯލާ، މިސްރު، އުރުގުއާއީ، ސްޕޭން، ސެނަގޯލް އަދި ނިއު ޒީލެންޑެވެ. ގުޅުންތައް ސަސްޕެންޑް ކުރުމުން މި ގައުމުތަކުގެ ހާރިޖީ ވަޒީރުންނާ ނަތަންޔާހޫ ބައްދަލެއް ނުކުރައްވާނެ އެވެ. އަދި އެ ގައުމުތަކަށް އިޒްރޭލުގެ ވަޒީރުން ދަތުރު ކުރުން ވެސް ވަނީ މަދުކޮށްފަ އެވެ.

އިޒްރޭލް ސަރުކާރުން މި ފިޔަވަޅު އެޅުމުގެ ކުރިން ގަރާރާ އެއްކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭން އިޒްރޭލުގައި ތިބޭ ސަފީރުން ވަނީ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށް ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. އެކަން ވެސް ކުރީ ނަތަންޔާހޫގެ އަމުރަށެވެ.

ގަރާރު ފާސްކުރުމުން ނަތަންޔާހޫ އެންމެ ބޮޑަށް ރުޅިވެރިކަން ބާލާފައި ވަނީ އެމެރިކާ އަށެވެ. އެކަމަކު އެމެރިކާއާ އެކު އޮތް ގުޅުން ސަސްޕެންޑް ކޮށްފައެއް ނުވެ އެވެ. ނަތަންޔާހޫ ވިދާޅުވެފައި ވަނީ ޖެނުއަރީ 20 ގައި ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވުމުން ހުރިހާ ކަމެއް ބަދަލުވާނެ ކަމަށެވެ.