Roadha Mihaaru
އީރާން ސިފައިންގެ ކާނަލެއް މަރާލައިފި

އީރާން ސިފައިންގެ ކާނަލެއް މަރާލައިފި

23 މެއި 2022

އީރާންގެ އަސްކަރިއްޔާގައި ހިމެނޭ އެންމެ ހުޝިޔާރު ލަޝްކަރު ކަމަށްވާ އިންގިލާބީ ލަޝްކަރުގެ އިސް ކާނަލެއް، އެ ގައުމުގެ ވެރިރަށް ތެހެރާންގައި އިއްޔެ މަރާލައިފި އެވެ.

އީރާންގެ އަސްކަރިއްޔާގައި ހިމެނޭ އެންމެ ހުޝިޔާރު ލަޝްކަރު ކަމަށްވާ އިންގިލާބީ ލަޝްކަރުގެ އިސް ކާނަލެއް، އެ ގައުމުގެ ވެރިރަށް ތެހެރާންގައި އިއްޔެ މަރާލައިފި އެވެ.

އީރާންގެ ނޫސްތައް ބުނާ ގޮތުގައި ކާނަލް ހަސަން ސައްޔިދު ޚުދަޔާރީ، އިއްޔެގެ މަސައްކަތްތައް ނިންމައިލުމަށް ފަހު އޭނާގެ ކާރުގައި އައިސް ގޭ ކުރިމައްޗަށް ހުއްޓައި ކާރުން ނުފައިބައި އުޅެނިކޮށް، ސައިކަލެއްގައި އައި ދެ މީހަކު އޭނާގެ ގަޔަށް ބަޑި ޖަހައި މަރައިލީ އެވެ. އޭނާގެ ހަށިގަނޑަށް ފަސް އުންޑަ އަރާފައިވާ ކަމަށްވެ އެވެ.

އީރާންގެ ހަނގުރާމަވެރި އެއްވެސް ޖަމާއަތަކުން މިހާތަނަށް އެ ހަމަލާގެ ޒިންމާއެއް ނުއުފުލަ އެވެ. އީރާން ސަރުކާރުން ބުނި ގޮތުގައި ހަމަލާ ދިނުމުގައި ބައިވެރިވި މީހުންނާއި އެ ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ. --ފޮޓޯ:އޭއެފްޕީ

އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ. --ފޮޓޯ:އޭއެފްޕީ

މިއީ އީރާންގެ އިސް ސައެންސްވެރިއެއްގެ ގަޔަށް 2020 ވަނަ އަހަރު ބަޑި ޖަހައި މަރައިލި ފަހުން، އެ ގައުމުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާ އެވެ. ކާނަލް ޚުދަޔާރީ އަކީ، އިންގިލާބީ ލަޝްކަރުގެ ފަރާތުން އީރާނުން ބޭރުގައި ސިއްރު އަސްކަރީ ހަރަކާތްތައް ހިންގުމަށް ޚާއްސަ ކޮށްފައި އޮންނަ ގުދުސް ފައުޖުގެ ވަރަށް އިސް އޮފިސަރެކެވެ.

އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި ގުދުސް ފައުޖަކީ، މެދުއިރުމަތީގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވާ ގްރޫޕެކެވެ. އަދި މެދުއިރުމަތީގައި ދީފައިވާ ބައެއް ޓެރަރިސްޓް ހަމަލާތައް ދީފައިވަނީ ގުދުސް ފައުޖުގެ މެމްބަރުން ކަމަށް ވެސް އެމެރިކާ އިން ތުހުމަތުކުރެ އެވެ.

އީރާންގެ ޚާރިޖިއްޔާގެ ތަރުޖަމާނު ސައީދު ޚާތިބުޒާދާ ވިދާޅުވި ގޮތުގައި، އީރާންގެ އިންގިލާބީ ލަޝްކަރުގެ ކާނަލް މަރައިލީ، ދުނިޔޭގައި ހަމަނުޖެހުމާއި ފަސާދަ އުފައްދާ ގައުމާ ބައިވެރިވެފައިވާ ޓެރަރިސްޓު ޖަމާއަތަކުންނެވެ. އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެއީ އީރާންގެ "ފާޅުވެގެންވާ އަދުއްވުން" ކަމަށެވެ.

މީގެ ކުރިން އީރާނުން ތުހުމަތުކޮށްފައިވާ ގޮތުގައި އެ ގައުމުގެ އެފަދަ މަގާމުތަކުގައި ތިބޭ މީހުންނަށް ހަމަލާ ދެނީ އިޒްރޭލުގެ ސިއްރު ސިފައިންގެ އޭޖެންޓުންނެވެ.

އީރާންގެ އިންގިލާބީ ލަޝްކަރުގެ ކާނަލު މި މަރައިލީ، އިޒްރޭލުގެ ޖާސޫސުންގެ ވިއުގައެއް ހޯދައި، އެ ވިއުގައިގެ ޖާސޫސުން ހައްޔަރުކޮށްފައިވާ ކަމަށް އިންގިލާބީ ލަޝްކަރުން ބުނެފައިވަނިކޮށެވެ. ނަމަވެސް އެ ކަމާ ބެހޭ ގޮތުން އިޒްރޭލުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

އީރާންގެ އިންގިލާބީ ލަޝްކަރުގެ އިސް ޖެނެރަލެއް އަދި ގުދުސް ފައުޖުގެ ކޮމާންޑަރު ކަމަށްވާ ޖެނެރަލް ގާސިމް ސުލައިމާނީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިރާގަށް ވަޑައިގެންނެވި ތަނުން، އެމެރިކާގެ ޑްރޯން މަތިންދާބޯޓަކުން ދިން މިސައިލް ހަމަލާއެއްގައި ވަނީ އަވަހާރަކޮށްލައިފަ އެވެ. އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަކަށް ދިން ހަމަލާގައި ގާސިމް ސުލައިމާނީ އަވަހާރަކޮށްލީ، ބަގުދާދުގެ ވައިގެ ބަނދަރުން އަސްކަރީ ޖިޕެއްގައި ނުކުމެވަޑައިގެންނެވި ތަނުންނެވެ.

އޭގެ ފަހުން ހަމަ އެ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު، އީރާންގެ އިސް ނިއުކްލިއާ ސައެންސްވެރިޔާ މުހްސިން ފަޚްރިޒާދާ ދަތުރުކުރެއްވި ކާރަށް ދިން ބަޑީގެ ހަމަލާތަކެއްގައި އޭނާ ވަނީ އަވަހާރަކޮށްލައިފަ އެވެ. އީރާނުން ތުހުމަތުކުރާ ގޮތުގައި އެ ހަމަލާ ދީފައިވަނީ އިޒްރޭލުގެ އޭޖެންޓުންނެވެ.