Roadha Mihaaru

ބެނާ ނަގަން އަމުރު ހޯދި ސަބަބުތައް ހައި ކޯޓަށް ރަނގަޅަށް ސާފެއް ނޫން: ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނެގީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހައި ކޯޓުން އިއްޔެ ކުރި ހުކުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.

ބެނާ ނަގަން އަމުރު ހޯދި ސަބަބު ހައި ކޯޓަށް ސާފެއްނޫން
މޫސާ ރަޝީދު
މޫސާ ރަޝީދު

30 މެއި 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނެގީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހައި ކޯޓުން އިއްޔެ ކުރި ހުކުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ލީޑަރު ޔާމީންގެ ގެކޮޅު ހ. ދޫވެހީގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ މަހު ފުލުހުން ގެންދިޔައީ އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް ކުރާކަމުގެ ތުހުމަތުކޮށެވެ. އެ އަމުރު އިސްތިއުނާފު ކުރަން ހުށަހެޅުއްވީ ޔާމީންގެ ފަރާތްޕުޅުންނެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރަން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ހުކުމް ކުރުމާ ގުޅިގެން ނަޝީދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި އަމުރެއް ނެރެދިނުމަށް އެދި ފުލުހުން ހުށަހަޅާފައިވާ ސަބަބުތައް ހައި ކޯޓަށް އެންމެ ރަނގަޅަށް ސާފު ނުވާ ކަމަށެވެ.

ނަޝީދު ވަނީ އޭޕްރިލް 21، 2022 ގައި ކޯޓު އަމުރު ނެރެދިނުމަށް ފުލުހުން އެދިފައިވާ ހަ ސަބަބު މަޖިލީހުގައި އިއްވައިފަ އެވެ.

"ކްރިމިނަލް ކޯޓުގައި ފުލުހުން އަމުރަކަށް އެދިފައި ވަނީ އެންމެ ސަބަބެއްގެ މައްޗަކަށް ނޫން، އެތަކެއް ސަބަބެއްގެ މައްޗަށް،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުން ފާސް ކޮށްފައިވާ ގާނޫނު މާނަ ކުރާއިރު މަޖިލީހުގެ ނިޔަތް ރަމްޒުވެފައި ނެތް ކަން ފާހަގަ ކުރެވޭ ކަމަށާއި އެ ނިޔަތް އެންމެ ރަނގަޅަށް ރަމްޒު ނުވާނަމަ ގާނޫނުތައް އިސްލާހު ކުރުަން މަޖިލީހުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަަކަފުޅަށް ރައްދު ދެއްވަމުން، ނިޒާމީ މައްސަލައެއް ނަންގަވައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މަޖިލީހުގެ ރައީސް ހައި ކޯޓުގެ ހުކުމަށް ގޮންޖައްސަވާތީ ހިތާމަ ކުރައްވާ ކަމަށެވެ.

ޝިޔާމްގެ ވާހަކަ ކުރިޔަށް ގެންދަވަން ފުރުސަތު ނުދެއްވައި އެޖެންޑާގައި ހުރި މައްސަލަތަކާ ގުޅޭ ނިޒާމީ މައްސަލަ ނަންގަވަން ނަޝީދު އެދިވަޑައިގަތެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލް ކުރެއްވީ މައިގަނޑު ދެ ސަބަބެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ކޯޓު އަމުރު ނެރެދޭން ޖެހޭ އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ނިންމި ނިންމުމަށް ވާސިލްވި ސަބަބެއް އެނގެން ނެތުމާއި ބެނާ ނެގުމަށް ފުލުހުން ތުހުމަތުކުރި ކުށާއި ފުލުހުން އަމަލުކުރި ގޮތުގެ މައްސަލަ އެވެ.