Roadha Mihaaru
ގަމުގައި 100 ފްލެޓް އިމާރާތްކުރަން އެސްޖޭ އަށް

ގަމުގައި 100 ފްލެޓް އިމާރާތްކުރަން އެސްޖޭ އަށް

30 މެއި 2022

ލ. ގަމުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 100 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ލ. ގަމުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 100 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

އެއް އަހަރުން ނިންމާ ގޮތަށް ހަވާލުކުރި، 84 މިލިއަން ރުފިޔާގެ އެ މަޝްރޫއު ވަނީ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ ގޮތަށް ކަނޑައަޅައިފަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ގަމުގައި އިމާރާތްކުރަނީ ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކެއް ކަމަށެވެ. ކޮންމެ ކޮޓަރިއެއްގައި ފާހާނާއަކާއި ސިޓިންރޫމާއި ބަދިގެ އާއި ކާގެ އަދި ލޯންޑަރީ އާއި ސްޓޯ ރޫމް ވެސް ހުންނަ ގޮތަށް އިމާރާތްކުރާ އެ ހައުސިން ޔުނިޓްތަކުގެ ސައިޒަކީ 1،000 އަކަފޫޓެވެ.

އެ 100 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިމް ވަނީ މުއްދަތަށް މަޝްރޫއު ނިންމޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ގަމުގައި އަޅައި 100 ފްލެޓް އަޅަން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރައްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ގަމުގައި އަޅައި 100 ފްލެޓް އަޅަން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރައްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމުގެ ގޮތުން، އެ ސަރަހައްދު އަލިކޮށް، ޕާކެއް ހަދާނެ އެވެ. އަދި އުޅަނދުފަހަރު ޕާކުކުރާނެ ތަނެއް ވެސް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިސާމް (ސަމްޕަތު) ވިދާޅުވީ ގަމަކީ އެންމެ ބިން ބޮޑު އެއް ރަށް ނަމަވެސް ބޯހިޔާވަހިކަމާ ގުޅޭ މައްސަލަތަކުގައި އެ ރަށަށް ކުރަން ޖެހިފައި ވަނީ ހިތްދަތި ތަޖުރިބާތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގަމުގައި ފްލެޓް އިމާރާތްކުރަން ފެށި ނަމަވެސް އެހެން ރަށަކަށް އެ މަޝްރޫއު ބަދަލުކުރުމުން ގަމުގެ މީހުންނަށް މިހާތަނަށް ހައްލެއް ހޯދައި ނުދެވުނު ކަމަށެވެ. އެކަމަކު، ގަމުގައި މިހާރު އިމާރާތްކުރާ ފްލެޓްތަކާ އެކު ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ވީހާ ވެސް އަވަހަކަށް މަސައްކަތް ނިމި މީގެ ފައިދާ ރައްޔިތުންނަށް ވާނެ ކަމަށް އުއްމީދުކުރަނީ،" ވިސާމް ވިދާޅުވި އެވެ.