Roadha Mihaaru
"ގޯތި ފޯމުތަކުގެ އިވެލުއޭޝަން ޖޫން ކުރީކޮޅު ނިމޭނެ"

ގޯތި ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ޖޫން ކުރީކޮޅު ނިންމާލެވޭނެ: އަސްލަމް

04 އެޕްރީލް 2023

މާލެ ސަރަހައްދުން ދޫކުރާ ގޯއްޗަށް އެދި ކުރިމަތިލާފައިވާ މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް އަންނަ ޖޫން މަހުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލެ ސަރަހައްދުން ދޫކުރާ ގޯއްޗަށް އެދި ކުރިމަތިލާފައިވާ މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް އަންނަ ޖޫން މަހުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ މީހުންނަށް ދޫކުރާ ގޯއްޗާ ބެހޭ ގޮތުން ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކޮމިޓީއަކުން ކުރަމުން އަންނަ ކަމަށެވެ.

އެ ސަބްމިޝަންތަކުން ނުކުތް ނަތީޖާއެއް އެނގޭނީ އެ މަސައްކަތް ނިމުމުން ކަމަށާއި އެއީ މޭ މަހުގެ ނިޔަލަށް ނުވަތަ ޖޫންގެ ކުރީކޮޅަށް ކަމަށް އެ ކޮމިޓީއާ ހަވާލާދީ، އަސްލަމް ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ މާލެ ސަރަހައްދުގައި މި ސަރުކާރުން އިމާރާތްކުރާ 4،000 ސޯޝަލް ހައުސިން ޔުނިޓާ ބެހޭ ގޮތުން ވެސް މިއަދުގެ ޖަލްސާގައި ސުވާލު ކުރައްވައިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރަށް ތާއީދު ކުރައްވާ އިންތި ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި ސަރުކާރުން "ޑަމީ ބެޑްރޫމެއް" ދެއްކި ކަމަށެވެ. ނަމަވެސް ހަގީގަތުގައި އަދި ކިތައް ޝީޓު އަޅަން ޖެހޭތޯ އިންތި ސުވާލު ކުރެއްވި އެވެ.

އަސްލަމް ވިދާޅުވިގޮތުގައި، އިންޑިއާގެ ދެ ކުންފުންޏަކުން ކުރިއަށް ގެންދާ އެ މަޝްރޫއު ސީދާ އޮތް ހިސާބެއް އެނގިވަޑައެއް ނުގަންނަވަ އެވެ. އެކަމަކު، ބައެއް ފްލެޓުތަކުގެ ކޮންކްރީޓް މަސައްކަތް ނިމި ފިނިޝިންގެ ކަންކަން މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޔަގީން ކަމާއެކީ ދަންނަވަން ކެރޭ ރަނގަޅު މިންވަރެއްގެ ޕްރޮގްރެސް އެބަހުރި،" އަސްލަމް ވިދާޅުވި އެވެ.

މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ 3،000 ގޯއްޗަށް 15،000 އަށް ވުރެ ގިނަ މީހުން ވަނީ ކުރިމަތިލައިފަ އެވެ. އެ ހުށަހެޅުންތައް އިވެލުއޭޓް ކުރަމުން އަންނަ އިރު މި ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފްލެޓުތައް ހަވާލު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.