Roadha Mihaaru
އިޓަލީ އަތުން ބަލިނުވެ ޖަރުމަން ސަލާމަތްވެއްޖެ

އިޓަލީ އަތުން ބަލިނުވެ ޖަރުމަން ސަލާމަތްވެއްޖެ

05 ޖޫން 2022

ބޮލޯނިއާ (ޖޫން 5) - ޔޫއެފާ ނޭޝަންސް ލީގުގައި މި ސީޒަނުގައި ޖަރުމަން ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އިޓަލީއާ ވާދަކޮށް ފަހަތުން އަރައި 1-1 އިން އެއްވަރުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބޮލޯނިއާ (ޖޫން 5) - ޔޫއެފާ ނޭޝަންސް ލީގުގައި މި ސީޒަނުގައި ޖަރުމަން ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އިޓަލީއާ ވާދަކޮށް ފަހަތުން އަރައި 1-1 އިން އެއްވަރުކޮށްފި އެވެ.

އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ރޭގެ މެޗަށް ނެރުނީ ގައުމީ ޓީމުގައި ނިސްބަތުން ތަޖުރިބާ މަދު ޒުވާން ޓީމެކެވެ. ނަމަވެސް ކޯޗު ހަންސް ފްލިކްގެ އިރުޝާދުގެ ދަށުން ނުކުތް ޖަރުމަން ޓީމުގެ ޑިފެންޑަރުން ފިޔަވައި ދެން ތިބީ އާއްމުކޮށް ގައުމީ ޓީމުގައި ހިމެނޭ ސީނިއާ ކުޅުންތެރިންނެވެ.

އިޓަލީން ލީޑު ނެގީ 70 ވަނަ މިނިޓުގައި އޭއެސް ރޯމާގެ ކެޕްޓަން ލޮރެންޒޯ ޕެލެގްރިނީ ޖެހި ލަނޑުންނެވެ. މި ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އުމުރުން 18 އަހަރުގެ ފޯވާޑް ވިލްފްރެޑް ގްނޮންޓޯ އެވެ. މިއީ ސްވިޒަލެންޑުގެ ޒިއުރިކަށް ކުޅޭ ފޯވާޑް ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

ޕެލެގްރިނީ (ވ) އިޓަލީ އަށް ލީޑު ނަގައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޕެލެގްރިނީ (ވ) އިޓަލީ އަށް ލީޑު ނަގައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޖަރުމަނުން އެއްވަރު ކުރީ އިޓަލީން ލީޑު ނެގިތާ ތިން މިނިޓު ފަހުން ޔޯޝުއާ ކިމިކް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިދިޔަ އަހަރުގެ ޔޫރޯ މުބާރާތަށް ފަހު ޖަރުމަން ކޯޗުކަމާ ހަވާލުވި ފްލިކްއާ އެކު އެޓީމު ކުޅުނު 10 މެޗުން ވެސް ބަލިވެފައެއް ނުވެ އެވެ. ކުރިން ހުރި ކޯޗު ޔޯކިމް ލޯއާ އެކު ޔޫރޯ މުބާރާތުން ޖަރުމަން ކެޓީ ގަދަ 16 ގައި އިންގްލެންޑް އަތުން ބަލި ވެގެންނެވެ.

އިޓަލީ އާއި ޖަރުމަނާ އެކު ދެން ނޭޝަންސް ލީގު އޭގެ ތިންވަނަ ގުރޫޕުގައި ހިމެނެނީ އިންގްލެންޑާއި ހަންގޭރީ އެވެ. ހަންގޭރީ ވަނީ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި 1-0 އިން އިންގްލެންޑް ބަލިކޮށްފަ އެވެ. ޖަރުމަން ދެން ނުކުންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ ބަޔާން މިއުނިކުގެ ދަނޑުގައި އިންގްލެންޑާ ދެކޮޅަށެވެ. އަދި އިޓަލީ އަމިއްލަ ގައުމުގައި ނުކުންނާނީ ހަންގޭރީއާ ދެކޮޅަށެވެ.

އިޓަލީން ވަނީ މިދިޔަ އަހަރުގެ ޔޫރޯ ފައިނަލުގައި އިނގިރޭސީން އަމިއްލަ ފަސްގަނޑުގައި، ބަލިކޮށް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެކަމަކު އޭގެ ފަހުން މިދިޔަ އަހަރު ކުޅުނު ނޭޝަންސް ލީގު ސެމީ ފައިނަލުން ބަލިވި އެވެ. އަދި ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ފޯމަކަށް ނޭޅި އެޓީމަށް ވަނީ މި އަހަރުގެ ވޯލްޑް ކަޕުން ވެސް ޖާގަ ގެއްލިފަ އެވެ.

މިދިޔަ ހަފްތާގައި ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ ގަދަ ހިފުމުން ވެސް ބަލިވި އިޓަލީ އެންމެ ފަހުން ވާދަވެރި މެޗަކުން މޮޅުވީ މިދިޔަ އަހަރުގެ ނޭޝަންސް ލީގު ތިންވަނަ ހޮވި މެޗުގައި ބެލްޖިއަމް އަތުންނެވެ. އޭގެ ފަހުން މޮޅުވީ މި އަހަރުގެ މާޗު މަހު ތުރުކީއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުންނެވެ.

މިދިޔަ ސީޒަނުގެ ނޭޝަންސް ލީގުގެ ބީ ގުރޫޕް ފުލަށް ގޮސްގެން ލީގު ސީ އަށް ރެލިގޭޓްވި ތުރުކީ ވަނީ ރޭ، ލީގުގައި އެޓީމު ކުޅުނު ފުރަތަމަ މެޗު ފެރޯ އައިލެންޑްސްއާ ވާދަކޮށް 4-0 އިން ކާމިޔާބު ކޮށްފަ އެވެ. އެޓީމުގެ ލަނޑުތައް ޖަހައިދިނީ ލެސްޓާ ސިޓީ އަށް ކުޅުނު ޒުވާން ފޯވާޑް ސެންގިޒް ޔުންޑާ އާއި ބްރެންޓްފޯޑުގެ ހަލީލް ޑާވިސޯގްލޫ އަދި ޔުވެންޓަސްގެ ޑިފެންޑަރު މެރީ ޑެމިރާލް އާއި ފެނަބާޗޭ ފޯވާޑް ސަރުދާރު ޑުރްސަން އެވެ.