Roadha Mihaaru
އިޓަލީ އާއި ޖަރުމަނު މޮޅުވިއިރު، ސްޕެއިން އެއްވަރު

އިޓަލީ އާއި ޖަރުމަނު މޮޅުވިއިރު، ސްޕެއިން އެއްވަރު

26 މާޗް 2021

ގްރަނާޑާ (މާޗް 26) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އިޓަލީ އާއި ޖާމަނީ ކުޅުނު މެޗުތަކުން މޮޅުވިިއިރު، ސްޕެއިން އަމިއްލަ ދަނޑުގައި ގްރީސްއާ 1-1 އިން އެއްވަރުވެއްޖެ އެވެ.

ގްރަނާޑާ (މާޗް 26) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އިޓަލީ އާއި ޖާމަނީ ކުޅުނު މެޗުތަކުން މޮޅުވިިއިރު، ސްޕެއިން އަމިއްލަ ދަނޑުގައި ގްރީސްއާ 1-1 އިން އެއްވަރުވެއްޖެ އެވެ.

އައިސްލެންޑް އަތުން އަމިއްލަ ދަނޑުގައި ޖަރުމަނު މޮޅުވީ 3-0 އިންނެވެ. ނޮތަން އަޔަލެންޑާ ވާދަކޮށް އިޓަލީ ވަނީ 2-0 އިން ކުރިހޯދައިފަ އެވެ. އަދި ސެން މެރީނޯ އަތުން އިންގްލެންޑް ވަނީ 5-0 އިން މޮޅުވެފަ އެވެ.

ސްޕެއިން ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ 33 ވަނަ މިނިޓްގައި އަލްވާރޯ މޮރާޓާ އެވެ. މިއީ ކޯކޭ ތަނަވަސްކޮށްދިން ފުރުސަތަކުން މޮރާޓާ ޖެހި ގޯލެކެވެ. އޭގެ ކުރިން ސްޕެއިނުގެ ޒުވާން މިޑްފީލްޑަރު ޑެނީ އޮލްމޯ ވަނީ ލަނޑެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 11 މިނިޓް ތެރޭ ގްރީސް އިން ވަނީ އެއްވަރުކޮށްފަ އެވެ. ލިބުނު ޕެނަލްޓީ އަކުން މި ގޯލު ޖެހީ އަނަސްތަސިއޯސް ބަކަސެޓާސް އެވެ. އަލުން ލީޑުނަގަން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަަމަވެސް ލަނޑު ޖަހަން ސްޕެއިނުން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މޮރާޓާ އަށެވެ.

ސްޕެއިން ގްރޫޕްގައި އޮތް ސްވިޑަން ވަނީ ރޭ ކުޅުނު މެޗުން މޮޅުވެފަ އެވެ. ޒަލަޓާން އިބްރަހިމޮވިޗް ފަސް އަހަރު ފަހުން އެނބުރި ގައުމީ ޓީމަށް އައިސް ކުޅުނު ފުރަތަމަ މެޗުގައި ސްވިޑަން އިން ވަނީ 1-0 އިން ޖޯޖިއާ ބަލިކޮށްފަ އެވެ.

ޖަރުމަނުގެ ކައި ހަވާޓްޒް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ޖަރުމަނުގެ ކައި ހަވާޓްޒް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

އައިސްލެންޑް ކޮޅަށް ޖަރުމަނުގެ ގޯލުތައް ޖެހީ ލެއޯން ގޮރެޓްޒްކާ އާއި އިލްކާއި ގުންޑޮގާން އަދި ކައި ހަވާޓްޒް އެވެ. ނޮތަން އަޔަލެންޑް ކޮޅަށް އިޓަލީން ދެ ގޯލު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ. އެ ޓީމުގެ ގޯލުތައް ޖެހީ ޑޮމިނީކޯ ބެރާޑީ އާއި ޗީރޯ އިމޯބިލޭ އެވެ.

އިންގްލެންޑުން ރޭ ސެން މެރީނޯ ކައިރީގައި މޮޅު ކުޅުމެއް ދެއްކިިއިރު، އެ ޓީމުން ޖެހި ފަސް ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އެވަޓަން އަށް މި ފަހަރު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިން އެވެ. އަނެއް ގޯލުތައް ޖެހީ ރަހީމް ސްްޓާލިން އާއި ޖޭމްސް ވޯޑް-ޕްރައުސް އަދި މުޅިން އަލަށް ގައުމީ ޓީމު މެޗެއްގައި ކުޅުނު އެސްޓަން ވިލާގެ ފޯވާޑް އޮލީ ވަޓްކިންސް އެވެ.

ރޭ އިންގްލެންޑް ގްރޫޕްގައި ހިމެނޭ ހަންގޭރީ އާއި ޕޮލެންޑް ބައްދަލުކުރި މެޗު ނިމުނީ ފޯރިގަދަ ކުޅުމަކަށް ފަހު 3-3 އިން އެއްވަރުވެގެންނެވެ. ޕޮލެންޑަށް ފަހު ވަގުތު އެއްވަރުކޮށްދިން ލަނޑު ޖެހީ ރޮބަޓް ލެވަންޑޯސްކީ އެވެ.