Roadha Mihaaru
ރަށްރަށުގައި ކެންސަރު ފަރުވާ ހަރުދަނާކުރަން އެހީތެރިވަނީ

ރީޖަނަލް ހޮސްޕިޓަލްތަކުގައި ކެންސަރުގެ ފަރުވާ ހަރުދަނާކުރުމަށް އައިޖީއެމްއެޗުން އެހީތެރިވަނީ

06 ޖޫން 2022

ރީޖަނަލް ހޮސްޕިޓަލްތަކުގައި ކެންސަރުގެ ފަރުވާ ހަރުދަނާކުރުމަށް އައިޖީއެމްއެޗުން އެހީތެރިކަން ދޭން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރީޖަނަލް ހޮސްޕިޓަލްތަކުގައި ކެންސަރުގެ ފަރުވާ ހަރުދަނާކުރުމަށް އައިޖީއެމްއެޗުން އެހީތެރިކަން ދޭން ފަށައިފި އެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ކީމޯ ފަރުވާ ދެވޭނެ ގޮތް ބެލުމަށް އައުޓްރީޗް ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. އެ ޒިޔާރަތްތަކުގައި ކީމޯގެ ފަރުވާ ދެވޭނެ ގޮތްތަކާއި ކެންސަ ސްކްރީނިން އަދި ފޮލޯއަޕްތައް ހަދާނެ އެވެ.

ކެންސަރު ބަލީގެ އޮޕަރޭޝަން ޑޮކްޓަރު، ޑރ. މުހައްމަދު ޝިފާން ވަނީ މިދިޔަ މަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެ ތަނުގައި ކީމޯގެ ފަރުވާތައް ދެވޭނެ ގޮތްތައް ބައްލަވައިފަ އެވެ. އަންނަ ހަފުތާ ބަންދުގައި ޑރ. މުހައްމަދު އަމްރު ލ. ގަމަށް ވަޑައިގަންނަވާނެ އެވެ.

ކެންސަރުގެ ފަރުވާއާ ގުޅޭ އައުޓްރީޗް ޕްރޮގްރާމެއް ފެށިއިރު، ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުންތައް ދަނީ ފާޅުކުރަމުންނެވެ. އެހެންވެ، ސަރުކާރުން ވަނީ އެ ބަލި އިތުރުވާ ސަބަބު ދެނެގަތުމަށް ދިރާސާއެއް ހަދަން ފަށައިފަ އެވެ.

މާލެ ސަރަހައްދުގެ ހަތަރު ހޮސްޕިޓަލްގެ އިތުރުން ރީޖަނަލް ބައެއް ހޮސްޕިޓަލްތަކާއި ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި މިހާރު ވެސް، ކެންސަރުގެ ސެލްތައް މަރާލުމަށް ދޭ ކީމޯތެރަޕީގެ ފަރުވާ ދެ އެވެ.

ކީމޯތެރަޕީގެ ފަރުވާ ދެވޭނެ އެކި ގޮތްތައް ހުރެ އެވެ. އޭގެ ތެރޭގައި އިންޖެކްޝަނާއި ގުޅަ ބޭސް ހިމެނެ އެވެ.

ކެންސަރުގެ އެކި ބަލިތަކުގައި 2020 ވަނަ އަހަރު އެކަނި ވެސް 100 އަށްވުރެ ގިނަ މީހުން މަރުވި އެވެ.

ކެންސަރަށް ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ، ސަރުކާރުން ވަނީ އެ ބައްޔަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ނިންމައިފަ އެވެ. ލ. ގަމުގައި އަޅާ ހޮސްޕިޓަލް ބޭނުންކުރަން ފެށުމުން، ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. ނަމަވެސް އެ ހޮސްޕިޓަލްގެ މަސައްކަތްތައް ފެށޭނެ ދުވަހެއް އަދި ނޭނގެ އެވެ.