Roadha Mihaaru
ކެންސަރު ދެނެގަތުމުގެ މެޝިން ގެންނަން ހަވާލުކޮށްފި

ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން މެޝިން އައިޖީއެމްއެޗަށް ގެންނަން އެސްޓީއޯއާ ހަވާލުކޮށްފި

11 ޖުލައި 2023

ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން މެޝިން ގެންނަން އެސްޓީއޯއާ އިއްޔެ ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން މެޝިން ގެންނަން އެސްޓީއޯއާ އިއްޔެ ހަވާލުކޮށްފި އެވެ.

ދެ މަސް ދުވަހުގެ ތެރޭގައި ޕެޓް ސްކޭން މެޝިން ގެނެސް، ސަރުކާރުގެ މައި ހޮސްޕިޓަލްގައި ހަރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރާއި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް އަދި އެސްޓީއޯ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ނިއުޝާދެވެ.

އެސްޓީއޯ އާއި ހެލްތު މިނިސްޓްރީ ދެމެދު ހަދާފައިވާ އެގްރިމެންޓުގެ ދަށުން، ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކާއި ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ގެންނާނީ އެ ކުންފުނިންނެވެ.

އެ މެޝިން ގެންނަން ވެސް އެސްޓީއޯއާ ހަވާލުކުރީ އޭގެ ދަށުންނެވެ.

ހަށިގަނޑުގައި ކެންސަރު ހުރިތޯ އަދި އެ ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ހަދަން ޖެހޭނީ ޕެޓް ސްކޭނެވެ. ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް އެ ހިދުމަތެއް އަދި ރާއްޖެއިން ލިބޭކަށް ނެތެވެ.

ހެލްތު މިނިސްޓްރީން ބުނީ ޕެޓް ސްކޭން ހެދުމަށް އާސަންދައިން ކޮންމެ އަހަރަކު ވެސް 1،000 އެއްހާ މީހުން ބޭރަށް ފޮނުވަ އެވެ. އެހެންވެ، އެ ހިދުމަތް ރާއްޖޭގައި ފެށުމަކީ ގިނަ ބަޔަކަށް ލުއެއް ލިބޭނެ ކަމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޕެޓް ސްކޭންގެ މައިގަނޑު އެއް ބޭނުމަކީ ކެންސަރު ސްކްރީނިން އަށް ވިޔަސް، ހިތާއި ސިކުނޑީގެ ބައެއް ބަލިތައް ދެނެގަތުމަށް ވެސް އެ ސްކޭން ހަދަ އެވެ.