07 ޖޫން 2022
ރާއްޖޭގެ ވިޔަފާރިވެރިޔަކު ބުނި ގޮތުގައި، އިންޑޮނޭޝިޔާ އިން މީގެ ކުރިން 1800 ޑޮލަރަށް އަށް ލިބެމުން އަންނަ ކޮންޓެއިނަރެއްގެ އަގު މިހާރު ހުރީ 3700 ޑޮލަރުގަ އެވެ.
ރާއްޖޭގެ ވިޔަފާރިވެރިޔަކު ބުނި ގޮތުގައި، އިންޑޮނޭޝިޔާ އިން މީގެ ކުރިން 1800 ޑޮލަރަށް އަށް ލިބެމުން އަންނަ ކޮންޓެއިނަރެއްގެ އަގު މިހާރު ހުރީ 3700 ޑޮލަރުގަ އެވެ.
"ދެ ގުނަ އަގު އެ ބޮޑުވީ ހަމައެކަނި ފްރައިޓް. އަނެއްކޮޅުން މުދަލުގެ އަގު ވެސް ބެންކޮކްގައި ވެސް، ޗައިނާގައި ވެސް އެހެން ގައުމުތަކުގައި ވެސް ވަރަށް ބޮޑުތަން ބޮޑުވެއްޖެ،" އޭނާ ބުންޏެވެ.
"ޗައިނާ އިން މިދިޔަ ފެބްރުއަރީ މަހު ހެދި ކޮންޓެއިނަރު އެ އައީ އިހަކަށް ދުވަހު. އޯޑަރު ދިންތާ ފަސް ހަ މަސް ދުވަސް މިހާރު އެބަ ނަގާ މުދާ މިކޮޅަށް އަންނަން."
މުޅި ދުނިޔޭގެ ބާޒާރުގެ ފްރައިޓް ރޭޓުތަކަށާއި މުދަލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. ކޮވިޑާ އެކު، އޭރު އެއް ގައުމުން އަނެއް ގައުމަށް މުދާ އުފުލުމަށް އޮތް ސަޕްލައި ޗެއިންގެ ހުރަސްތައް މުޅިން ފިލައިގެން ނުދަނިކޮށް ރަޝިޔާ/ ޔޫކްރެއިން ހަނގުރާމަ އާ އެކު އެ އުނދަގޫ އަނެއްކާ ވެސް އިންތިހާ އަށް މައްޗަށް ދިޔަ އެވެ. ރަޝިޔާ އާއި ޔޫކްރެއިނަކީ ތެލާއި ގޭހާއި ގޮދަން ފުށާއި އަދި އެހެނިހެން ވަސީލަތްތަކުގެ ބޮޑު އެކްސްޕޯޓަރަކަށް ވާތީ، އެއީ މުދަލުގެ އަގު "ޓަސްލާފައި" މައްޗަށް ދާން ދިމާވި މައިގަނޑު އަނެއް ސަބަބެވެ.
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިގެން ދަނީ ފިތްކަޑައިގެންދާހާ ބާރު ސްޕީޑެއްގަ އެވެ. ރާއްޖެ އަކީ، ދިރިއުޅުމަށް ބޭނުންވާ ހުރިހާ މުދަލެއް ބޭރުން ގެނެސްގެން ފުއްދާ ގައުމަކަށް ވާތީ، މުދާ އަގުބޮޑުވުމުގެ އިތުރުން މުޅި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެ އެވެ. އެ އަސަރު މިހާރު ވެސް ވަނީ ކުރަން ފަށައިފަ އެވެ. ދުނިޔޭގެ މަސްރަހު މިހާރު އޮތް ގޮތަށް ދިގުދެމިގެންދާ ނަމަ، ރާއްޖޭގެ އިގްތިސާދަށާއި މުދަލުގެ އަގަށް އަދިވެސް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް ވިޔަފާރިވެރިން ވިދާޅުވެ އެވެ.
ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ ފެށިތާ ހަތަރު މަސް ވީ އެވެ. އެ ހަނގުރާމައިގެ ނިމުމެއް ފެންނާނަކަށް އަދިވެސް ނެތެވެ. ތެލުގެ ބާޒާރުގައި ހާސްކަން ފިލައިގެނެއް ނުދެ އެވެ. ހަމަ އެހެންމެ، މުޅި ދުނިޔޭގެ ސަޕްލައި ޗެއިނަށް ވެސް ހަމަޖެހުމެއް ނެތެވެ.
މިވަގުތު އަގު އުފުލިފައިވާ ބައެއް ތަކެތީގެ އަގުތައް
އިންފްލޭޝަންގެ ތަފާސްހިސާބުތަކުން އަސްލު މަންޒަރު ނުދެއްކިޔަސް، ކޮންމެ މީހަކު ވެސް ފިހާރައަކަށް ވަދެލައިފައި ބިލަށް އަރާ ޖުމްލަ ބަލާލީމަ އިންފްލޭޝަންގެ އަސަރު ފެންނާނެ އެވެ. އާންމު މުދަލުގެ އަގު މިހާރު މައްޗަށް ގޮސްފައި ހުރި ގޮތް ވަޒަން ކޮށްލެވޭނެ އެވެ.
މި ރިޕޯޓަށް ބޭނުންވާ ބައެއް މައުލޫމާތު ހޯދަން ސުޕަމާޓްތަކާއި ބައެއް ކަންމަތީ ފިހާރަތަކަށް ގޮސް ބެލިއިރު، ވަރަށް ގިނަ މުދަލުގެ އަގަށް މިހާރު ހުރީ ބަދަލު އައިސްފަ އެވެ. އެއް އަހަރު ކުރިއާ އަޅާބަލާއިރު އާއި ހަ މަސް ކުރިއާ އަޅާ ބަލާއިރު ވެސް އެ ތަފާތުތައް އެބަހުއްޓެވެ.
ވޭތުވެދިޔަ އަހަރެއްހާ ދުވަހު، އާންމު ގިނަ ބާވަތްތަކުގެ އަގު ވަނީ 1ރ. އާއި 3ރ. އާ ދެމެދުގެ އަދަދަކުން ބޮޑުވެފަ އެވެ. ބައެއް ބާވަތްތަކުން 10ރ. އާއި 50ރ. އާ ދެމެދުގެ އިތުރުވުމެއް ވެސް އުޅެ އެވެ. އޭގެ ތެރޭގައި ބޮޑަށް ހިމެނެނީ ތެލާއި މަހުގެ ބާވަތްތަކުގެ އަގެވެ. ކުުރިން 100ރ. ގަތް ތަކެތި ގަތުމަށް މިހާރު 150ރ. ހޭދަކުރަން ޖެހެ އެވެ. ހަމައެއާ އެކު، އެއް އަހަރުގެ ތެރޭގައި އާންމު ނޫން ބައެއް މުދަލުގެ އަގު ހެޔޮ ވެސް ވެފައި އެބަހުއްޓެވެ. އޭގެ މާނައަކީ، ޑިމާންޑް އޮތް ހުރިހާ މުދަލެއްގެ އަގު ބޮޑުވެފައި ހުރުމެވެ.
މި ވަގުތު ރާއްޖޭގެ އިންފްލެޝަން ރޭޓު ހުރީ 1.24 ޕަސެންޓުގަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ އެއް ޕަސެންޓް އިތުރު އަދަދެކެވެ. އެކަމަކު އެއީ މުދަލުގެ އަގުގެ އަސްލު މަންޒަރެއް ނޫނެވެ. އެއީ އެކި ބާވަތްތަކުގެ ޖުމްލަ އަގުން ބޮޑުވެފައި ހުރި ނިސްބަތެވެ.
ބާޒާރުގައި ބަޔަކު މުދާ އުފުލަނީ: ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 1.24 ޕަސެންޓަށް އަރާފައި-- ފޮޓޯ: މިހާރު
އިގްތިސާދާ ބެހޭ ގޮތުން ލިޔުއްވާ އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވީ، ރާއްޖޭގެ އިންފްލޭޝަންގެ ހަގީގަތް ލިޔުންތަކުން ނުފެންނަ މައިގަނޑު ސަބަބަކީ، ސަބްސިޑައިޒް ކޮށްފައި ހުރުމެވެ.
"[ތަފާސްހިސާބުތަކުން] އަދިވެސް މާކެޓްގެ އަސްލު އަގެއް ނުފެނޭ. ސަބަބަކީ ސަރުކާރުން މި ބެއާ ކުރަނީ (ޒިންމާވަނީ) އަހަރެމެންގެ އަގުތަކަށް. މުހިއްމު ގިނަ ކަންކަން މި ހުންނަނީ ސަބްސިޑައިޒްކޮށްފައި،" އޭނާ ވިދާޅުވި އެވެ.
އޭގެ އެއް މިސާލަކީ ސަރުކާރުގެ ތެލުގެ ސަބްސިޑީ އެވެ. ބަޖެޓުގައި 340 މިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް އޮތް އިރު އެ އަދަދު ހަތަރު ގުނައަށް އިތުރުވެ 1.3 ބިލިއަން ރުފިޔާ އަށް ވަނީ އަރައިގެން ގޮސްފަ އެވެ. އޭގެ ގެއްލުން އާންމުން ބޮލުގައި އެޅުމުގެ ބަދަލުގައި ޒިންމާވާނީ ދައުލަތުންނެވެ. ގެއްލުންވާ ހަމައެކަނި ފަރާތަކަށް ހުންނާނީ ދައުލަތް އެކަންޏެވެ. އެ ގެއްލުން މުދަލުގެ އަގުން ނުދެއްކިޔަސް ގައުމުގެ އިގްތިސާދުން ފެންނާނެ އެވެ.
ރާއްޖޭގައި ތެލުގެ ސަބްސިޑީގެ އިތުރުން، ކަރަންޓާއި ފެނާއި، ކާޑުގެ ބާވަތްތަކާއި ސިއްހީ ހިދުމަތާއި ތައުލީމް ވެސް ވަނީ ވަރަށް ބޮޑަށް ސަބްސިޑައިޒްކޮށްފަ އެވެ. އެހެންވެ ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލުމުން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ސަރުކާރުންނެވެ. ބަޖެޓުގައި 4.8 ބިލިއަން ރުފިޔާ ސަބްސިޑީ އާއި ހިލޭ އެހީތަކަށް ކަނޑައަޅާފައިވެ އެވެ. އޭގެއިން ގާތްގަނޑަކަށް 60 ޕަސެންޓް މިހާރު ވަނީ ހޭދަކޮށްފަ އެވެ. އާތިފު ވިދާޅުވީ، އާންމުންނަށް ބޭނުންވާ ގިނަ ކަންތައްތަކަށް ސަބްސިޑީ ދިން ނަމަވެސް، ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ އިންފްލޭޝަންގެ ރާޅުގައި ރާއްޖެ ވެސް ޖެހޭނެ ކަމަށެވެ.
"މިކަން ރާއްޖެ އަށް ވެސް ފެންނާނެ ކަމަށް މި ލަފާކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
އިންފްލޭޝަން ރޭޓު ހުރި މިންވަރު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްކްސްގައި ހާމަކޮށްފައިވާ ގޮތް
ރާއްޖެ އަށް މުދާ އިމްޕޯޓްކުރާ ބޮޑު ވިޔަފާރިޔަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދު ކިތަންމެ ދުޅަހެޔޮކޮށް އޮތަސް، މި އިންފްލޭޝަނަކީ ނައިސް ނުދާނެ އެއްޗެކެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް މި ތޫފާން އައިސްފައިވާ ކަމަށެވެ.
"އަނެއްކާ މީގެ ކޮޅެއް ވެސް ފެންނަން އޮތީއެއް ނޫން. އަޅުގަނޑު ވެސް އަޑުއެހިން ބައެއް ބާވަތްތަކުގެ ކިރާއި ބިސްކޯދާއި ތެލާއި މިކަހަލަ އެއްޗެހީގެ އަގުތައް ބޮޑުވި ވާހަކަ. މިސާލަކަށް، ބިސްކޯދު. އެއީ ރަޝިޔާ އަކީ ފުށުގެ ބޮޑު އެސްޕޯޓެއް. އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީމަ ދެން އެ އަގުބޮޑު ނުވާނެ ގޮތެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
"އޭގެ ގެއްލުންތައް މުސްތަގްބަލުގައި މާ ބޮޑަށް ވެސް ފެނުން ކައިރި. ޔޫކްރެއިން/ ރަޝިޔާ އަކީ ދުނިޔޭގައި ގޮދަން އެންމެ ގިނައިން އުފައްދާ ގައުމުތައް. އެހެންވީމަ ބިސްކޯތާއިި އެފަދަ ތަކެތި އަގު ބޮޑުވެދާނެ. އަނެއްކޮޅުން ތެލުން ކުރާ ހޭދަ ބޮޑުވާ ވަރަކަށް ހުރިހާ މުދަލަކަށް އޭގެ އަގު ބެހިގެން ގޮސް ޖުމްލަކޮށް ހުރިހާ މުދަލެއްގެ އަގު ބޮޑުވުން އެއީ ވާނެ ކަންކަން. އެއީ ކޮންމެހެން ރާއްޖެ އެކަންޏަކަށް ނޫން. ހުރިހާ ގައުމެއް ވެސް އެހެން ވާނެ."
ރާއްޖޭގައި ތަކެތީގެ އަގުތައް އުފުލިދާނެ މުޅިން އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ ޓޫރިސްޓުން އައުން މަދުވެ، ޑޮލަރުގެ އަގު އަނެއްކާ ވެސް އުފުލުމެވެ. ޑޮލަރުގެ ކަޅު ބާޒާރުގައި ބޮޑު ރޭޓުގައި އިމްޕޯޓަރުންނަށް ޑޮލަރު ހޯދަން ޖެހުމުން އޭގެ އަސަރު ތަކެތީގެ އަގުތަކުން ފެންނާނެ އެވެ.
ބާޒާރުގައި ބަޔަކު މުދާ ގަންނަނީ. އެންމެ ބޮޑަށް އަގު އުފުލޭނެ ކަމަށް ބެލެވެނީ ފުށުގެ ބާވަތްތައް--ފޮޓޯ:މިހާރު
އެކަމަކު މުދަލުގެ އަގުތަކަށް ބަދަލު އަޔަސް، އިމްޕޯޓު ކުރާ އެއްޗެހީގެ ޖުމްލަ އަގު އެންމެ ބޮޑުވެގެން ވެސް 25 ޕަސެންޓަށް ވުރެ މައްޗަށް އުފުލިދާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
"ހިޔެއް ނުވޭ އެއްވެސް އެއްޗެއްގެ އަގު 25 ޕަސެންޓަށް ވުރެ ބޮޑުވާނެ ހެނެއް. ބޮޑުވާން ވާ އިރަށް ކޮންމެވެސް އެހެން ގޮތެއް ހޯދޭނެތާ. މީގެ ކުރިން ވެސް އެގޮތަކަށް ދުވަހަކު ވެސް އަގު މައްޗަކަށް ނުދޭ. މިއަށް ވުރެ މާ ބޮޑެތި ގަލްފް ހަނގުރާމަ ހިނގައިގެން ދިޔައިރު ވެސް އެވަރެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނީ 2008 ވަނަ އަހަރު ކުރިމަތިވި އިގްތިސާދީ އަޑިގަނޑުގަ އެވެ. އެ ފަހަރު ތެޔޮ ފީފާއެއްގެ އަގު 166 ޑޮލަރަށް އެރި އެވެ. މި ވަގުތު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 119 ޑޮލަރަށެވެ.
ބާޒާރުގައި މުދާތަކެއް ކައިރީ މީހަކު މަޑުކޮށްލައިގެން: އަގުތައް އަތް ނުފޯރާ ފަށަށް ނާރާނެ ކަމަށް ބައެއް ވިޔަފާރިން ބުނޭ-- ފޮޓޯ: މިހާރު
އެހެން ވިޔަފާރިވެރިއަކު ބުނީ، އާންމުކޮށް މި ބޭނުން ކުރާ ހުރިހާ އެއްޗެއްގެ އަގު ވެސް ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދެތިން މަސް ތެރޭ، އަގުތަކަށް އަންނަ ބަދަލުތައް ވަރަށް ބޮޑަށް ސާފުވާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ދުނިޔޭގެ އިންފްލޭޝަނަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން ރާއްޖެއިން އަޅާނެ ފިޔަވަޅުތަކާ ގުޅޭ މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކާޑާއި ތެޔޮ ގެންނަން އައިޓީއެފްސީގެ ކްރެޑިޓް ލިމިޓް 175 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ) އިތުރު ކުރީ ވެސް މި ހާލަތަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ފިނޭންސުން ބުންޏެވެ.
ކުރިއަށް އޮތީ ވާނެގޮތް އަންދާޒާކޮށްލަން އުނދަގޫ ދުވަސްތަކެއް ނަމަވެސް، މި ވަގުތު ރާއްޖެ އަށް އޮތް އެންމެ ބޮޑު އުންމީދަކީ މި ދަތި އުނދަގޫ ހާލަތުގައި ވެސް ޓޫރިސްޓުން އައުމެވެ. ކުރިއަށް އޮތްތަނުގައި ވެސް ޓޫރިސްޓުން އަންނަ ނަމަ، ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު ކުޑަކުރެވޭނެ އެވެ. އަދި މި އުނދަގޫ ހާލަތުން އަރައިގަނެވިދާނެ އެވެ.
އިންފްލޭޝަން 7.5 ޕަސެންޓަށް އަރާނެ: ވޯލްޑް ބޭންކް
ސިޔާސަތުތައް ބަދަލުކުރަނީ އަސަރު ކުޑަވާ ގޮތަށް: އަމީރު
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ފޮނުވައިފި
މުދަލާއި ހިދުމަތުގެ އަގު 2.9 ޕަސެންޓަށް ބޮޑުވެއްޖެ
އަންނަ އަހަރު އިގްތިސާދު 4.4 ޕަސެންޓުގައި ކުރިއަރާނެ
ސަބްސިޑީ ތިން ގުނަ ކުޑަކޮށް، ސީދާ މީހާއަށް
"އަމާޒަކީ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް ގެންދިއުން"
ސަރުކާރުގެ ހިސާބުތައް އާންމުކުރަން ފަށައިފި
ބައެއް ކުންފުނިތަކާ ހެދި ދައުލަތް ހަފުސްވަނީ!
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު