Roadha Mihaaru
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު

ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު

28 އޮކްޓޯބަރ 2024

މި އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން ޑޮލަރު (354 މިލިއަން ރުފިޔާ) ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން ޑޮލަރު (354 މިލިއަން ރުފިޔާ) ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގައި ސަޕްލިމެންޓްރީ ބަޖެޓު ރިވިއު ކުރާ ކޮމިޓީގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ވިލިމާލެ ޕްރޮޖެކްޓްގެ ތެރެއިން ވެސް 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހިމެނޭ އިރު، އެ ޕްރޮޖެކްޓް ކުރިއަށްދާ މިންވަރަކުން އެކަން ހިލޭ އެހީގެ ތެރެއަށް ވަންނާނެ ކަމަށެވެ.

"އޭގެ އިތުރުން މިހާރު ވެސް ރައީސް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުތަކުގައި ކުރެއްވި މަސައްކަތުން ވާހަކަ ދެއްކެވެމުން އެބަދޭ 40 މިލިއަން ޑޮލަރުގެ ގްރާންޓެއް ލިބުމުގެ މަގުމަތީގައި އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ، މިހާރު ހުރި ދަރަނިތައް އަދާކުރުމަށް ރަހުމަތްތެރި ގައުމުތަކުގެ އެހީ ހޯދުމަށް މަސައްކަތްތައް ކުރާ ކަމަށެވެ.

މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް 1.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓުގައި 199 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ހިމެނޭ އިރު މި އަހަރު ނިމޭ އިރު ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ޖަހާފައިވާ އަދަދު 1.5 ބިލިއަން ރުފިޔާއަށް އަރަ އެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ދިން ލަފާގައި ވެސް ވަނީ ދައުލަތުން ބަޖެޓުގައި ޖަހާ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ކަނޑައަޅާ އަދަދު ނުލިބޭކަން ފާހަގަކޮށްފަ އެވެ. ދައުލަތުން ޖަހާ ހިލޭ އެހީގެ އަދަދު ނުލިބުމުގެ ސަބަބުން ބަޖެޓު ފައިނޭންސިން އަށް އިތުރު ޕްރެޝަރުތައް ކުރިމަތިވާ ކަމަށް ވެސް އޮޑިޓް އޮފީހުން ބުންޏެވެ.