Roadha Mihaaru
އެމް2 ޗިޕާއެކު އާ މެކްބުކް ދައްކާލައިފި

އެމް2 ޗިޕާއެކު އާ މެކްބުކް ދައްކާލައިފި

08 ޖޫން 2022

އެޕަލްގެ ޑިވައިސްތަކަށް ބޭނުންކުރާނެ އާ ޗިޕްސެޓް "އެމް2" އާ އެކު އެ ކުންފުނީގެ ނޯޓްބުކް ލައިން "މެކްބުކް އެއާ"ގެ އާ ޑިވައިސް ދައްކާލައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

އެޕަލްގެ ޑިވައިސްތަކަށް ބޭނުންކުރާނެ އާ ޗިޕްސެޓް "އެމް2" އާ އެކު އެ ކުންފުނީގެ ނޯޓްބުކް ލައިން "މެކްބުކް އެއާ"ގެ އާ ޑިވައިސް ދައްކާލައިފި އެވެ.

އެޕަލް އިން އާ މެކްބުކް އާއި އެ ކުންފުނީގެ ސިލިކަން ޗިޕްސެޓް ދައްކާލާފައި ވަނީ މިހާރު އެ ކުންފުނިން ކުރިއަށް ގެންދާ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ)ގެ ފުރަތަމަ ދުވަހުގަ އެވެ.

އެޕަލްގެ މެކްބުކް އެއާ ލައިންގެ ޑިޒައިނަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެއީ މެކްބުކް އެއާ ލެޕްޓޮޕް އެންމެ ފުރަތަމަ، 2008 ގައި ރިލީޒްކުރި ފަހުން އެ ލެޕްޓޮޕްތަކުގެ ޑިޒައިނަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.

.

.

މީގެ ކުރިން "ވެޖް" ޑިޒައިނެއް ގެންގުޅުނު މެކްބުކް އެއާ މިހާރު ވަނީ "ފްލެޓް" ޑިޒައިނަކަށް ބަދަލުކޮށްފަ އެވެ.

މިހާރު މެކްބުކް އެއާގެ ޑިޒައިން ރީތިވެފައި އަވަސް ވެސް ވާނެ އެވެ. މުޅި ނޯޓްބުކްގެ އެކި ކަންތައް ވަނީ މިހާރު އަޕްގްރޭޑް ކޮށްފަ އެވެ. އޭގެ ތެރެއިން ލިކުއިޑް ރެޓިނާ ޑިސްޕްލޭއަކާއި ސްޓީރިއޯ ސްޕީކަރެއްގެ ބަދަލުގައި ހަތަރު ސްޕީކަރު ވަނީ ޑިވައިސްގައި ހަރުކޮށްފަ އެވެ.

އަލަށް ތައާރަފުކުރި އެމް2 ސިލިކަން އަކީ އެމް1 ސިލިކަން އަށް ވުރެ އެކި ގޮތްގޮތުން އަވަސް ވާނެ ޗިޕެކެވެ. ޖުމްލަ އަށް ސީޕީޔޫ ކޯ އާއި 10 ޖީޕީޔޫ ކޯ އެ ޗިޕްގައި ހިމެނޭ އިރު، ވީޑިއޯ ރެންޑާކޮށް ހެދުމަށް ކުރީގެ ޑިވައިސްތަކަށް ވުރެ 1.4 ގުނަ އަވަސް ވާނެ ކަމަށް އެޕަލް އިން ބުނެ އެވެ.

.

.

މެކްބުކް އެއާ ތުނިވެފައިވާއިރު މިފަހަރު އެ ޑިވައިސްގައި މެގްސޭފް ޗާޖުކުރެވޭ ހިދުމަތް ވަނީ އަލުން ތައާރަފުކޮށްފަ އެވެ.

އެ ޑިވައިސް ވިއްކަން ފަށާ އަގަކީ 1،199 އެމެރިކާ ޑޮލަރެވެ. އެއީ އެމް1 މެކްބުކް އެއާ އަށް ވުރެ 100 ޑޮލަރު އަގުބޮޑު އަދަދެކެވެ.

އައިއޯއެސް އަށް އަޕްޑޭޓެއް

ރޭގައި ބޭއްވި ޑަބްލިއުޑަބްލިއުޑީސީގެ އިވެންޓުގައި ވަނީ އައިފޯންގެ އޮޕަރޭޓިން ސިސްޓަމް އައިއޯއެސްގެ އާ އަޕްޑޭޓް ވެސް ދައްކާލައިފަ އެވެ.

.

.

އައިއޯއެސް 16 އާ އެކު އެންމެ ބޮޑު ބަދަލެއް އަންނަނީ ފޯނުގެ ލޮކް ސްކްރީނަށެވެ. އައިފޯނު ގެންގުޅޭ މީހުންނަށް ލޮކް ސްކްރީންގެ ގަޑި ބަދަލުކޮށް ބޭނުންގޮތަކަށް ޑިޒައިން ކުރުމުގެ ފުރުސަތު ދެން ލިބޭނެ އެވެ. އޭގެ އިތުރުން ލޮކްސްކްރީނުން ބައެއް ކަހަލަ ވިޖެޓުތައް ވެސް ފެންނާނެ އެވެ.

އެންމެ ފާހަގަކޮށްލެވޭ އިތުރު ފީޗާ އަކީ އައިމެސެޖިން އަށް އަންނަ އަޕްޑޭޓެކެވެ. އެ އާ އަޕްޑޭޓާ އެކު ފޮނުވާ މެސެޖުތައް "އަންސެންޑް" ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ޑިލީޓްކުރާ މެސެޖުތައް އަލުން ހޯދުމަށް ވެސް އާ އަޕްޑޭޓާ އެކު ފުރުސަތު ލިބޭނެ އެވެ.