Roadha Mihaaru
ނާގޯށީގެ މަސައްކަތް މިއަހަރު ފަހުކޮޅު ފަށަނީ

ނާގޯށީގެ މަސައްކަތް މިއަހަރު ފަހުކޮޅު ފަށަނީ

11 ޖޫން 2022

އެމްޓީޑީސީން ތަރައްގީކުރާ ހދ.ނާގޯށީގެ މަސައްކަތް މިއަހަރު ފަހު ކޮޅު ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޓީޑީސީން ތަރައްގީކުރާ ހދ.ނާގޯށީގެ މަސައްކަތް މިއަހަރު ފަހު ކޮޅު ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމްޓީޑީސީން ބޭއްވި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، ނާގޯށި ތަރައްގީކުރުމުގެ މަސައްކަތް ފެށޭނީ މިއަހަރުގެ ފަހު ކުޓާގައި ކަމަށެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރޯ ގަލަދާރީއާ އެވެ.

ރޯ ގަލަދާރީން ނާގޯށި ތަރައްގީކުރަނީ އެމްޓީޑީސީއާ ގުޅިގެން ޖޮއިންޓް ވެންޗާއެއް އުފައްދައިގެންނެވެ. މިއީ އެމްޓީޑީސީން އެގޮތަށް ތަރައްގީކުރާ ފުރަތަމަ ރަށެވެ. ނާގޯށީގެ އިތުރުން އެހެން ރަށެއްގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތްތައް އެމްޓީޑީސިން ވަނީ ފަށައިފަ އެވެ.

ނާގޯށި ތަރައްގީކުރަން 300-400 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެ އެވެ. އެ ރިސޯޓުގައި 835 ކޮޓަރި ތަރައްގީކުރަނީ ޖުމްލަ 1670 އެނދު ހިމެނޭ ގޮތަށެވެ.

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ބައިވެރިވަނީ. -- ފޮޓޯ:ފަޔާޒް މޫސާ/މިހާރު

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ބައިވެރިވަނީ. -- ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ ތްރީކޭ އާ އެންމެ ފުރަތަމަ ހަވާލުކުރީ 2007ގަ އެވެ. އެ ރަށުގައި 600 އެނދުގެ ރިސޯޓެއް ތަރައްގީކުރަން އެމްޓީޑީސީން މަސައްކަތް ކުރި ނަމަވެސް ދައްކަން ޖެހޭ ކުލި ގަވައިދުން ނުދެއްކުމުގެ ސަބަބުން، ނުވަ އަހަރު ފަހުން، 2016 ގައި އެ ކުންފުނީގެ އެއްބަސްވުން ބާތިލްކުރީ އެވެ.

އޭރު އެ ރިސޯޓްގެ 37 ޕަސެންޓް މަސައްކަތް އޮތީ ނިންމައިފަ އެވެ. އަދި ރަށުގައި ހަދާ ވިލާތަކާއި ރެސްޓޯރެންޓްތަކާއި އެހެނިހެން އިމާރާތްތަކުގެ ކޮންސްޓްރަކްޝަންގެ ގިނަ މަސައްކަތްތައް ހުރީ ގާތްގަނޑަކަށް އޭރު ނިމިފަ އެވެ. އެ ރަށުގެ މަސައްކަތްކުރަން ބަޔަކު ހޯދަން އެކި ފަހަރު މަތިން މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް އެކަން ކާމިޔާބުވީ މިއަހަރުގެ މާޗް ހިސާބުގަ އެވެ.

އެމްޓީޑީސީން ބުނީ ނާގޯށި ތަރައްގީކޮށް ނިމޭތީ ތިން އަހަރުން ކަމަށެވެ.